09 Feb 2015, 15:37
އައްޑޫ ސިޓީ ފޭދޫގެ "ރަށްދެބައި" މަގުގައި" ތާރު އެޅުމުގެ މަސައްކަތް މިއަދު ނިންމާލެވޭ ވަރުވާނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.
އެމްއާރްޑީސީގެ މީޑިއާ ކޯޑިނޭޓާ އަބްދުﷲ ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު އިރުއޮށްސުމުގެ ކުރިން ފޭދޫ މަގުގައި ތާރަ އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ ވެސް މިއަދުގެ ވަގުތެއްގައި ކަމަށެވެ.
"އަޅުގަނޑުމެން އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު 11:35 ހާއިރު. ދެން އަޅުގަނޑުމެންނަށް މިއަދު އިރުއޮއްސުމުގެ ކުރިން އެމަގުގެ މަސައްކަތް ނިންމާލެވޭނެ. އަދި މާދަމާ ހެނދުނު އިރާދަކުރެއްވިއްޔާ އެމަގު އަޅުގަނޑުމެން ހުޅުވާލާނަން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޭދޫ ރަށްދެބައި މަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށި ނަމަވެސް އެ މަގުގެ ޕާކިން ޒޯނާއި އަދި އެ މަގުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރާތާ ތިން މަސް ދުވަސް ވެފައިވާ ކަމަށެވެ.
