އާ ސަރުކާރެއް ގާއިމުކުރުމަށް ސްރީލަންކާގައި ބާއްވާ ޕާލަމެންޓް އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހާ ފެއިލްކޮށްލަން މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު ޕާޓީ އިން ބުނެފި އެވެ.

އިދިކޮޅު ލީޑަރު ނިމާލު ސިރިޕަލާ ޑިސިލްވާ ކަލަމްބޯ ގެޒެޓަށް އިއްޔެ ވިދާޅުވީ އިންތިހާބާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހޮނިހިރު ދުވަހު ސްރީލަންކާ ފްރީޑަމްޕާޓީ (އެސްއެލްއެފްޕީ) އިން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާލެމެންޓް އިންތިހާބަށް ފަހު ވެސް އެ ޕާޓީގެ ޗެއާމަން އަދި ރައީސް މައިތިރިޕާލާ ސިރިސޭނާ ރައީސް ކަމުގައި ހުންނަވަންވީ ކަމަށާއި ނަމަވެސް އިންތިހާބަކަށް ފަހު ބޮޑުވަޒީރަކަށް އައްޔަން ކުރާނީ އެސްއެލްއެފްޕީގެ ބޭފުޅެއް ކަމަށެވެ.

އިދިކޮޅު ލީޑަރު ނިމާލު ސިރިޕަލާ ޑިސިލްވާ
ޑިސިލްވާ ވިދާޅުވީ އެ ޕާޓީ އިން އެ ޕާޓީގެ ލީޑަރާއި ޕާޓީ ހިމާޔަތް ކުރާނެ ކަމަށާއިއަދި ޕާޓީއާ ދެކޮޅަށް އަންނަ ކޮންމެ ކަމަކާ ކުރިމަތިލައި އެކަންކަން ފޭލިކޮށްލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫއެންޕީގެ މެންބަރެއްގެ ގޮތުގައި ޔޫވާ ޕްރޮވިންސަލް ކައުންސިލްގެ ޗީފް މިނިސްޓަރަކަށް ހަރިން ފެނާންޑޯ ހަމަޖެއްސުމަށް ތާއީދު ކުރި އެސްއެލްއެފްޕީގެ މެންބަރުންގެ މައްޗަށް އަހުލާގީ ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ.

އަދި ވިދާޅުވީ ރަނގަޅު ގާނޫނީ ނީޒާމެއްގެ ތެރެއިން ބެލި، އެ ޕާޓީގެ ކޮންމެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވިޔަސް، ޕާޓީ އިން ބޭރުކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސުން އޭނާ ބަލައިނުގަންނަ ކަމަށާއި ނަމަވެސް އޭނާ ހުންނާނީ ޕާޓީއާ އެކު ކަމަށެވެ. އަދި އެއީ ވަކި މަގާމަކަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.