12 Feb 2011, 15:22
މިސުރުގެ ރައްޔިތުން އެބައިމީހުންގެ މިނިވަންކަމާއި ޙައްޤުތަކުގެ ދިފާޢުގައި ކުރި މަސައްކަތް ކާމިޔާބުވެ، ޑިކްޓޭޓަރު ޙުސްނީ މުބާރަކު ވެރިކަން ދޫކުރައްވައި ފިއްލެވުމާ ގުޅިގެން، ދުރު މުސްތަގުބަލެއްގައި ޤައުމުގެ ވެރިކަމުގެ ބާރުތަކާ ޙަވާލުވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯ މި ސުވާލާ މެދު ގިނަ ބަހުސްތަކެއް ކުރެވެއެވެ. މިފަދަ ބަހުސްތަކުގައި އެ ބޭފުޅެއްގެ ނަންފުޅު އެންމެ އާއްމުކޮށް ގެނެވޭ އެއް ބޭފުޅަކީ މުޙައްމަދު މުސްޠަފާ އަލް ބަރާދަޢީއެވެ. ހަމައެފަދައިން، ކަންތައްތައް ވެގެން ދާ ގޮތަކުން ޤައުމުގެ ވެރިކަމަށް މިހާރުގެ ނާއިބު ރައީސް ޢުމަރު ސުލައިމާން ވަޑައިގަތުމަކީ ވެސް ދުރުކަމެއް ނޫނެވެ.
އަލްބަރާދަޢީ
މުޙައްމަދު މުސްޠަފާ އަލްބަރާދަޢީ އަކީ މިހާރު މިސުރުގެ ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން ފަރުދެއްގެ ގޮތުގައި އެންމެ ވިދުން ގަދަ ލީޑަރު ކަމަށް ދެންނެވިދާނެއެވެ. ޢުމުރުފުޅުން 68 އަހަރުގެ އަލްބަރާދަޢީ އަކީ ޤާނޫނީ ޢިލްމުވެރިއެކެވެ. ޑިޕްލޮމެޓެކެވެ. އދ. ގެ ދަށުން ހިނގާ ބައިނަލް އަޤުވާމީ ޖަމްޢިއްޔާއެއް ކަމަށް ވާ "އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ" ނުވަތަ "އައިއޭއީއޭ" ގެ ޑިރެކްޓަރ ޖެނެރަލްކަން އޭނާ ހަތަރު އަހަރުގެ ތިން ދައުރު ވަންދެން ކުރެއްވިއެވެ. އެއީ 1997 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ. 2005 ވަނަ އަހަރު އޭނާއަށް ނޮބެލް ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގަތެވެ. މީގެ އިތުރުން އަލްބަރާދަޢީއަށް އޮސްޓްރިއާއާއި ޖަރުމަނާއި އެމެރިކާއާއި އަޔަރލޭންޑާއި އިންޑިޔާ ފަދަ އެތައް ޤައުމަކުން ޝަރަފުވެރި އެތައް ލަޤަބުތަކަކާއި އެވޯޑުތަކެއް ލިބިވަޑައިގެންފައި ވެއެވެ. އެހެންކަމުން މިއަދުގެ ބައިނަލްއަޤުވަމީ މުޖުތަމަޢުގައި އެންމެ މަޤުބޫލު މިސުރީ ލީޑަރަކީ އޭނާ ކަމަށް ވެސް ދެންނެވިދާނެއެވެ.
