09 Feb 2015, 15:59
ގާހިރާ (ފެބްރުއަރީ 9) : ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން މިސްރަށް ވަޑައިގެން އެގައުމުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ ބައްދަލުކުރައްވައިފި އެވެ.
ޕޫޓިންގެ މިދަތުރުފުޅާ ބެހޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިންބުނީ މިއީ، ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ ދަތުރުފުޅެއްކަމަށާއި މިސްރާއި ރަޝިޔާއާދެ މެދު ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަކީ މިދަތުރުފުޅުގެ މައިގަނޑު މަގްސަދުކަމުގަ އެވެ. ޕޫޓިން، މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ ބައްދަލުކުރައްވާފައިވާ އިރު މިސްރުގެ ބޮޑުވަޒީރާއި އެހެން މަސްއޫލުވެރިންނާ ވެސް އޭނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ކްރެމްލިން އިން ނެރުނު ބަޔާނެއް ބުނެ އެވެ.
ޕޫޓިންއާއި ސީސީ މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި އިރާގުގެ މައްސަލައާއި ސޫރިޔާގެ މައްސަލައިގެ އިތުރުން ފަލަސްތީނުގެ މައްސަލައާއި ލީބިޔާގެ މައްސަލައާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް މިސްރުގެ މީޑިޔާ ބުނެ އެވެ. މިބައްދަލުކުރެއްވުމަށް ފަހު ރަޝިޔާގެ އީޓަރޓާސް ނޫސްއެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވީ ހުރިހާ މައިދާނެއްގައި ވެސް ރަޝިޔާގެ ތަޖްރިބާ އާއި އެހީތެރިކަން މިސްރު ބޭނުންވާކަމުގަ އެވެ. އަދި ޕޫޓިންއަކީ "އާދަޔާޚިލާފު ވަރުގަދަ ޝަޚްސިއްޔަތެއް" ކަމަށް ސީސީ ސިފަކުރެއްވި އެވެ.
ޕޫޓިންގެ ޝަރަފުގައި ގާހިރާގެ އޮޕެރާ ހައުސްއިން ބޭއްވި މިޔުޒިކީ ހަފްލާއަކަށް މިއަދު އޭނާވަނީ ޙާޒިވެ ވަޑައިގެންފަ އެވެ. ސީސީ ވަނީ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު ދިފާޢީ ވަޒީރަކަށް ހުންނަވައިގެން 2014 ވަނަ އަހަރު ރަޝިޔާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ޕޫޓިންއާ ކްރެމްލިންގައި ބައްދަލުކުރައްވާފަ އެވެ. ޕޫޓިންގެ މިދަތުރުފުޅަކީ ރަޝިޔާގެ ރައީސަކު 10 އަހަރު ތެރޭގައި މިސްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޔުކްރޭންގެ މައްސަލާގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުތައް ކުޑަކުރުމަށް ޓަކައި ޕޫޓިން ގެންދަވަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. (ރޮއިޓާސް)