09 Feb 2015, 18:10
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށް ޕީޖީއަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދު އެވެ.
ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފް އަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:15 ގަ އެވެ. ނާޒިމް ދިރިއުޅުއްވާ އެ ގެ ބަލައި ފާސްކުރި އިރު ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ފެނިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވި އެވެ.
ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނިތާ ތިން ދުވަސް ފަހުން އެމަނިކުފާނު ވަނީ ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާފަ އެވެ.