10 Feb 2015, 10:37
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 2015 ވަނަ އަހަރު ބޭނުންކުރާނެ ރަސްމީ ޖާޒީ ފަރުމާކުރުމަށް 10،000 ރުފިޔާގެ އިނާމެއް ހުށަހެޅިފައިވާ މުބާރާތެއް ބާއްވަން އެފްއޭއެމުން ނިންމައިފިއެވެ.
އެފްއޭއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މުބާރާތުގައި އެންމެ ރަނގަޅު ޖާޒީއެއް ފަރުމާ ކުރާ ފަރާތަކަށް އެފްއޭއެމުން 10،000 ރުފިޔާގެ އިނާމެއް ދޭން ހަމަޖެހިފައިވާ ކަމަށާއި، އެ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތަކީ ވަކި އުމުރުފުރާއެއް ކަނޑައެޅިފައިވާ މުބާރާތެއް ނޫން ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.
އެފްއޭއެމުން ވަނީ އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް މާދަމާ މެންދުރުފަހު 14:45 އަށް އެފްއޭއެމް ހައުސްއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދި ވަޑައިގެންފައެވެ. އަދި ޖާޒީ ފަރުމާކުރުމަށް ފަހު އެފްއޭއެމަށް ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އޭގެ އިތުރުން އެފްއޭއެމުން ބުނީ ޖާޒީ ފަރުމާކުރުމަށް ފަހު އެފްއޭއެމަށް ހުށައަޅަން ވާނީ ޑިޒައިން ކުރެވިފައިވާ ޖާޒީގެ ސޮފްޓް ކޮޕީއެއް ކަމަށެވެ.