09 Feb 2015, 16:51
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމް ކޮށްގެން މި އަހަރު ބާއްވަން ނިންމި އަހަރުގެ ފުރަތަމަ ބިލިއާޑް މުބާރާތް، އެސޯސިއޭޝަން އޯޕަން 8-ބޯލް ޗެންޕިއަންޝިޕް މިމަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ބިލިއާޑް އެސޯސިއޭޝަނުން ބުނީ މީގެ ކުރިން މިމަހުގެ އެކަކުން 15 އަށް ކުރިއަށް ގެންދަން ރޭވި އެ މުބާރާތް ލަސްކުރަން ނިންމީ އެ އެސޯސިއޭޝަންގެ ބިލިއާޑް ހޯލްގައި ރެނޮވޭޝަން މަސައްކަތްތަކެއް ކުރަން ޖެހުމުން ކަމަށެވެ.
އެސޯސިއޭޝަން އޯޕަން 8-ބޯލް ޗެންޕިއަންޝިޕް މިޙާރު މިމަހުގެ 16 އިން 25 އަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އެމްޕީބީއޭއިން ބުނީ އެ މުބާރާތް ލަސްކުރެވުނު ނަމަވެސް ދެން ކުރިއަށް އަހަރުތެރޭ ބާއްވަން ރާވާފައިވާ އެހެން މުބާރާތްތަކުގެ ތާވަލަށް ބަދަލު ނާންނާނެ ކަމަށެވެ.
އޭގެ އިތުރުން އެމްޕީބީއޭއިން ބުނީ އެ މުބާރާތް މިހާރު ރަސްމީކޮށް އިއުލާނު ކުރެވިފައި ވާނެ ކަމަށާއި، އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތައް ހުށައަޅަންޖެހޭ ފޯމް މިހާރު އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބައިވެރިވާން އެދޭ ފަރާތްތައް ފޯމް ފުރުމަށްފަހު މިމަހުގެ 12 ވަނަ ދުވަހުގެ 11:00ގެ ކުރިން އެސޯސިއޭޝަނަށް ހުށައެޅުމަށް އެމްޕީބީއޭއިން ވަނީ ކަނޑައަޅާފަ އެވެ.
އެސޯސިއޭޝަން އޯޕަން 8-ބޯލް ޗެންޕިއަންޝިޕްގެ އިތުރުން އިތުރު ހަތް މުބާރާތެއް މިއަހަރުތެރޭ ބޭއްވުމަށް އެމްޕީބީއޭއިން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ރޭންކް ކުރެވޭ ތިން ގައުމީ މުބާރާތާއި އިތުރު ހަތަރު މުބާރާތް ހިމެނޭއިރު، މިއަހަރުގެ ޖޫން މަހު އެމްޕީބީއޭއިން ވަނީ އެ އެސޯސިއޭޝަންގެ ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމްވެސް ފަށަން ތާވަލް ކޮށްފައެވެ.