އަލްބަރާދަޢީ އައިއީއޭއީގެ ޑިރެކްޓަރ ޖެނެރަލްކަން ކުރައްވާފައިވަނީ ވަރަށް ފުރިހަމަޔަށް ކަމަށް ބައިނަލް އަޤުވާމީ މުޖުތަމަޢު ގަބޫލުކުރެއެވެ. ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރުތައް ހުރި ކަމަށް ބުނެ އެ ޤައުމަށް އަރައިގަންނަން އެމެރިކާ އުޅުމުން، އައިއީއޭއިން ބަރާދަޢީގެ ޒައާމަތުގައި ޢިރާޤަށް ގޮސް ކުރި މަސައްކަތްތަކަށް ވެސް މުޅި ދުނިޔޭގެ ރުހުން ލިބުނެވެ. ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރެއް ނެތް ކަމަށް 2003 ވަނަ އަހަރު އދ. ގެ ސެކިޔުރިޓީ ކައުންސިލަށް ބަރާދަޢީ ހުށަހެޅުއްވި ރިޕޯޓުގައި ވިދާޅުވިއެވެ. އެމެރިކާ ގޮތް ދޫނުކޮށް ޢިރާޤަށް އަރައިގަނެ ކުރި މަސައްކަތަކުން ވެސް އައިއީއޭއީގެ ރިޕޯޓްތަކާ ޚިލާފު އެއްވެސް ހެއްކެއް ހޯދިފައެއް ނުވެއެވެ. މި މައްސަލައާ ވިދިގެން ބަރާދަޢީ އެމެރިކާއަށް ފާޑުވިދާޅުވެ، ހަނގުރާމައާއި ތަޅާފޮޅުމުގެ ބަދަލުގައި ސުލްހައަށް އިސްކަން ދޭން ތަކުރާރުކޮށް ގޮވާލައްވާފައި ވެއެވެ. ހިތްޕުޅުގައި އޮންނަ އެއްޗެއް ސަރީހަކޮށް ވިދާޅުވާ ކަމަށް މަޝްހޫރު ބަރާދަޢީ ވަނީ ނިޔުކްލިއަރު ހަތިޔާރު އުފައްދައި ގެންގުޅުމުގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން "ވަކި ބަޔަކު ނިއުކުލިއަރު ހަތިޔާރު ގެންގުޅުން މަނާވެ، ވަކި ބަޔަކު އެފަދަ ހަތިޔާރުގެ ފުނިވަރުތައް ގެންގުޅުން ހުއްދަވުމުގެ ވިސްނުން ގޯސްކަމަށާއި، ދުނިޔޭގައި މިހާރު ހުރި ނިއުކުލިއަރު ހަތިޔާރު ދެމިހުރެއްޖެނަމަ އިންސާނީ ނަސްލު އަމިއްލަޔަށް ފަނާގެ ދޮރު ކަޑައްތުކުރާނެ ކަމަށް" އޭނާ ވިދާޅުވެއެވެ.
މިފަދަ ގޮތަކަށް އެމެރިކާއަށް ފާޑުވިދާޅުވުމުގެ ސަބަބުން އެއް އިރެއްގައި އެމެރިކާގެ ރުޅިގަނޑު ބަރާދަޢީ އަށް އަމާޒުވިއެވެ. އެހެންކަމުން، 2005 ވަނަ އަހަރު އައިއީއޭއީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގެ ތިންވަނަ ދައުރަކަށް ބަރާދަޢީ ކުރިމަތިލެއްވުމުން އެމެރިކާ އެންމެ ފުރަތަމަ މަސައްކަތްކުރީ އޭނާއާ ދެކޮޅަށެވެ. ނަމަވެސް އެ އަހަރުގެ ޖޫން މަހު އެމެރިކާގެ އެއިރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮންޑޮލީޒާ ރައިސް ބަރާދަޢީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ދެ ފަރާތުގެ ދެމެދުގައި އުފެދުނު "ކުރަކިކަން" ނެއްތައިލެވުނެވެ. އެމެރިކާގެ ވޯޓު ވެސް އެ ފަހަރު ބަރާދަޢީއަށް ލިބިވަޑައިގަތެވެ. އެހެންކަމުން ބައެއް މައްސަލަތަކުގައި ބަރާދަޢީ ބައެއް ފަހަރު އެމެރިކާއަށް ފާޑު ވިދާޅުވިޔަސް، އޭނާއަކީ އެމެރިކާގެ ރަހުމަތްތެރިއެކެވެ. ހަމައެއާއެކު ފާހަގަކުރަން ޖެހޭ ކަމަކީ ބަރާދަޢީއަކީ ޔޫރަޕްގެ ރުހުމާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމެވެ. އޭނާގެ އުމުރުފުޅުގެ ވަރަށް ގިނަ ދުވަސް ވެއަތުކުރެއްވީ ޔޫރަޕުގެ ޤައުމުތަކުގައެވެ. އޭނާގެ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ. އަނބިކަނބަލުން އުޅުއްވަނީ ޔޫރަޕުގައެވެ. މުބާރަކާ ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން ވެސް ބަރާދަޢީގެ ވާހަކަފުޅު ހުންނަނީ އެމެރިކާއާއި ޔޫރަޕުގެ ރުހުން ހޯއްދަވަން މަސައްކަތްކުރައްވާ ކަހަލަ ގޮތަކަށެވެ. ކުރިމަގުގައި ވެސް އެމެރިކާއާއި ޔޫރަޕަކީ މިސުރުގެ ގާތްކަން ލިބޭނޭ ބައެއްކަން ހާމަކޮށްދެއްވާ ގޮތަށެވެ. މުބާރަކުގެ ވެރިކަން ވެއްޓިއްޖެނަމަ މިސުރާއި އެމެރިކާއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމަށް ބުނެވޭ ބުނުންތަކާ ދެކޮޅަށް ވެސް ބަރާދަޢީ ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިސުރަށް ޑިމޮކްރަސީ އަޔަސް، އޭގެ ސަބަބުން މިސުރާ އެމެރިކާއާ ދެމެދު އޮތް ގުޅުން ކެނޑިގެން ދާކަށެއް ނުޖެހެއެވެ. އެހެންކަމުން މާދަރީ ބަހުގެ އިތުރަށް އިނގިރޭސި، ފަރަންސޭސި، އަދި ޖަރުމަނު ބަސް ރަނގަޅަސް ދެނެވަޑައިގަންނަވާ އަލްބަރާދަޢީގެ ފިކުރަކީ އަސާސީ ގޮތެއްގައި ހުޅަނގުގެ ފިކުރު ކަމަށާއި، އޭނާގެ ވަފާތެރިކަން އޮތީ ހުޅަނގާ އެކު ކަމަށް ބެލެވެއެވެ.
މިސުރުގެ ރައްޔިތުން ޙުސްނީ މުބާރަކާ ދެކޮޅަށް މުޒާހަރާތައް ފެށި އިރު އަލްބަރާދަޢީ ހުންނެވި ޤައުމުން ބޭރުގައެވެ. ރައްޔިތުންގެ ޖިހާދު ފެށުމުން، ޖެނުއަރީ 27 ގައި އޭނާ އެނބުރި މިސުރަށް ވަޑައިގެންނެވިއެވެ. އަދި މިސުރުގެ ރައްޔިތުން ބޭނުން ނަމަ ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. އެއަށް ފަހު އޭނާ ވަނީ މުޒާހަރާތަކުގައި އިސް ލީޑަރެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ހަރަކާތްތެރިވެވަޑައިގެންފައެވެ. އެގޮތުން ތަޙްރީރު މައިދާނުގައި ތަޤްރީރުކުރައްވައި، މުޒާހަރާތައް ކުރިޔަށް ގެންދަން ރައްޔިތުންނަށް ހިތްވަރު ދެއްވާފައި ވެއެވެ.
