10 Feb 2015, 09:18
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ގެއިން ޕިސްތޯލައެއް ފެނުނު މައްސަލަ އާއި ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ރާވާކަމުގެ ތުހުމަތުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ނާޒިމުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ސަން އަށް ވިދާޅުވީ ނާޒިމު ހައްޔަރުކޮށްފައި ވަނީ އެ ދެ މައްސަލައަށް ތުހުމަތުކޮށް ކަމަށެވެ.
"ނާޒިމްގެ އެޕާޓްމަންޓް ސާޗްކުރި އިރު ފެނުނު ތަކެއްޗާއި އިތުރަށް ފުލުހުންނަށް އިންޓެލިޖެންސް ލިބިވަޑައިގެން ކަމަށްވަނީ ދައުލަތާ އިދިކޮޅު ހަރަކާތްތަކެއް ރާއްވަވާކަމަށް." މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ހަތިޔާރު ފެނުމާއި ދައުލަތާ ދެކޮޅަށް ކަންތައްތަކެއް ރޭވި ކަމުގެ ތުހުމަތަކީ އެއް މައްސަލައެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެ މައްސަލަ ޕީޖީއަށް ފޮނުވުމަށް ފަހު ހައްޔަރު ކުރީ ކީއްވެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ނާޒިމު ރޭ ދަންވަރު ހައްޔަރުކޮށްފައިވާ އިރު ނާޒިމްގެ އަނބިކަނބަލުންގެ ގެއަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 3:15ގައި ފުލުހުން ވަދެ، ބަލައި ފާސްކުރި އިރު، ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ފެނިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައިވެ އެވެ.