09 Feb 2015, 13:26
ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ހިންގަމުން ދިޔަ ހ. ސޯސަންގޭ ހުސްކުރުމަށް ތަކުރާރުކޮށް އެންގުވުމުންވެސް ޔުނިވާސިޓީ އިން އެކަން ކޮށްފައި ނުވުމުން ކަމަށް ބުނެ، ފުލުހުން އެގެ ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ އެ ފެކަލްޓީ ހުސްކުރަމުން ދަނީ އެފަރާތަށް އިމާރާތެއް ދިނުމަށް ފަހު ސޯސަންގޭ ހުސްކުރުމަށް ރައީސް އޮފީހުން އެންގެވުމުން ވެސް އެގެ ހުސްކޮށްފައިނުވާތީ ކަމަށެވެ. އެގޭ ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންނާއި އެ މިނިސްޓްރީ އިން ގުޅިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އިއްޔެގެ ނިޔަލަށް ހުސްކުރަން އަންގާފައި ވަނީ، މިއަދު ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މިއީ ތައުލީމީ ދާއިރާއަށް ހުރަސް އެޅުމެއްނޫން އެއްގޮތަކަށް ވެސް. ސަރުކާރުންނާއި އެހެނިހެން ގޮތްގޮތުން ވަނީ އެކަށީގެންވާ ޖާގަޔާއި ފެސިލިޓީ ފޯރުކޮށްދީފައި." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސޯސަންގޭ ހުސްކުރަމުން ދަނީ ދައުލަތުގެ ބޭނުމަކަށް ކަމަށާއި އެހެންކަމުން މުޅި އެކޮށި ހުސްކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޔުނިވާސިޓީގެ ބަހެއް ހޯދާލުމަށް ގުޅުމުން ޔުނިވާސިޓިގެ ވެރިން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ސަން އަށް އެނގިފައިވާގޮތުގައި ފަހަކަށްއައިސް ސޯސަންގޭގައި ހިންގަމުން ދިޔައީ ޓޫރިޒަމް ފެކަލްޓީގެ އިތުރުން އެހެން ދެ ފެކަލްޓީއެކެވެ.
އެފެކަލްޓީ ހިންގަން މިދިޔަ އަހަރުން ފެށިގެން ވަނީ މަންދުކޮލެޖާއި އިންވެގެން ހުންނަ ބޮޑު އިމާރާތް ދީފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެތަނުގައި ކިޔަވައިދޭން ފަށާފައެއްނުވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.
ގައުމީ ޔުނިވަސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ބިނާކޮށްދިން އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކިޔަވައިދޭން ފެށޭނެ ކަމަށް އެ ފެކަލްޓީން ކުރިން ވަނީ ބުނެފަ އެވެ. އެ ފެކަލްޓީން ބުނީ އާ އިމާރާތަކީ މިސަރަހައްދުގައި ހުރި އެންމެ ފުރިހަމަ ޓޫރިޒަމް ފެކަލްޓީ އަށް ވެގެން ދާނެ ކަމަށެވެ.