މިސުރުގައި އަލްބަރާދަޢީ އަށް ތާއީދު އެބައޮތެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މުބާރަކު ވައްޓައިލަން އިސްވެ ޙަރަކާތްތެރިވާން ފެށި "އޭޕްރިލް 6 ޙަރަކާތު" ގެ މެންބަރުންގެ މެދުގައި އޭނާއަށް ލިބިވަޑައިގެންފައިވާ މަޤުބޫލުކަމެވެ. އޭނާއާ ބެހޭގޮތުން މިސުރުގެ "އަލްއަޙްރާމް ސެންޓަރ ފޯރ ޕޮލިޓިކަލް އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް" ގެ މުޙައްލިލެއް ކަމަށް ވާ ޢަމްރު އަލްޝުބްކީ ވިދާޅުވެފައި ވަނީ "ބަރާދަޢީއަކީ މި ސަރުކާރުގެ އިންތިޒާމެއް ނެތުމާއި، ޚުދުމުޚުތާރިއްޔަތާއި، ހިތުހުރިގޮތަކަށް ކަންތައްތައް ކުރުމުގެ ސިޔާސަތުގެ ވަތުބަތާނަ ރައްޔިތުންނަށް ހާމަކޮށްދެއްވައި، ކަޝްފުކޮށްދެއްވާ ބޭފުޅެއް" ކަމަށެވެ. މިސުރުގެ އިލްމިއްޔާގެ މެންބަރެއް ކަމަށް ވާ ޙާލާ މުސްޠަފާ ވިދާޅުވާ ގޮތުގައި "އަލްބަރާދަޢީއަށް ރައްޔިތުންގެ ލޯބި އެބަ އޮތެވެ. އެކި ވިސްނުމުގެ މީހުން އެއްވަލަކަށް މަހައިލައްވަން އޭނާ ދެނެވަޑައިގަނެއެވެ. އެހެން އެއްވެސް ޝަޚްސިއްޔަތަކަށް ވުރެ ވެރިކަމަށް ވަޑައިގަތުމަށްޓަކައި އޭނާއަށް އޮތް ފުރުސަތު ބޮޑެވެ. އަނެއްކާ، ފަސާދައާއި ހިންތަވެރިކަމުގެ ފައިތަޅާއަށް ވެއްޓިފައި އޮތް މުބާރަކުގެ ސަރުކާރާ އޭނާއާ އެއްވެސް ގުޅުމެއް ނެތުމަކީ ވެސް އޭނާއާ މެދު އުއްމީދުތަކެއް ކުރެވެން ޖެހޭ ސަބަބެކެވެ."
މިސުރުގެ "ނެޝަނަލް އެސޯސިއޭޝަން ފޯރ ޗޭންޖް" ނުވަތަ އެންއޭސީ އަކީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އައިއީއޭއީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގެ ތިންވަނަ ދައުރު ފުރިހަމަކުރައްވާފައި، ބަރާދަޢީ މިސުރަށް އެނބުރިވަޑައިގަތުމަށް ފަހު އުފެއްދެވި ޖަމާޢަތެކެވެ. މިއީ ސިޔާސީ ޕާރޓީއެއް ނޫނެވެ. ސަރުކާރާ އިދިކޮޅު ބައެއް ޕާޓީތަކާއި ފަރުދުން ޝާމިލުކުރައްވައިގެން ބަރާދަޢީ އުފެއްދެވި ޚާއްސަ އެކްޓިވިސްޓް ޖަމާޢަތެކެވެ. މި ޖަމާޢަތުގެ މަޤްޞަދަކީ މިސުރުގެ ސިޔާސީ ދާއިރާއާއި ނިޒާމަށް އިސްލާޙީ ބަދަލުތަކެއް ގެނައުމަށް ސަރުކާރަށް ޕްރެޝަރުކުރުމުގައި އިދިކޮޅު ފަރާތްތައް އެއް ވަލަކަށް މަހާލައި، އެކައްޗެއް ކިޔާ ބަޔަކަށް ހެދޭތޯ ބެލުމެވެ.
