ވިލާ އެއާއިން އޮޕަރޭޓް ކުރާ ފްލައިމީ އިން އިތުރު ބޯޓެއް ރާއްޖެ އަށް ގެނެސް އެ އެއާލައިންގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ އަދަދު ފަހަކަށް އިތުރުކޮށްފި އެވެ.

ޑެންމާކްގެ ބިލޫންޑް ވައިގެ ބަނދަރުން ފުރައިގެން ރާއްޖެ އަށް އައި ATR 72-500 މަރުކާގެ އެ ބޯޓު މާމިނގިލީ އެއާޕޯޓަށް ޖައްސާފައި ވަނީ އިއްޔެ ހަވީރު އެވެ. އެ ބޯޓް ގެނެސްފައި ވަނީ ފްލައިމީގެ ޓެކްނިކަލް ޑިރެކްޓަރާއި ޑެންމާކްގެ ދެ ޕައިލެޓުންގެ އިތުރުން އެއް އިންޖީނިއަރެއްގެ ބެލުމުގެ ދަށުންނެވެ.

ފްލައިމީގެ އޮފިޝަލެއް ބުނީ ޖުމްލަ 68 މީހުންގެ ޖާގައިގެ އެ ބޯޓު ރާއްޖެއަށް ގެނެސްފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއެޝަން އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށާއި ދިވެހި ރައްޖޭގައި ރަޖިސްޓްރީ ކުރުމުގެ ކަންތައް ނިންމުމަށް ފަހު ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ބޯޓު ފްލައިމީގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

ފްލައިމީގެ ބޯޓުތަކުގެ އަދަދު އިތުރުވުމާ ގުޅިގެން މިހާރު ދަތުރުކުރަމުންދާ މަންޒިލްތަކުގެ މާކެޓް ޑިމާންޑަށް ބަލައި އިތުރު ދަތުރުތައް ތާވަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ސަބަބުން ފްލައިމީން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފްލައިމީގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފްލައިމީން މައުލޫމާތު ދެ އެވެ.

އެގެ އިތުރުން ފްލައިމީގެ ޚިދުމަތްތައް ރާއްޖޭގެ ތަފާތު ސަރަހައްދުތަކަށް ފުޅާކުރުމުގެ ގޮތުން މިއަހަރު ހަނިމާދޫ އާއި ކައްދޫ ވައިގެ ބަނދަރަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ފްލައިމީން ބުންޏެވެ.

އަލަށް ގެނައި ބޯޓުގެ އިތުރުން ފްލައިމީގެ ފްލީޓްގައި 46 ޖާގައިގެ އެއް ބޯޓާއި 66 ޖާގައިގެ ދެ ބޯޓު އަދި އެއް ސީޕްލޭން ހިމެނެ އެވެ.