12 Feb 2011, 15:19
"އިޚްވާނުލް މުސްލިމޫން" އަކީ އިސްލާމީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ދުވަސް ވީ ސިޔާސީ ޙަރަކާތެވެ. އިޚްވާން އުފެދުނީ "ޖުމްހޫރިއްޔަތުލް މިޞްރުލް އަރަބިއްޔާ" ގެ ނަމުގައި، 1953 ވަނަ އަހަރު މިސުރުގެ ޖުމްހޫރިއްޔާ ވުޖޫދަށް އައުމުގެ ވެސް ކުރީންނެވެ. އެންމެން އިއްތިފާޤު ވާ ގޮތުގައި މިސުރުގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ސިޔާސީ ޕާޓީއަކަށް ތާއީދު ކުރާ ޕާޓީ އަކީ ވެސް އިޚްވާނުލް މުސްލިމޫނެވެ. ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ބާއްވާ އިންތިޚާބެއް ކާމިޔާބުކުރުން އެންމެ ގާތީ ވެސް އިޚްވާނުލް މުސްލިމޫން ކަމަށް ގިނަ މުހައްލިލުން ވިދާޅުވެއެވެ.
އަލްބަންނާގެ ތަސައްވުރު
އިޚްވާނުލް މުސްލިމޫން އަކީ މިސުރުގެ މަޝްހޫރު އިސްލާމީ ޢާލިމެއް ކަމަށް ވާ އައްޝަހީދު ޙަސަން އަލްބަންނާ 1928 ވަނަ އަހަރު އުފެއްދެވި ޖަމާޢަތެކެވެ. އިސްލާމީ ޚިލާފަތު އުވިގެން ދިޔުމާއި، މިސުރުގެ މައްޗަށް އިނގިރޭސީންގެ އިސްތިއުމާރީ ބާރު ފެތުރިގެން ދިޔުމާ ގުޅިގެން އުއްމަތުގެ ވަޙްދަތާއި ޝަޚްސިއްޔަތާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވެވަޑައިގަތް އެންމެ މުހިއްމު އެއް ބޭފުޅަކީ ޙަސަން އަލްބަންނާ އެވެ. އަލްބަންނާ ޚާއްސަގޮތެއްގައި ދެކޮޅު ހެއްދެވި ކަންތައްތަކުގެ ތެރޭގައި ޢިލްމާނިއްޔަތާއި، މުސްލިމް ދަރިވަރުންނަށް ހުޅަނގުގެ މުޤައްރަރުތަކަށް، ހުޅަނގުގެ ޓެކްސްޓް ފޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުންފަދަ ޚިޔާނާތްތެރި އަދި އަޅުވެތި ސަގާފަތްތައް ހިމެނެއެވެ. އޭނާ އިޚްވާން އުފެއްދެވީ މި ގޮތުން ދީނަށް ޓަކައި، އުއްމަތަށް ޓަކައި ކުރެއްވި ޖިހާދުގެ ތެރޭގައެވެ. "އަލްއިސްލާމް ހުވަ އަލްޙައްލު" ނުވަތަ "އިސްލާމް ދީނަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލެވެ" މި ޝިޢާރުގެ ދަށުން ޙަރަކާތްތެރިވާން ފެށި އިޚްވާނުލް މުސްލިމޫންގެ ސިޔާސަތަކީ އިސްލާމީ އުއްމަތުގެ ފަރުދީ، ޢާއިލީ، އިޖުތިމާޢީ، އަދި ސިޔާސީ ޙަޔާތުގެ ހުރިހާ ކަމެއް ކީރިތި ޤުރުއާނާއި މާތް ސުންނަތުގެ ތަރަހައިގެ މަތީގައި ކުރަމުން ގެންދިޔުމެވެ. ﷲ ގެ ޙާކިމިއްޔަތާއި، މުޙައްމަދުގެފާނުގެ ނުބުއްވަތާއި، އިސްލާމީ ވަޙްދަތާއި، ޢަދާލަތާއި، އުޚުއްވަތާއި، އަޚްލާޤިއްޔާތުގެ ބިންގަލުގެ މަތީގައި ފުރިހަމަ ދައުލަތެއް ބިނާކުރުމެވެ.
