ސްލޮވޭކިއާގެ އެޓޭކިންގް މިޑްފީލްޑަރެއް ކަމަށްވާ ވިލިއަމް މެކޯ އާއި ލިވަޕޫލަށް ކުރިން ކުޅުނު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސްޓަރައިކަރު ޑޭވިޑް މޯލީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

އެ ދެ ކުޅުންތެރިން ނިއުއަށް ސޮއި ކޮށްފައި ވާކަން އެ ކްލަބުން މިއަދު ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ. ނިއުއިން އަނެއްކާ ވެސް ބިދޭސީ ދެ ކުޅުންތެރިން ގެނެސްފައި މި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ޓީމަށް ގެނައި ބްރެޒިލްގެ ދެ ފޮވާޑުންނާއި ސްޕެއިންގެ ގޯލްކީޕަރުގެ ފަރާތުން ނިމިގެން ދިޔަ ޕީޕަލްސް ކަޕްގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ނުވާ ކަމަށް ބުނެ، އެ ތިން ކުޅުންތެރިން ދޫކޮށްލުމަށް ފަހު އެވެ.

ބިދޭސީ ތިން ކުޅުންތެރިންގެ އިތުރުން ނިއުއިން ވަނީ މިމަހު އެ ޓީމްގެ ކެޕްޓަން މުހައްމަދު އުމެއިރު ވެސް ދޫކޮށްލާފަ އެވެ. ނަމަވެސް އޭނާ ދޫކޮށްލި ވަކި ސަބަބެއް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނިއުއަށް އަލަށް ސޮއިކުރި ބިދޭސީ ދެ ކުޅުންތެރިންގެ ތެރެއިން މޯލީ އަކީ ލިވަޕޫލްގެ ޔޫތު ޓީމްގައި 2009 ވަނަ އަހަރުން 2012 ވަނަ އަހަރަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އުމުރުން 20 އަހަރުގެ މޯލީ ލިވަޕޫލްގެ ޔޫތު ޓީމަށް ކުޅެދިން މެޗުތަކުގައި ކާމިޔާބު ކުރި ހެޓްރިކް ތަކަށް އޭނާ މައްޝޫރު ވެފައިވާއިރު، 2012 ވަނަ އަހަރު އޭނާ ލިވަޕޫލް ދޫކޮށްލީ ވުލްވްސްއާ ގުޅުމަށެވެ.

ލިވަޕޫލާއި ވުލްވްސްގެ އިތުރުން އިނގިރޭސި ފަސްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބޯރހަމްވުޑް އަށް ވެސް ކުޅެފައިވާ މޯލީ ވަނީ އިންގްލެންޑުގެ 16 އަދި 17 އަހަރުން ދާސުގެ ގައުމީ ޓީމަށްވެސް ކުޅެފަ އެވެ.

މޮލީގެ އިތުރުން ނިއުއަށް ސޮއިކުރި އުމުރުން 33 އަހަރުގެ ވިލިއަމް އަކީ ސްލޮވޭކިއާގެ އެންމެ މަތީ ފަންތީގެ ލީގުތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1999 އަކުން 2006 އަކަށް ސްލޮވޭކިއާގެ އެއްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެފްސީ ޓަޓަރަން ޕްރެސޯވްއަށް ކުޅެ، އެ ކްލަބާއެކު 04-2003 ގެ ސީޒަންގައި ސްލޮވޭކިއާ ލީގުގެ ތިންވަނަ ހޯދާފަ އެވެ.

ވިލިއަމް ވަނީ 2006 ވަނަ އަހަރު ޕްރެސޮވްއިން ސްލޮވޭކިއާގެ އެމްއެފްކޭ ރުޒޮމްރެކް އަށް ބަދަލު ވުމަށްފަހު އެ ކްލަބާއެކު ސްލޮވޭކިއާގެ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި 2009 ވަނަ އަހަރު ހަންގޭރީގެ ކްލަބެއް ކަމަށްވާ ބުޑަޕެސްޓް ހޮންވެޑް އެފްސީއާ ގުޅުމަށް ފަހު އޭނާ ވަނީ އެ ކްލަބާ އެކު އެ އަހަރު ހަންގޭރީގެ ސުޕާ ކަޕް މުބާރާތުގެ ރަނަރަޕްކަން ހޯދާފަ އެވެ.

ވޭތުވެ ދިޔަ ދެ އަހަރު ވިލިއަމް ހޭދަކޮށްފައި ވަނީ ތައިލޭންޑުގެ އެއްވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެންތޮންގް އެފްސީއާ އެކު އެވެ. އަދި ވޭތުވެ ދިޔަ ދެ ސީޒަންގައި އޭނާ ވަނީ އެ ކްލަބަށް 21 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.