ހދ. ނޮޅިވަރަމަށް މަރުވެ، ކުނިވެފައިވާ ކިނބުލެއް ލައްގައިފި އެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އެ ރަށު އިރު ދެކުނު ފަރާތަށް މަރުވެ ކުނިވެފައިވާ ކިނބުލެއް ލައްގާފައިވާ ކަމަށެވެ. އެކަން އެނގިފައި ވަނީ މިއަދު 12:00 ޖަހާކަންހާ އިރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިނބުލެއްކަން ހަމަޔަގީން، އެކަމަކު ވަރަށް ގިނަ ދުވަސްގެން ހަންގަނޑު އޮތީ އެކަމަކު ކިނބުލެއްކަން އެނގޭ." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކިނބުލުގައި 10 ވަރަކަށް ފޫޓު ހުންނާނެ އެވެ. ސިފައިން ވަކި ޖަވާބެއް ނުދޭތީ އަދި ވަޅުލުމުގެ މަސައްކަތް ނުފަށާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދުވަސްވަރަކީ ގިނަ އަދަދަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެންނަ ކަމަށް ވާހަކަ ދެކެވޭ ދުވަސްވަރެކެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ކިނބޫ އަންނަނީ ކޮންމެ އަހަރެއްގެ ވެސް އިރުވާ މޫސުމާ ދިމާކޮށެވެ. އެ މޫސުމާ ދިމާކޮށް "ފާޑުފާޑު" އެއްޗެހި އަންނަ ކަމަށް ބެލެވިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.