އިޚްވާނުލް މުސްލިމޫނަކީ ލޭ އޮހޮރުވުމާއި މިނިކަތިލުމާ ދެކޮޅު ހަދާ ޖަމާޢަތެކެވެ. އުފެދުނީއްސުރެ ވެސް އިޚްވާން ފާހަގަކުރެވެނީ ޢިލްމީ ހަމަތަކުގެ މަތީގައި އެ ޖަމާއަތުގެ ފިކުރާއި ސިޔާސަތު ބިނާކުރާ ޖަމާއަތެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، އިޚްވާނަކީ އަބަދުވެސް އިންސާނީ ޚިދުމަތުގެ މައިދާނުގައި ފާހަގަކޮށްލެވޭ ޖަމާއަތެކެވެ. ޖަމާއަތުގެ ފަރާތުން ޚައިރާތު ފަންޑުތައް ހިންގައެވެ. ނިކަމެތި ރައްޔިތުންނަށް ހިލޭ ޚިދުމަތް ދޭ ހަސްފަތާލުތަކާއި، ސްކޫލްތަކާއި، ފާރމަސީތައް ފަދަ ތަންތަން ހިންގައެވެ. ކެޕިޓަލިސްޓް ބާރުތަކުގެ އަނިޔާވެރިކަމުން ނިކަމެތި މަސައްކަތްތެރީން ޙިމާޔަތްކޮށްދީ، މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ޤާނޫނީ ޚިދުމަތް ދިނުން ފަދަ ތަފާތު ޙަރަކާތްތައް ހިންގައެވެ. މިސުރުގެ ތާރީޚުގެ ތެރެއިން ވެއަތުވެ ދިޔަ އައްޑިހަ ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުގެ ބާރާ ދެކޮޅަށް ތެދުވެ، ރައްޔިތުންގެ ފައިދާއާއި މަސްލަހަތަށްޓަކައި އެންމެ ބޮޑު ޤުރުބާނީތަކެއް ވެފައިވާ ބަޔަކީ އިޚްވާނުލް މުސްލިމޫނެވެ. މިސުރުގެ ރައްޔިތުންގެ މެދުގައި އިޚްވާނުގެ މަޤުބޫލުކަން ބޮޑުވެފައި ވާ އެންމެ މުހިއްމު އެއް ސަބަބަކީ މިއެވެ.
ޑިކްޓޭޓަރުންގެ އަނިޔާ
1928 ވަނަ އަހަރު އިޚްވާނުލް މުސްލިމޫން އުފެދުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް، ޖަމާއަތުގެ ޙަރަކާތްތައް ޢަރަބި އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔައެވެ. މިސުރުގެ އިތުރުން މުޅި އިސްލާމީ ދުނިޔޭގައި އެ ޖަމާއަތަށް މަގުބޫލުކަން ލިބެން ފެށިއެވެ. އެތައް މިލިއަން ބަޔަކު އެ ޖަމާއަތުގައި ބައިވެރިވިއެވެ. އެއާއެކު ޢަރަބި އިސްލާމީ ދުނިޔޭގެ ލާދީނީ ޑިކްޓޭޓަރުން އެ ޖަމާޢަތުގެ ވަރަ ބިންދައިލުމަށް ޓަކައި އަނިޔާގެ ނިހާއީ ސިލްސިލާއެއް