މިމަހުގެ ފަސް ވަނަ ދުވަހު ފެށި ގައުމީ ބީޗް ވިލީބޯޅަ މުބާރާތުގެ އޯޕަންސް އިވެންޓުތަކުގެ ފިރެހެން ބައިގެ ޗެންޕިއަންކަން ގައުމީ ވޮލީބޯޅަ ޓީމްގެ ޕެއަރއެއް ކަމަށްވާ އިސްމާއިލް ސާޖިދު އާއި އަޝްފާގް އާދަމް ހޯދައިފިއެވެ.

ސަޖިދު އާއި އަޝްފާގް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ގައުމީ ވޮލީ ޓީމުގެ ޕެއަރއެއް ކަމަށްވާ ޝިއުނާޒް އަބްދުލް ވާހިދު އާއި އަހުމަދު އަނިލް ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހު އެވެ. އެ މެޗުގެ ސެޓުތައް ސާޖިދު އާއި އަޝްފާގް ކާމިޔާބު ކުރީ 19-21 އަދި 19-21 ގެ ނަތީޖާއަކުންނެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރެހެން ބައިން ތިންވަނަ ހޯދި ޕެއަރ އަކީ މުހައްމަދު ނިހާދު އާއި ޝާއިން މުހައްމަދު އެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އޯޕަންސް އިވެންޓުތަކުގެ އަންހެން ބައިގެ ޗެންޕލިއަންކަން ހޯދީ އައިޝަތު މާޖިދާ އާއި އާމިނަތު އަރީޝާގެ ޕެއަރ އެވެ. ރޭ ކުޅުން އަންހެން ބައިގެ ފައިނަލް މެޗުގައި މާޖިދާ އާއި އަރީޝާ ޗެންޕިއަންކަން ހޯދީ އައިޝަތު ޝައްފަ އާއި ހަލީމަތު ސަމާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހު އެވެ. މާޖިދާ އާއި އަރީޝާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 18-21 އަދި 19-21 ގެ ނަތީޖާއަކުންނެވެ.

އަންހެން ބައިގެ ތިންވަނަ ހޯދި ޕެއަރ އަކީ މަރިޔަމް ހަލީމް އާއި ފާތިމަތު ޖޫޒަން އެވެ.

މިމަހުގެ ފަސްވަނަ ދުވަހުން ނުވަވަނަ ދުވަހާ ހަމައަށް ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށް ގެންދިޔަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި އޯޕަންސް އިވެންޓުތަކުގެ އިތުރުން ޓީމް އިވެންޓުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޓީމް އިވެންޓުތަކުގެ ފިރެހެން ބައިގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދިއިރު، އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ ޕޮލިސް ކްލަބެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތަށް ފަހު މިމަހުގެ 12 އިން 14 އަށް ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ ބީޗް ވޮލީބޯލް ސްކޫލް ފެސްޓިވަލް ކުރިއަށް ގެންދަން ތާވަލް ކޮށްފައެވެ. އަދި މިމަހުގެ ފަހުކޮޅު ފަސްވަނަ އިންޓަ ސްކޫލް ބީޗް ވޮލީބޯލް މުބާރާތްވެސް ވީއޭއެމުން ވަނީ ކުރިއަށް ގެންދަން ހަމަޖެހިފައެވެ.