ޢުމަރު ސުލައިމާން
ޢުމަރު ސުލައިމާނަކީ މީގެ އެތައް އަހަރެއް ކުރީއްސުރެ މިސުރުގައި އެންމެ ބާރުގަދަ އެއް ޝަޚްސިއްޔަތެވެ. ޢުމުރުފުޅުން 75 އަހަރު ވީ ޢުމަރު ސުލައިމާނަކީ ޕޮލިޓިކަލް ސައިންސް ގެ ރޮނގުން ތަޢުލީމު ޙާސިލުކުރެއްވުމަށް ފަހު، ކުރީގެ ސޮވިއެޓް ޔުނިއަނުން އަސްކަރީ އަދި އިންޓެލިޖެންސްގެ ދާއިރާގައި ތަމްރީނު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. މިސުރުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރައްވައި، 1967 އާއި 1973 ވަނަ އަހަރު އިސްރާއީލާ ކުރެވުނު ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގަތެވެ. ފަހުން އޭނާ ޚާއްސަވެވަޑައިގަތީ އިންޓެލިޖެންސްގެ ދާއިރާއަށެވެ. 1993 ވަނަ އަހަރު ރައީސް މުބާރަކު ސުލައިމާނަށް މިސުރުގެ އިންޓެލިޖެންސް އިދާރާގެ ޑިރެކްޓަރު ކަމުގެ މަގާމު ދެއްވިއެވެ. އެއިރުއްސުރެ އޭނާ ހިމެނިވަޑައިގެންފައި ވަނީ ރައީސް މުބާރަކުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައެވެ. 1995 ވަނަ އަހަރު އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާ ގައި އޮތް އެފްރިކާ ސަމިޓަށް މުބާރަކު ވަޑައިގެން އުޅުއްވަނިކޮށް އޭނާ އަވަހާރަކޮށްލަން ދެވުނު ވަރުގަދަ ހަމަލާ ނާކާމިޔާބުވީ ސުލައިމާންގެ ތޫނު ވިސްނުންފުޅުގެ ސަބަބުންނެވެ. އެ ޙާދިސާއަށް ފަހު ދެ ބޭފުޅުންގެ ގާތްކަން އިތުރަށް ބަދަހިވެގެން ދިޔައެވެ. މުބާރަކުގެ "ނެޝަނަލް ޑިމޮކްރަޓިކް ޕާޓީ" ގެ މެންބަރަކަށް ސުލައިމާން ވެވަޑައިނުގަތަސް، އޭނާއަކީ މުބާރަކުގެ އެއް އަތް ކަމާ މެދަކު ޝައްކެއް ނެތެވެ.
1999 ވަނަ އަހަރު އިނގިރޭސި ވިލާތުގެ "ލަންޑަން ޓެލެގްރާފް" ނޫހުން މެދުއިރުމަތީގެ އެންމެ ވަރުގަދަ ޖާސޫސީ ޝަޚްސިއްޔަތަކަށް ޢުމަރު ސުލައިމާން ހޮވިއެވެ. އިސްރާއީލީ ޖާސޫސީ އިދާރާ ކަމަށް ވާ މޮސާޑުގެ ވެރިޔާ ވެސް ލިސްޓުކުރެވިފައި އޮތީ ސުލައިމާނަށް ވުރެ ފަހަތުގައެވެ.
2001 ވަނަ އަހަރާ ހަމަޔަށް ޢުމަރު ސުލައިމާން އުޅުއްވާފައި ވަނީ ފަރުދާގެ ފުރަގަހުގައެވެ. ނަމަވެސް އެ އަހަރުން ފެށިގެން އޭނާ މަޑުމަޑުން ޑިޕްލޮމެޓިކް ފެންވަރުގައި "ފާޅުވެވަޑައިގަންނަވަން" ފެއްޓެވިއެވެ. ބޭރު ގައުމުތަކުގެ ސަފީރުންނާ އެކު އޭނާ ބާއްވަވާ ބައްދަލުވުންތަކުގެ ޚަބަރުތަކާއި ފޮޓޯތައް މީޑިއާ މެދުވެރިކޮށް މުޖުތަމައަށް އާއްމުކުރައްވަން ފެއްޓެވިއެވެ. އެ ހިސާބުން، މިސުރުގެ ސިޔާސީ ދާއިރާގައި އޭނާގެ ނަންފުޅު މަޝްހޫރުވެ، މުބާރަކަށް ފަހު ގައުމުގެ ރިޔާސަތުގެ ލަގަނުގައި ހިއްޕަވާނީ އޭނާ ކަމަށް ބައެއް މީހުން ބުނަން ވެސް ފެށިއެވެ. އެއިރުން ފެށިގެން މި ދިޔަ އަހަރުގެ ނިޔަލަށް ސުލައިމާނުގެ ޑިޕްލޮމެޓިކް މަސައްކަތްޕުޅުތަކަށް ނަޒަރުހިންގާލުމުން، އޭނާއަކީ ކާމިޔާބު ޑިޕްލޮމެޓެއް ކަމަށް ދަންނަވަން ޖެހެއެވެ. އެހެނީ މި ދަންނަވާ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ފަލަސްޠީނީންނާއި އިސްރާއީލާ ދެމެދު މެދުވެރިއެއްގެ ދައުރު އެކަށީގެންވާ ފަދަ ގޮތަކަށް އަދާކުރައްވައިފައެވެ.