ފެށިއެވެ. މި ގޮތުން އިޚްވާނާ ދެކޮޅަށް އެންމެ އަނިޔާވެރި ގޮތެއްގައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ މިސުރުގެ ޑިކްޓޭޓަރު ޖަމާލު ޢަބްދުއް ނާޞިރެވެ. ނާޞިރު އަވަހާރަކޮށްލަން 1954 ވަނަ އަހަރު ދެވުނު ނާކާމިޔާބު ޙަމަލާއަށް ފަހު އިޚްވާނާ ދެކޮޅަށް އޭނާ ނެންގެވީ އަނިޔާވެރިކަމުގެ އެންމެ ތޫނު ހަތިޔާރުތަކެވެ. ނާޞިރުގެ އަމުރުފުޅަށް އިޚްވާނުގެ ލީޑަރުންނާއި މެންބަރުން ހައްޔަރުކޮށް، ތަސައްވުރުކޮށްލަން ވެސް އުނދަގޫ ވާ ފަދަ ވަޙުޝީ އަނިޔާތައް އެމީހުންނަށް ދެވުނެވެ. އިޚްވާނުގެ އެތައް ހާސް މެންބަރުންނެއް މަރައިލެވުނެވެ. މި ދުވަސްކޮޅު ނާޞިރުގެ އޭޖެންޓުން އިޚްވާންގެ ލީޑަރު ޙަސަން އަލްބަންނާއަށް ބަޑީން ޙަމަލާ ދީ އޭނާ ޝަހީދުކޮށްލިއެވެ. ނާޞިރުގެ އަމުރުފުޅަށް އިޚްވާނުލް މުސްލިމޫންގެ މެންބަރުންނަށް ދެވުނު އަނިޔާތަކާ ބެހޭ ތަފްސީލުތައް މިސުރުގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށް ވާ ޒައިނަބުލް ޣަޒާލީ އޭނާގެ "ރިޓާރން އޮފް ދަ ފޭރޯހ" ގައި ބަޔާންކުރައްވާފައި ވެއެވެ.
އަލްބަންނާއަށް ފަހު އިޚްވާންގެ ލީޑަރޝިޕުގައި އެންމެ ނަން ހިނގި ބޭފުޅަކީ އައްޝަހީދު ސައްޔިދު ޤުޠުބެވެ. މިސުރު ސަރުކާރުން އޭނާ ވެސް ހައްޔަރުކޮށް، އެތައް ދުވަހަކު ޖަލުގައި ގެންގުޅެ، އެތައް އަނިޔާތަކެއް ދިނުމަށް ފަހު، 1966 ވަނަ އަހަރު އޭނާ ދަންޖައްސައި އަވަހާރަކޮށްލިއެވެ. ޤުޠުބަކީ އިސްލާމް ދީނަށް ޓަކައި މި ޒަމާނުގެ ލާދީނީ، ޢިލްމާނީ "ޕްލުޓޯކްރަސީ" ގެ ފަރާތުން އެންމެ ބޮޑު އަނިޔާތަކެއް ލިބިވަޑައިގަތް އެއް ޢާލިމެވެ. އޭނާ އެންމެ ފާހަގަކޮށްލެވެނީ "ފީ ޟިލާލިލް ޤުރުއާން" މި ނަމުގައި ލިޔުއްވި ޤުރުއާން ތަފްސީރުގެ ސަބަބުންނެވެ. މި ތަފްސީރުގެ ބޮޑު ބައެއް އޭނާ ލިޔުއްވީ ޖަމާލު ޢަބްދުއްނާޞިރުގެ ޖަލުތަކުގެ ތެރެއިން ޖަލެއްގައި ހުންނަވައިގެންނެވެ.
