10 Feb 2015, 00:08
އަޑިއަށް ދިޔަ ބޭރުގެ ބޯޓެއް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
އެ ބޯޓު އޮޔާ ދަނީ ކ. ކާށިދޫގެ ހުޅަނގު ދެކުނުން 12 ނޯޓިކަލް މޭލުބޭރުންނެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު މިރޭ ވިދާޅުވީ އަޑިއަށް ގޮސްފައިވާ އެ ބޯޓަކީ ރާއްޖެއިން ބޭރުގެ އުޅަނދެއް ކަމަށެވެ.
ދެފެން ދޭތެރޭގައި އޮތް އެ ބޯޓުގެ ބައެއް ފެން މައްޗަށް ފަސް ވަރަކަށް ފޫޓް ހިއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އަލިކަމެއް ނެތި އެ އުޅަނދު އޮޔާދާތީ އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުތަކުން ޚާއްޞަ ސަމާލު ކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޯސްޓްގާޑުން ބުނީ އެ އުޅަނދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.