މި ދިޔަ އަހަރުގެ ފަހުކޮޅު ބޭއްވުނު ޕާރލަމެންޓަރީ އިންތިޚާބާ ހަމަޔަށް ވެސް މުބާރަކު މަސައްކަތްކުރައްވާފައި ވަނީ އޭނާއަށް ފަހު އޭނާގެ ދަރިކަލުން ޖަމާލް މުބާރަކަށް ވެރިކަން ދެއްވުމަށެވެ. ނަމަވެސް މިސުރުގެ ރައްޔިތުން ޓިޔުނީޝިއާގެ ރައްޔިތުންގެ ނަމޫނާއިން ފިލާވަޅު ލިބިގަނެ، ޚުދުމުޚުތާރިއްޔަތުގެ ކަސްތޮޅުތައް ފުނޑުފުނޑުކޮށްލަން ތެދުވުމުން، މުބާރަކަށް އޭނާގެ ސިޔާސީ ރޭވުން ބަދަލުކުރައްވަން މަޖުބޫރުވެވަޑައިގަތެވެ. އެގޮތުން އޭނާ ގެންނެވި އެންމެ ބޮޑު އެއް ބަދަލަކީ އޭނާގެ ވެރިކަމުގެ 30 އަހަރުގެ ތެރޭގައި ހުސްކޮށް އޮތް ނާއިބު ރައީސްކަމުގެ މަޤާމަށް ޢުމަރު ސުލައިމާން ގެންނެވުމެވެ. އެއީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސުލައިމާން ވެސް ރައްޔިތުންގެ ޖިހާދުގެ މަގުތައް ބަންދުކުރައްވަން އެތައް މަސައްކަތެއް ކުރެއްވިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވީއެވެ.
އެތައް ބައެއްގެ ހެކިބަހުން ސާބިތުވާ ގޮތުގައި ޢުމަރު ސުލައިމާނަކީ އަނިޔާވެރިކަމުގެ ރާސްތާގައި ފިސާރި ކުރިއަށް އަރައިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެމެރިކާގެ "ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ" ނުވަތަ "ސީއައިއޭ" ގެ ވަޙުޝިއްޔަތުގެ ފޮތުން ކިޔަވައިވިދާޅުވެގެން ހުންނެވި "ޝައިތާނެއް" ފަދަ ބޭފުޅެކެވެ. އަލްޖަޒީރާގެ ސީނިއަރ ޕޮލިޓިކަލް އެނަލިސްޓް މަރްވާން ބިޝާރާއާއި، ވޮޝިންގޓަން ޕޯސްޓް ނޫހުގެ ނޫސްވެރިޔާ ޑާނާ ޕްރީސްޓް ފަދަ އެތައް ބޭފުޅުން ލިޔުއްވާފައިވާ ފަދައިން، އޭނާއަކީ އެމެރިކާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގާ "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" އިގެ އެންމެ ބޮޑު އެއް ވާގިވެރިޔާއެވެ. އޭނާއަކީ "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" އަށް ވާގިވެރިވެވަޑައިގަތުމުގެ ގޮތުން، ދުނިޔޭގެ އެތަން މިތަނުން އަތުލައިގަނެވޭ މުސްލިމް ޒުވާނުންނަށް އަނިޔާކުރުމުގެ ކަންތަކުގައި އިސްވެއުޅުއްވި ބޭފުޅެކެވެ. މި ކަންތައް އޭނާ ކުރެއްވީ އަފްޣާނިސްތާނާއި ޢިރާޤުގައި އެމެރިކާގެ ސަރުކާރުން ހިންގި އަނިޔާވެރި ޢަމަލުތަކުގެ ދުވަސްވަރުއެވެ. އެއިރު ހިންގުނު "އެކްސްޓްރާއޯރޑިނަރީ ރެންޑިޝަން" މަޝްރޫއުގެ ތެރޭގައެވެ.