ޕާރލަމެންޓުގެ ތަޖުރިބާ
ޢަރަބި އިސްލާމީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، މިސުރުގައި ވެސް އިޚްވާނުލް މުސްލިމޫނަކީ މަނާކުރެވިފައިވާ ޖަމާއަތެކެވެ. އެހެންކަމުން ޖަމާއަތުގެ ނަމުގައި އެއްވެސް މެންބަރަކަށް ސިޔާސީ މަގާމަކަށް ވާދައެއް ނުކުރެވެއެވެ. ވުމާއެކު އިޚްވާނުގެ މެންބަރުން 2005 ވަނަ އަހަރުގެ ޕާރލަމެންޓްރީ އިންތިޚާބުގައި ވާދަކޮށްފައި ވަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ. އެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި އިޚްވާނުގެ މެންބަރުން ޕާރލަމެންޓުގެ 444 ގޮނޑީގެ ތެރެއިން 88 ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އިންތިޚާބުގައި ރަސްމީ އިދިކޮޅު ފަރާތްތަކަށް ލިބުނީ އެންމެ 14 ގޮނޑިއެވެ. އިޚްވާންގެ މި ޙައިރާންކުރުވަނިވި ކާމިޔާބީގެ ސަބަބުން މުބާރަކުގެ ސަރުކާރަށް ލިބުނީ ޝޮކެކެވެ. އެއާއެކު މުބާރަކުގެ "ނެޝަނަލް ޑިމޮކްރެޓިކް ޕާޓީ" ގެ ރޭވުމުގެ މަތީން އަނެއްކާވެސް އިޚްވާނާ ދެކޮޅަށް އަނިޔާވެރިކަމުގެ އާ ސިލްސިލާއެއް ފެށިއެވެ. އިޚްވާންގެ އެތައް ލީޑަރުންނެއް ހައްޔަރުކޮށް، ޖަލަށް ލައި، އެ ބޭފުޅުންނަށް އެކި ކަހަލަ ވަޙުޝީ އަނިޔާތައް ދިނެވެ. މިހާރު އިޚްވާންގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ފަރާތުން ބޮޑެތި އަނިޔާތައް ނުލިބޭ ބޭފުޅަކު މަދެވެ. ޖަމާއަތުގެ ޗެއަރމަން މުޙައްމަދު ބަދީޢުގެ އިތުރުން އިސްކޮށް ތިއްބެވި އެހެން ބޭފުޅުންނަކީ ވެސް މުބާރަކުގެ ޖަލުތަކުގައި، އަނިޔާގެ ގޮޅިތަކުގައި އެތައް އަހަރެއް ހޭދަކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި އައްސާމް އަލްއަރްޔާނާއި، ޢަބްދުލް މުއްނިމް އަބުލްފަތުޙާއި، ޖަމާލް ހިޝްމަތާއި އަލްޤަތާނާ ފަދަ އެތައް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
2005 ވަނަ އަހަރު އިޚްވާނުގެ މެންބަރުން ޕާރލަމެންޓުން ގިނަ ގޮނޑިތަކެއް ހޯދުމާ ގުޅިގެން، ޤާނޫނީ ގޮތުން އިޚްވާންގެ މަގު ބަންދުކުރުމަށްޓަކައި ވެސް ސަރުކާރުން އެތައް ފިޔަވަޅެއް އެޅިއެވެ. އޭގެ ތެރޭގައި، މިސުރުގައި އިސްލާމް ދީނާއި އިސްލާމީ ފިކުރުގެ މަތީގައި އެއްވެސް ސިޔާސީ ޕާޓީއެއް އެކުލަވައިލުން މަނާކުރާ މާއްދާއެއް ޤާނޫނު އަސާސީއަށް އިތުރުކުރުމާއި، މިނިވަން ކެންޑިޑޭޓުން ޤައުމުގެ ރައީސްކަމަށް ވާދަކުރުން މަނާކުރާ މާއްދާއެއް ޤާނޫނު އަސާސީއަށް އިތުރުކުރުން ހިމެނެއެވެ.
