09 Feb 2015, 16:18
މިމަހުގެ ފަހުކޮޅު ރާއްޖެ އަންނަން ހަމަޖެހިފައިވާ ފީފާގެ ޑެލިގޭޝަންގެ އެހީތެރިކަމާ އެކު އެފްއޭއެމްގެ 'ގޯލް ޕްރޮޖެކްޓްސް'ތައް އަލުން ފަށަން ރާވާފައިވާ ކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.
މިއަދު 'ސަން'އަށް މައުލޫމާތު ދެމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިމަހު ރާއްޖެ އަންނަން ހަމަޖެހިފައިވާ ފީފާގެ ޑެލިގޭޝަންގެ އެހީތެރިކަމާ އެކު މީގެ ކުރިން ހިންގަން ރޭވި، ނަމަވެސް މިހާރު ހުއްޓިފައިވާ އެފްއޭއެމްގެ 'ގޯލް ޕްރޮޖެކްޓްސް'ތައް އަނެއްކާ ފަށަން ރާވާފައިވާ ކަމަށެވެ.
"ފީފާގެ ޑެލިގޭޝަން ރާއްޖެ އައުމުން އެފްއޭއެމުން ކުރިން ހިންގި ގޯލް ޕްރޮޖެކްޓްސްތައް އަލުން ފެށުމުގެ މަޝްވަރާތައް ކުރެވިގެން ދާނެ. އެ ޕްރޮޖެކްޓުގެ ދަށުން ފީފާގެ އެހީތެރިކަމާ އެކު ޓާފް ދަނޑެއް އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ. އެއީ މީގެ ކުރިން ވެސް ރާވާފައިވާ ޕްރޮޖެކްޓެއް، ނަމަވެސް އެކަން އޮތީ ހުއްޓިފައި. އަޅުގަނޑުމެނަށް ގޯލް ޕްރޮޖެކްޓުގެ ދަށުން އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނީ އެ މަސައްކަތް ނިމުމުން،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ގޯލް ޕްރޮޖެކްޓުގެ މަޝްވަރާތަކުގެ އިތުރުން އެފްއޭއެމްގެ ސްޓެޓިއުޓްސް އިސްލާހު ކުރުމުގެ މަސައްކަތުގައި ފީފާގެ ޑެލިގޭޝަންގެ މަޝްވަރާ ލިބިގެން ދާނެ ކަމަށެވެ. އަދި އައްޑޫގައި ގާއިމް ކުރެވިފައިވާ ޓާފް ދަނޑަށް ދިމަވެފައިވާ މައްސަލަތައް އެ ބޭފުޅުން ބައްލަވާލެއްވުމަށް ފަހު އެކަން ހައްލު ކުރުމަށް ފީފާ އިން އެހީތެރިކަން ލިބިގެން ދާނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
"ގޯލް ޕްރޮޖެކްޓުގެ އިތުރުން ސްޓެޓިއުޓްސް އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް ފީފާގެ ޑެލިގޭޝަން އެހީތެރި ވެދޭނެ. އަދި އެކަންކަމުގެ އިތުރުން އައްޑޫގައި މިހާރު ގާއިމް ކުރެވިފައިވާ ޓާފް ދަނޑުގައި މައްސަލަތަކެއް އުޅޭތީ އެ ބޭފުޅުން އެކޮޅަށް ގޮސް އެކަންވެސް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައި. އައްޑޫ ދަނޑަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ވެސް ފީފާގެ އެހީތެރިކަން ލިބިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ފީފާގެ ޑެލިގޭޝަން މިމަހުގެ 24 އެހާތާ ރާއްޖެ އަންނާނެ ކަމަށާއި، އެ ބޭފުޅުން ރާއްޖޭގައި ހަފްތާއެއްހާ ދުވަސް މަޑުކުރައްވާނެ ކަމަށެވެ. އަދި އެ ޑެލިގޭޝަންގައި ރާއްޖެ އަންނާނީ ފީފާގެ ދެ ބޭފުޅުން ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ސްޓެޓިއުޓްސް އިސްލާހު ކުރުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުމަށާއި، ރާއްޖޭގެ ފުޓްބޯޅައިގެ މަސްރަހަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކޮށް، ރާއްޖޭގައި ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމަށް ފީފާއިން އެހީތެރިވެވޭނެ ދާއިރާތައް ދެނެގަތުމަށް ފީފާގެ ޑެލިގޭޝަނެއް ރާއްޖެ އަންނަން ހަމަޖެހިފައި ވާކަން އެފްއޭއެމުން ހާމަކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ފީފާއިން އެފްއޭއެމް ހިންގުމަށް ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.