އެމެރިކާގެ "ރެންޑިޝަން" ޕްރޮގްރާމަށް ސުލައިމާންގެ ބެއްލެވުމުގެ ދަށުން މިސުރުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ވަނީ ބެލެވޭގޮތުގައި އެމެރިކާގެ ރިޔާސަތުގައި ބިލް ކްލިންޓަން ހުންނެވި ދުވަސްވަރުއެވެ. ޖޯރޖް ޑަބްލިއު. ބުޝްގެ ޒަމާނުގައި، އަފްޣާނާއި ޢިރާޤާ ދެކޮޅަށް ހިންގުނު ޙަރަކާތްތަކުގެ ތެރޭގައި މި ޕްރޮގްރާމަށް ސުލައިމާނުގެ އެހީތެރިކަމާއި އެއްބާރުލުން ޚާއްސަގޮތެއްގައި ލިބުނެވެ. އެގޮތުން އެ ދުވަސްވަރު އެމެރިކާގެ ސީއައިއޭއިން އެތައް ސަތޭކަ ބަޔަކު މިސުރަށް "ރެންޑަރ" ކޮށްފައި ވާ ކަމަށް ބެލެވެއެވެ. މި ގޮތުން "ރެންޑަރ" ކުރުމުގެ މަޤުޞަދަކީ އެ މީހުންނަށް އަނިޔާކޮށްގެން އެ މީހުންގެ އަތުން މައުލޫމާތާއި އިއުތިރާފު ހޯދުމެވެ. މި ގޮތުން އަނިޔާދެވުނު އެތައް ބަޔަކާ ބެހޭ ރިކޯޑުތައް ލީކުވެ، އެ މީހުންނަށް އަނިޔާކުރެވުނު ގޮތުގެ މައުލޫމާތު ބައިނަލްއަގުވާމީ މީޑިއާއަށާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރާ ޖަމްޢިއްޔާތަކުގެ ރިޕޯޓުތަކަށް އަރާފައި ވެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ މިސުރަށް އުފަން އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށް ވާ މަމްދޫޙް ޙަބީބުގެ މައްސަލައެވެ.
ޙަބީބު ހައްޔަރުކުރީ 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޕާކިސްތާނު ފުލުހުންނެވެ. ޕާކިސްތާނުގައި ވެސް އޭނާއަށް އެތައް އަނިޔާތަކެއް ކުރުމަށް ފަހު، ދެން ސީއައިއޭއިން އޭނާ ހަވާލުކުރީ މިސުރަށެވެ. މިސުރަށް އޭނާ ގެންދެވުނީ ކަސްތޮޅު އަޅުވައި، ނެޕީއެއް ޖައްސައި، ފުރަގަސް ފަރާތަށް ސަޕޯސިޓަރީއެއް ޖަހައިފައި، ގުޅައަކަށް ބާއްވައިގެންނެވެ. މިސުރަށް ގެންގޮސް އޭނާއަށް އަނިޔާކުރަމުން ގެންދިޔައީ ކަނުބަނދެފައި ބަހައްޓައިގެންނެވެ. އޭނާއަށް ކުރި އަނިޔާތަކުގެ ތެރޭގައި ތަކުރާރުކޮށް ކަރަންޓުގައި ޖެއްސުމާއި، ނޭފަތުކުރިއާ ހަމަޔަށް ފެން އެއްޗަކަށް ގަންބާފައި ބަހައްޓައިގެން ތެޅުމާއި، އިނގިލިތައް ޗިސްކޮށް ބިންދައި ހެދުމާއި، މައުދަނުން ހަދާފައި ހުންނަ ބުޅިގަނޑުތަކުގައި އެލުވައިފައި ބޭއްވުން ހިމެނެއެވެ. އޭނާއަށް އަނިޔާކުރަމުން