10 Feb 2015, 00:47
"ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިމަހުގެ 27 ވަނަ ދުވަހު އިއުތިޖާޖަށް ނުކުތުމަށް ދެ ޕާޓީން މިރޭ ނިންމައިފި އެވެ.
ޖޭޕީ އަދި އެމްޑީޕީން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު ދެ ޕާޓީ ގުޅިގެން މާލޭގައި އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އިހުތިޖާޖުގައި ރާއްޖޭގެ އެކި ރަށްރަށުން މީހުން ބައިވެރިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ދެތިން ދުވަހުގެ ނޯޓީސްދީފައި ޖަލްސާ ބޭއްވުމުން، އަތޮޅުތެރޭގެ ރައްޔިތުން ވަރަށް މާޔޫސްވޭ، އެހެންވެ 27 ގައި ޖަލްސާ ބާއްވާ ގޮތަށް ނިންމީ، ރަށްރަށުން އަންނަ މީހުންނަށް ފުރުސަތުދޭން" އަލީ ވަހީދު ވިދާޅުވި އެވެ.
އިދިކޮޅު ދެ ޕާޓީ ގުޅިގެން މިރޭ ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންކަން އެ ދެ ޕާޓީން މިރޭ ވަނީ މީޑިއާ އާއި ހިއްސާކޮށްފަ އެވެ. އެގޮތުން ސަރުކާރުން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ތަޖުރިބާކާރުންގެ ޓީމަކުން ބަލައި ގޮތެއް ނިންމުމަށް މިރޭގެ ބައްދަލުވުމުގައި ނިންމާފައިވާނެ ކަމަށް ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވި އެވެ. އެނާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކަމެެއް ފާހަގަކޮށް އަމަލީ މަސައްކަތްތަށް ފަށާނެ ކަމަށެވެ.
"ސަރުކާރުން ގާނުނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ޝަރުއީ ދާއިރާއަށް ގެންދާނީ ކޮން ކަންތައްތަކެއްތޯ، މަޖިލީގެ ތެރެއިން ހައްލުކުރުމަށް މަސައްކަތް ކުރާނި ކޮން ކަންތައްތަކެއް ތޯ، އާންމު ރައްޔިތުން ބައިވެރިވާ ގޮތަށް ކުރިއަށް ގެންދާނީ ކޮން ކަންތައްތަކެއްތޯ ތަޖުރިބާކާރުންގެ ޓީމުން ނިންމާނެ،" އަމީން ވިދާޅުވި އެވެ.
ގާނޫނުއަސާސީ ދިފާއުކުރުމަށް ކަމަށް ބުނެ ޖޭޕީ އަދި އެމްޑީީޕީން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ޕާޓީތަކުން އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް އިންތިހާބުތަކަށް ކުރިމަތިލުމަށް ފުރުސަތު ގެއްލުވާލުމަށް ކުރަންމުންދާ ކަންކަން ހުއްޓުވުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ޖެހެ އެވެ. ގާނޫނާއި ހިލާފަށް މަޖިލިހުގެ ތެރެއިންނާއި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވުމަށް އެކުގައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުން ހިމެނެ އެވެ. އެކިއެކި ފަރާތްތަކަށް ސަރުކާރުން ބިރުދެއްކުމަށް ކުރާކަންކަން ބެލުން ހިމެނޭކަމަށް އެއެއްބަސްވުމުގައި ބުނެފައިވެ އެވެ.