09 Feb 2015, 19:31
ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން ރައީސް އޮފީހުން އަންގައިފި އެވެ. އެ އިމާރާތް ހުސްކޮށްދިނުމަށް ރައީސް އޮފީހުން ފުލުހުންނަށް އަންގާފައި ވަނީ އިއްޔެ އެވެ.
ބާ ޖަމާލުއްދީން ހުރި އިމާރާތަކީ މީހުން ވަދެ އުޅުމަށް އެއްގޮތަކަށް ވެސް ކަމުދާ ވަރަށް ވުރެ ހާލު ދެރަ ތަނެއް ކަމަށް ބުނެ އެ އިމާރާތް ހުސްކުރަން މީގެ ކުރިން ވެސް ސަރުކާރުން ވަނީ ތަކުރާރުކޮށް ޔުނިވާސިޓީއަށް އަންގާފަ އެވެ. އަދި އެ މައްސަލަ ހޫނު ވެސްވި އެވެ.
ބާ ޖަމާލުއްދީން ހުސްކުރާ ގުޅޭގޮތުން '"ސަން"އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ، އެ އިމާރާތް ހުސްކުރަން ޔުނިވާސިޓީއަށް އަންގާފައި އޮންނަތާ ގާތްގަނޑަކަށް 14 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ނަމަވެސް އެކަމަށް ޔުނިވާސިޓީން އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުނގަޑުމެން ސަރުކާރަކުން ތައުލީމަކަށް ހުރަހެއް ނާޅާނަން. ދައުލަތުން ޔުނިވާސިޓީއަށް ބޮޑު ހޭދަ ގައުމީ ޔުނިވާސިޓީއަށް އިމާރާތްތަކާއި ބިންތަކާ ދެވިފައި އެބަހުރި. އަދި އެ ޔުނިވާސިޓީން ބޭނުންނަމަ ސަރުކާރުން އޮތީ ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، "ގައުމީ ޔުނިވާސިޓީން އެކުދިން މަގުމަތި ކޮށްގެން ނުވާނެ ކަމަށާއި ޔުނިވާސިޓީން އެކުދިންނަށް ގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭނެ،" ކަމަށެވެ. އަދި އެ ޔުނިވާސިޓީގައި އެ ގާބިލްކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ބާވެ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތް އެ އިމާރާތް ހުސްކުރުމަށް މިދިޔަ އަހަރު ވެސް ޔުނިވާސިޓީއަށް އަންގާފައިވެ އެވެ. އަދި އެ އިމާރާތް ހުސްކުރަނީ ވެސް އެ ސަބަބައްޓަކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވަރަށް ބޮޑަށް ބާވެ ރެނދުލައިފައިވާ ބާ ޖަމާލުއްދީން ހިންގަމުން އަންނަ އެ އިމާރާތުން މީގެ ކުރިންވެސް ދަރިވަރުން ކިޔަވަމުންދަނިކޮށް ތަންގަނޑު ގަނޑު ވެއްޓި ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ އެއްވެސް އިސްފަރާތަކާ ގުޅޭގޮތް ވަނީ ނުވެފައެވެ.
ގައުމީ ޔުނިވާސިޓީގެ ޖީ ބްލޮކް ހިންގަމުން އަންނަ ބާ ޖަމާލުއްދީން ހުސްކުރަން އަންގާފައިވާއިރު، ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ހިންގަމުން ދިޔަ ހ. ސޯސަންގޭ ހުސްކުރުމަށް ތަކުރާރުކޮށް އެންގުވުމުންވެސް ޔުނިވާސިޓީ އިން އެކަން ކޮށްފައި ނުވުމުން ކަމަށް ބުނެ، ފުލުހުން އެގެ ހުސްކުރުމުގެ މަސައްކަތް ވަނީ ފަށައިފި އެވެ.