ގެންދިޔަ މީހާ އެއް ފަހަރަކު އޭނާގެ މޫނުމަތީގައި ޖެހިލެއް ބާރުކަމުން، އަދި އެ އެތިފަހަރު މޫނުމައްޗަށް އެރި ގޮތުން، އޭނާގެ މޫނުގައި ބަނދެފައި ހުރި ފޮތިގަނޑު ލޯމަތީން އެއްފަރާތްވިއެވެ. އަދި އަނިޔާކުރި މީހާ އޭނާއަށް ވަރަށް ރީތިކޮށް ފެނުނެވެ. މީގެ ދުވަސްކޮޅެއް ކުރީން ޙަބީބު ޝާއިޢުކުރި "މައި ސްޓޯރީ: ދަ ޓޭލް އޮފް އަ ޓެރަރިސްޓް ހޫ ވޮޒްންޓް" މި ފޮތުގައި ބުނެފައިވާ ގޮތުން އެ މީހަކީ މިސުރުގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ޢުމަރު ސުލައިމާނެވެ. ޙަބީބު މި ފޮތް ލިޔެފައި ވަނީ އޭނާ މިނިވަންކުރެވުނު ފަހުންނެވެ. އޭނާ މިނިވަން ކުރެވުނީ މިސުރުން އެމެރިކާގެ ބެލުމުގެ ދަށަށް އޭނާ ގެންދެވިފައި ހުއްޓައި، އޭނާއާ ބެހޭ މައުލޫމާތު އެމެރިކާގެ ވޮޝިންގޓަން ޕޯސްޓްގެ ނޫސްވެރިއެއް ކަމަށް ވާ ޑާނާ ޕްރީސްޓަށް ސިއްރު މަގަކުން ލިބި، އެ މައުލޫމާތު ހާމަކޮށް ޕްރީސްޓް ލިޔުނު އާޓިކަލަކާ ގުޅިގެންނެވެ.
މިސުރުގެ ވެރިކަމުގެ މަޤާމަށް ޢުމަރު ސުލައިމާން ވަޑައިގަތުމަކީ އެމެރިކާ އާއި އިސްރާއީލު އެންމެ އެދޭ ގޮތް ކަމާ މެދަކު ޝައްކެއް ނެތެވެ. މީގެ ހަތަރު ފަސް ދުވަހެއް ކުރީން ވިކިލީކްސް އިން ހާމަކުރި ސިއްރު ލިޔުންތަކެއްގައި ވާ ގޮތުން ވަރަށް ކުރީއްސުރެ އިސްރާއީލުން ވަނީ މުބާރަކަށް ފަހު މިސުރުގެ ވެރިކަން ސުލައިމާނަށް ލިބުމަކީ އިސްރާއީލުގެ މަސްލަހަތަށް ޓަކައި މުހިއްމު ކަމެއް ކަމަށް އެމެރިކާގެ ޑިޕްލޮމެޓުންގެ ގާތުގައި ބުނެފައެވެ. މުބާރަކާ ދެކޮޅަށް މިސުރުގެ ރައްޔިތުން މި ފަހަރު ކުރި މުޒާހަރާތަކަށް ހަފުތާއެއް ވެ، މުބާރަކުގެ ކެބިނެޓު އެއްކޮށް އިސްތިއުފާ ދިނުމުން، ޢުމަރު ސުލައިމާނަށް އެމެރިކާގެ ތާއީދު އޮތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން ވިދާޅުވިއެވެ. ނަމަވެސް މިސުރުގެ ރައްޔިތުން ޢުމަރު ސުލައިމާނުގެ ޒައާމަތު ގަބޫލުކުރާނޭ ކަން ގަބޫލުކުރަން ވަރަށް ދައްޗެވެ. ޚާއްސަކޮށް މުބާރަކުގެ "ތުޅާކިގަނޑުން" ސަލާމަތްވުމުން ލިބުނު ހިތްވަރާއި އުތުރިއަރަން ފަށާފައިވާ ޖޯޝާ އެކު ޢުމަރު ސުލައިމާނާ ކުރިމަތިލާން ރައްޔިތުން ބިރުގަތުމަކީ ވާނޭ ކަމެއް ކަމަކަށެއް ނުފެނެއެވެ.