09 Feb 2015, 22:35
ކޮންމެ އަހަރެއްތެރޭ އަށް ޕަސެންޓަށް ހަކަތަކަށް އޮތް ޑިމާންޑު ބޮޑުވާ ކަމަށާއި ހަކަތަ އުފައްދާ މިންވަރު މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށް އެންވަޔަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ތިމާވެއްޓަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން "ސަޕޯޓް ފޯ ކްލައިމެޓް ނިއުޓްރަލިޓީ ސްޓްރެޓެޖީ އޮފް ދަ މޯލްޑިވްސް" ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު ވިދާޅުވީ ހަކަތައަށް އޮތް ޑިމާންޑް ރާއްޖޭގައި ބޮޑުވަމުންދާއިރު ހަކަތަ އުފައްދާ ވަސީލަތުގެ މަދުވުމަކީ ބޮޑު ބިރެއް އޮތް ކަމަށެވެ.
"ރާއްޖޭގެ އާބާދީ ބޮޑުވަމުން އަންނަ އިރު ހަކަތަ އުފައްދަން ޖެހޭ މިންވަރު އަންނަނީ އިތުރު ވަމުން. އެއާއެކު ރާއްޖޭގައި ހަކަތައަށް ބޭނުންވާ ޑިމާންޑް އަންނަނީ ކޮންމެ އަހަރު އަށް އިންސައްތައަށް އިތުރުވަމުން. މި އަދަދަކީ ރާއްޖެފަދަ ތަނަކަށް ބިރެއް އޮތްވަރު ބޮޑު އަދަދެއް. ސަބަބީ ރާއްޖެއަކީ އެފަދަ އަދަދަކަށް ހަކަތަ އުފައްދަން ޖާގަ އާއި ވަސީލަތްތައް ނެތް ތަނަކަށް ވާތީ،" ތާރިގު ވިދާޅުވި އެވެ.

ހަކަތަ ބޭނުންކުރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން އިތުރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި މިއަދު ފެށި ފޮޓޯ މައުރަޒަކީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މައުރަޒެކެވެ. އެ މައުރަޒަކީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ޖީއައިޒީ" އާއި ޖަރުމަނުގެ ފެޑެރަލް މިނިސްޓްރީ ފޮ އެންވަޔަރަމެންޓާއި ނޭޗާ ކޮންޒަވޭޝަން އަދި ބިލްޑިން އެންޑް ނިއުކްލިއާ ސޭފްޓީ އިން ގުޅިގެން ބާއްވާ މައުރަޒެކެވެ.
އެ ރަސްމިއްޔާތުގެޝަރަފުވެރި މެހްމާން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތިމާވެށީގެ ގޮތުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތައް މިހާރަށްވުރެ ކުޑަ ކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިއާދަ ކުރަނިވި ހަކަތައަށް ރާއްޖެ އަނބުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.