ގާހިރާ (ފެބްރުއަރީ 10) : މިސްރުގެ ފުލުހުންނާއި އެގައުމުގެ ޒަމާލިކް ކުލަބްގެ ސަޕޯޓަރުންނާ ދެމެދު މިދިޔަ އާދީއްތަ ދުވަހު ގާހިރާގެ ވައިގެ ދިފާއާބެހޭ ފުޓްބޯޅަ ދަނޑުގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ އެހީއެއް ދިނުމަށް މިސްރު ސަރުކާރުން ނިންމައިފި އެވެ.

ފުޓްބޯޅައާ ބެހޭ މިސްރުގެ ފެޑަރޭޝަން އިން އެ ޙާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް އެފެޑަރޭޝަން މެދުވެރިކޮށް 25 ހާސް ޕައުންޑްގެ އެހީއެއްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަން އެމީހުންގެ އާއިލާތަކަށް އަންގަމުންގެންދާ ކަމުގައެވެ. 25 ހާސް މިސްރުޕައުންޑަކީ 3300 އެމެރިކާ ޑޮލަރެވެ.

ގާހިރާގެ ވައިގެ ދިފާއާ ބެހޭ ސްޓޭޑިޔަމްގައި ހިނގި އެ ޙާދިސާގައި 40 މީހުން މަރުވެފައިވާ އިރު އެތައް ބަޔަކަށް ސީރިޔަސް ޒަޚަމްތަކެއް ވެފައިވެ އެވެ. ޒަޚަމްވި މީހުންގެ ތެރެއިން ބައެއްމީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރްސަތު ކުޑަކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މަރުވި މީހުންގެ ޖަނާޒާތައް އިއްޔެ ބާއްވާފައިވާ އިރު މިޖަނާޒާތަކުގައި ބައިވެރިވި މީހުން ވަނީ މިސްރުގައި މިހާރުއޮތީ ރައީސް އަބްދުލްފައްތާޙް އައްސީސީގެ އަސްކަރީ ޚުދުމޚްތާރު ވެރިކަމުގެ ނިޒާމެއް ކަމަށާ މިއީ ސީސީގެ ނިޒާމުން ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ގަތްލުއާންމުތަކުގެ ތެރެއިން ގަތްލުއާންމެއް ކަމަށް ސިފަކޮށްފަ އެވެ. އަދި ޖަނާޒާގައި ބައިވެރިވި މީހުންވަނީ ސީސީގެ ސަރުކާރަށާއި މިސްރުގެ ފުލުހުންނާއި ސިފައިންނާ ދެކޮޅަށް ހަރުކަށި އިބާރާތުން އަޑުއުފުލާފަ އެވެ.

މިދިޔަ އާދީއްތަ ގާހިރާގެ ވައިގެ ދިފާއާބެހޭ ފުޓްބޯޅަ ދަނޑުގެ ކުރިމަތީގައި ފުލުހުންނާއި ޒަމާލިކް ކްލަބްގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުން ހިނގީ އެދަނޑަށް ގަވައިދާ ޚިލާފަށް ވަންނަން އުޅުނު އެތައް ސަތޭކަ ބަޔަކަށް މިސްރުގެ ފުލުހުން ހުރަސްއެޅުމާ ގުޅިގެން އެމީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފިތިބާރުވެގެން ކަމަށާއި މިޙާދިސާގައި ފުލުހުން އެއްވެސް ވަރަކަށް ބާރުގެ ބޭނުންނުކުރާ ކަމަށް މިސްރުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ. ނަމަވެސް މިހާދިސާގައި 40 މީހުން މަރުވެފައިވާއިރު މީގެތެރެ އިން ބައެއް މީހުންގެ ހަށިތަކުން ކަރުނަ ގޭހުގެ އަސަރުފެނި އަނެއްބައި މީހުންގެ ހަށިތަކަށް އުންޑައަރާފައިވާކަމުގެ ނިޝާންތައް އެހަށިތަކުން ފެނިފައިވާކަމަށް ޚަބަރުތައް ބުނެ އެވެ.

އަނެއްކޮޅުން މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ މި 40 މީހުންގެ މަރުގެ މައްސަލާގައި ފުލުހުންނާއި ދާޚިލީ ވުޒާރާ އިން ޒިންމާއުފުލަން ޖެހޭ ނެތް ކަމާއި ޒިންމާ އުފުލަން ޖެހޭނީ ޒަމާލިކްގެ ސަޕޯޓަރުން ކަމަށްބުނެ އެމީހުންގެ މައްޗަށް ދައުވާ އުފުލާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. (އަލްޖަޒީރާ)