09 Feb 2015, 14:28
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ރައީސް ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމުން، ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އެ މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމް އިއްވުމާ ގުޅިގެންނެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އެ ކޯޓަށް ހުށަހެޅޭނީ ހަމައެކަނި ކޯޓުތަކުން ނިންމާ ނިންމުންތައް އެކަނިކަމަށެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމަކީ ޖޭއެސްސީ އަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަންގެ އިދާރީ ނިންމުން. އަޅުގަނޑުމެން މި ހަވާލާދޭ ނިންމުމަކީ ރައީސް ނަޝީދުގެ މައްސަލަ ބެއްލެވުމަށް ޓަކައި ޚާއްސަކޮށް އެ މައްސަލައަށް އެކުލަވާލެއްވި ތިން މެޖިސްޓްރޭޓުންގެ ބެންޗު އެކުލަވާލަން ނިންމި ނިންމުން އެއީ ގާނޫނުތަކާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި،" އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ކުށް ނުކުރާ މީހަކު ގާނޫނާ ޚިލާފުގޮތަކަށް ގަސްދުގައި ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އެވެ.