12 Feb 2011, 20:42
ބާން: މަޤާމުން ދުރުކުރެވުނު މިސްރުގެ ރައީސް ޙުސްނީ މުބާރަކާއި އޭނާގެ ޢާއިލާ އާއި އޭނާގެ އެހީތެރިންގެ އެސެޓް (ފައިސާއާއި ހަރުމުދާ) ތައް ފްރީޒްކޮށްފައިވާ (ބަންދު ކުރުން) ކަމަށް ސްވިޒަލޭންޑުން ހާމަކޮށްފި އެވެ. ސްވިސް ޚާރިޖިއްޔާގެ ތަރުޖަމާން ލާސް ނޮޗޭލް ވިދާޅުވި ގޮތުގައި ސްވިޒަލޭންޑްގައި ހުރި މުބާރަކްގެ ހުރިހާ އެސެޓްތަކެއް މިހާރުވަނީ ތިން އަހަރުގެ މުއްދަތައް ފްރީޒް ކޮށްފަ އެވެ. ނަމަވެސް ސްވިޒަލޭންޑްގައި ހުރި އެ ފަރާތްތަކުގެ އެސެޓްތަކުގެ މިންވަރެއް ނުވަތަ ސްވިސް ބޭންކް ތަކުގައި ހުރި އެފަރާތްތަކުގެ ފައިސާގެ ޢަދަދެއް ސްވިސް ޚާރިޖިއްޔާގެ ތަރުޖަމާން ހާމައެއް ނުކުރައްވަ އެވެ. ޚަބަރުތައް ބުނާ ގޮތުން ސްވިޒަލޭންޑްގެ ސަރުކާރުން ފްރީޒް ކުރީ މުބާރަކާއި އޭނާގެ ޢައިލާގެ މެންބަރުންނާއި މުބާރަކްގެ އިސްއެހީތެރިންގެ ތެރެއިން 20 މީހެއްގެ އެސެޓެވެ.
މުބާރަކާއި އޭނާގެ ޢާއިލާގެ މުއްސަނދިކަން 40 ބިލިޔަން އެމެރިކާ ޑޮލަރާއި 70 ބިލިޔަން އެމެރިކާ ޑޮލަރުގެ ދެމެދުގައިވާ ކަމަށް އިނގިރޭސިވިލާތުގައި ނުކުންނަ ގާޑިޔަން ނޫސް ބުނެފައިވެ އެވެ. ނަމަވެސް މުބާރަކްގެ އެހީތެރިންގެ އެސެޓްތަކުގެ މިންވަރު އަދި ހާމަވެފައެއް ނުވެ އެވެ.
މެދުއިރުމަތީގެ ތަޖުރިބާކާރުންނާ ޙަވާލާދީ ގާޑިޔަން ބުނި ގޮތުގައި މުބާރަކް މިފައިސާ އެއްކުރައްވާފައި ވަނީ މިސްރުގައި ކުރާ އިންވެސްޓްމަންޓްތަކުގެ ޙިއްސާ ހޯއްދަވައިގެންނެވެ. މިފައިސާގެ ބޮޑު ބައި މިސްރުން ބޭރަށް ގެންގޮސް މީގެތެރެއިން އެއްބައި ސްވިސް ބޭންކާއި އިނގިރޭސިވިލާތުގެ ބޭންކްތަކުގައި ނަގުދުގެ ގޮތުގައި ރައްކާކޮށްފައިވާ ކަމަށާއި އަނެއްބައި ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ދުބާއި ފަރަންސޭސިވިލާތް، ސްޕޭން، އަދި ޖަރުމަނުގައި ރިއަލްއެސްޓޭޓްގެ ގޮތުގައި ކަމަށް ވެސް އެ ނޫސް ބުނެފައިވެ އެވެ.
މުބާރަކްގެ އެސެޓްތަކުގެ ތެރޭގައި ހިމެނޭ ރިޔަލް އެސްޓޭޓްގެ ގޮތުގައިވާ ތަކެތީގެ ތެރޭގައި ލަގްޒަރީ ހޮޓާތަކާއި ކުންފުނިތަކުގެ ޙިއްސާތަކާއި ގެދޮރާއި އެޕާޓްމަންޓްތަކާއި ފެކްޓްރީތައް ފަދަ ހަރުމުދާ ހިމެނެ އެވެ. މެދުއިރުމަތީގެ ތަޖްރިބާކާރެއް ކަމުގައިވާ ކްރިސްޓޮފާ ޑޭވިޑްސަން ވިދާޅުވި ގޮތުގައި މުބާރަކާއި އޭނާގެ އަނބިކަނބަލުންނާ އަދި ދެދަރިކަލުން މުދާތައް އެއްކުރައްވާފައި ވަނީ ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ ކުންފުނި ތަކާއެކު ވިޔަފާރީގައި ބައިވެރިވެގެންނާއި އެނޫން ގޮތް ގޮތުން ހޯދާ ނާޖާއިޒު ފައިދާތަކުންނެވެ.
މިގޮތުން މިސްރުގައި އިންވެސްޓް ކޮށްފައިވާ ބޭރުގެ ބައެއް ފަރާތްތަކުގެ އިންވެސްޓްމަންޓްތަކުގައި މުބާރަކްގެ ޢާއިލާގެ 50 ޕަސެންޓް ހިއްސާ ހިމެނެ އެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުން މިސްރު ގަންނަ ހަތިޔާރުގެ ޝިޕްމަންޓްތަކުން ވެސް މުބާރަކާއި އޭނާގެ ޢާއިލާ ނާޖާއިޒު ގޮތެއްގައި ބޮޑެތި ފައިދާތަކެއް ނަންގަވަމުން ގެންދަވާ ކަމަށް މިނޫސް ބުނެ އެވެ. މުބާރަކްގެ ޢާއިލާއިން ގަނެފައިވާ ހަރުމުދާތަކުގެ ތެރޭގައި ޕާސަނަލް ޖެޓް މަތިންދާބޯޓުގެ ދެ ބޯޓާއި 60 މިލިޔަން ޔޫރޯގެ ލަގްޒަރީ ޔޮޓެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.