ސަފާރީތަކަށް ބޭނުންވާ އަމާން ރައްކާތެރި ދާއިމީ ބަނދަރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތުގައި ސަފާރީތަކުގެ ބެލެނިވެރި ފަރާތް، ލިވަބޯޑް އެސޯސިއޭޝަން (ލޭމް) އާއި ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އެކުގައި މަސައްކަތްކުރުމަށް ނިންމައިފި އެވެ.

ލޭމް ގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، މިހާރު ސަފާރީތައް އަޅާފައި އޮންނަ ހުޅުމާލޭ ފަޅުގެ ސަރަހައްދަކީ ބޭރު ތޮއްޓެއް ނެތް ތަނެއްކަމުން ސަފާރީތަކަށް އަންނަ ފަތުރުވެރިންނާއި ގައިޑުންގެ އިތުރުން ކުރޫ އިން ވެސް ތިބެންޖެހެނީ ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

"ސަފާރީ ބަނދަރުގެ މައްސަލާގައި ލޭމް އާއި އެމްއެސްއޭ އިން އެކުގައި މަސައްކަތްކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ނިންމާފައި،" އިއްސެ ވިދާޅުވި އެވެ.

ލޭމްގައި ރަޖިސްޓްރީ ވެގެން 150 އަށް ވުރެ ގިނަ ސަފާރީތަކާއި ޔޮޓްތައް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިރު، އެ ސަފާރީތަކުގެ އެންމެ ފުރަތަމަ ބަނދަރަކީ މާލޭގެ ޓީ-ޖެޓީ އެވެ. ނަމަވެސް ސަރުކާރުގެ އެންގުމަކަށް އެތަނުން އެ އުޅަނދުތައް ނުކުންނަން ޖެހުނެވެ. ދެން ސަފާރީތަކުގެ ބަނދަރަށް ހެދީ މިހާރު ވެސް ސަފާރީތައް އަޅާފައި އޮންނަ ހުޅުމާލެ ފަޅާއި ގުޅީ ފަޅެވެ.

މީގެ އިތުރުން، ސަފާރީތަކަށް ހާއްސަ ބަނދަރެއް މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަޅުގައި ހެދުމަށް 2012 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް ޓްރާސްޕޯޓް މިނިސްޓްރީ އުވާލުމާ ގުޅިގެން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. އަދި އެކަމުގެ ކަންބޮޑުވުމާ އެކު ލޭމް އިން ވަނީ އެކަމާ ގުޅުން ހުރި މިނިސްޓްރީ ތަކާ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

އިއްސެ ވިދާޅުވީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޔޮޓް މެރީނާގައި އެއްގެ ވާހަކަ މީޑިއާ މެދުވެރިކޮށް އަޑުއިވިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ އެއްވެސް މަޝްވަރާއެއް އެ އެސޯސިއޭޝަނާ ކޮށްފައިނުވާ ކަމަށެވެ. އަދި އެތަނުގެ އަގުތައް ހިއްސާކޮށްފައި ނުވާ އިރު، ދިވެހިންގެ ސަފާރީތަކަށް ދެއްކޭ ވަރުގެ އަގެއްތޯ ބަލަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބަނދަރުގެ މައްސަލައިގެ އިތުރުން ސަފާރީތަކުން ގެންދާ ސާފިން ދަތުރުތަކުގައި ސާފިން އެސޯސިއޭޝަން އިން ގަބޫލުކުރާ ފެންވަރުގެ ސަނަދެއް އޮންނަ ދިވެހި ގައިޑުން ގެންދިއުމަށް ވެސް ދެ އެސޯސިއޭޝަން ދެމެދު މަޝްވަރާކުރެވި އެއްބަސްވެފައިވެ އެވެ.

"މިހާރު ވެސް ސާފިން ދަތުރުތަކުގައި ދިވެހި ގައިޑުން ބޭނުންކުރަން. ނަމަވެސް ބައެއް ބޭރު މީހުން އޮޕަރޭޓްކުރާ ރިސޯޓްތަކާއި ސަފާރީތަކުގައި ބިދޭސީ ގައިޑުން ބޭނުންކުރޭ. އަޅުނގަޑުމެންގެ އަމާޒަކީ ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، ކޮންމެ ސާފިން ދަތުރެއްގައި މަދުވެގެން އެއް ދިވެހި ގައިޑަކު ބައިވެރިކުރުވުން." ލޭމްގެ ރައީސް ހައިރައިޒް އިއްސެ ވިދާޅުވި އެވެ.