މިސުރުގެ ސިޔާސީ މަސްރަހު ތަޙުލީލުކުރާ އެންމެން އިއްތިފާގު ވާ ގޮތުގައި 2005 ވަނަ އަހަރުގެ އިންތިޚާބާ ހަމަޔަށް، ގައުމުގެ ޕާރލަމެންޓަކީ މުބާރަކުގެ ސަރުކާރުގެ "ރަބަރ ސްޓޭމްޕް" އެކެވެ. ނަމަވެސް އެ އިންތިޚާބުގައި އިޚްވާނުގެ މެންބަރުން ޕާރލަމެންޓުގެ 88 ގޮނޑި ކާމިޔާބުކުރެއްވުމުން، ޕާރލަމެންޓު ހަގީގީ ޕާރލަމެންޓަކަށް ބަދަލުވެގެން ދިޔައެވެ. އެ ބޭފުޅުން ޕާރލަމެންޓުގައި ޙަރަކާތްތެރިވެވަޑައިގެންފައި ވަނީ އެހެން އެއްވެސް ޕާޓީއެއްގެ މެންބަރުން ޕާރލަމެންޓްރީ ޒިންމާތައް އަދާނުކުރައްވާހައި ފުރިހަމަޔަށެވެ. ފުރަތަމަ ކަމަކަށް، މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަތުމުގެ މައްސަލަ އިންތިހާއަށް ބޮޑު މިސުރުގެ ޕާރލަމެންޓުގައި އިޚްވާނުގެ މެންބަރުންގެ ހާޒިރީ ރިކޯޑު މުޅީން ބަރާބަރެވެ. ދެވަނަ ކަމަކަށް، އިޚްވާނުގެ މެންބަރުން ޕާރލަމެންޓުގައި މަސައްކަތްކުރައްވާފައި ވަނީ ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެއްވުމަށް ޓަކައި ކަން އެ ބޭފުޅުންގެ މަސައްކަތްޕުޅުގެ ރެކޯޑަށް ބެލުމުން އެނގެއެވެ. މުބާރަކުގެ ލާދީނީ ސަރުކާރުންނާއި، ހުޅަނގުގެ "ހުރިހާ ކަމެއް އެންމެ މޮޅަށް ދަންނަ ފެސިސްޓުން" ބުނީ ޕާރލަމެންޓުގައި އިޚްވާނުގެ މެންބަރުންގެ އަމާޒަކަށް ވާނީ އަންހެނުން މޫނު ނިވާކުރަން މަޖުބޫރުކުރުވާ ޤާނޫނުތަކާ ހުރެ ތަޅައިފޮޅުމާއި، އެހެން ދީންތަކުގެ މީހުން ސިއްކައެއް ޖަހައިގެން ނޫނީ މަގުތަކަށް ނުކުތުން މަނާކުރަން އުޅުން ފަދަ ކަންތައްތައް ކަމަށެވެ. ނަމަވެސް ކަންތައް ވީ މުޅީން އިދިކޮޅަށެވެ. އިޚްވާނުގެ މެންބަރުން ގެންދެވީ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތާ ގުޅޭ މުހިއްމު ބިލްތަކެއް ޕާރލަމެންޓަށް ހުށަހަޅުއްވަމުންނެވެ. މުބާރަކުގެ ޕާޓީން އަމިއްލަ އެދުން ފުއްދަން ކުރާ ކަންތައްތަކާ ދެކޮޅަށް ޕާރލަމެންޓުގެ ތަޅުމުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރައްވަމުންނެވެ.
2005 ވަނަ އަހަރު ހޮވުނު ޕާރލަމެންޓުގެ ދައުރު ފުރިހަމަވެ، އާ ޕާރލަމެންޓެއް ހޮވުމަށް ޓަކައި 2010 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވުނު އިންތިޚާބުގައި އިޚްވާނަށް އެކަށީގެންވާ ފަދަ ކާމިޔާބެއް ލިބުނަ ނުދިނުމަށް ޓަކައި މުބާރަކުގެ ސަރުކާރުގެ ވެރީން ހެދެން އޮތް ހައި މަކަރަކާއި ޙީލަތެއް ހެދިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިޢުލާންކުރެވުނު އިރު، އިޚްވާންގެ އެއްވެސް މެންބަރަކަށް ޕާރލަމެންޓުގެ ގޮނޑިއެއް ލިބިވަޑައެއްނުގަތެވެ. އެހެންކަމުން ޖަމާއަތުން އިންތިޚާބުގެ ދެވަނަ ބުރު ބޮއިކޮޓްކުރިއެވެ. މުބާރަކުގެ ޚުދުމުޚުތާރިއްޔަތާ ދެކޮޅު މުޒާހަރާތައް ފެށިފައި ވަނީ މި އިންތިޚާބުގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
މުހިއްމު ނުކުތާތަކެއް
ފާހަގަކުރަން ޖެހޭ އެއްމެ މުހިއްމު އެއް ކަމަކީ ޢަރަބި އިސްލާމީ ދުނިޔޭގައި އޮތް އިސްލާމީ ސިޔާސީ ޙަރަކާތްތަކުގެ ތެރެއިން، އިސްލާމް ދީނުގެ އަސްލުތަކަށް އުއްމަތް އަނބުރާލުމުގެ ޤާބިލިއްޔަތު އެންމެ ބޮޑަށް ލިބިފައިވާ އެއް ބާރަށް އިޚްވާނުލް މުސްލިމޫން ވާ ކަމެވެ. އިޚްވާނުގެ ފިކުރާއި ތާރީޚަށް ބަލައިލުމުން އެކަން ދޭހަވެއެވެ. ޖަމާއަތުގެ ލީޑަރުންގެ ތެރޭގައި ތިއްބެވީ ދީނަށް ލޯބިކުރައްވާ، ދީނަށް ޓަކައި ޖިހާދުކުރައްވާ، ޢިލްމީގޮތުން ޤާބިލު، އަޚްލާޤީ ގޮތުން ބަލާ އިރު ނަމޫނާތަކެއް ކަމަށް ބެލެވޭ ބޭފުޅުންނެވެ. ވާހަކަދެއްކުންތެރި، ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އަދި ޤައުމާއި ރައްޔިތުންނާއި އެ ބޭފުޅުން ޤަބޫލުފުޅުކުރައްވާ އުސޫލުތަކަށް ޓަކައި މުބާރަކުގެ އަނިޔާވެރި ސަރުކާރުގެ އަތުން ބޮޑެތި އަނިޔާތައް ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުންނެވެ. ހަމައެއާއެކު، އިޚްވާނުގެ ލީޑަރުންގެ ތެރޭގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ފަންސާހުގެ އަހަރުތައް ގުނުއްވަމުން ގެންދަވާ ބޭފުޅުންނެވެ. ސިޔާސީ މައިދާނުގައި "ޒުވާން" ބޭފުޅުންނެވެ. އިދިކޮޅު އެހެން ލީޑަރުންނަށް ބަލާ އިރު، އަލްބަރާދަޢީއަކީ ޢުމުރުފުޅުން 70 އަހަރު ވާން ކައިރިވެފައި ހުންނެވި ބޭފުޅެކެވެ. ޢަމްރު މޫސާގެ ޢުމުރުފުޅަކީ 74 އަހަރެވެ. އެހެންކަމުން މި ދެ ބޭފުޅުންނަކީ މިފަދަ ޙާލަތެއްގައި ޤައުމުގެ ރިޔާސަތުގައި ހިއްޕަވައިގެން، ބޮޑެތި ޗެލެންޖުތަކަކާ ކުރިމަތިލައްވާ ވަރަށް ވުރެ މުސްކުޅިފުޅު ބޭފުޅުން ކަމަށް ވެސް ބައެއް މީހުން ދެކެއެވެ.
މިސުރުގެ އެހެން ސިޔާސީ ހަރަކާތްތަކާ ޚިލާފަށް، އިޚްވާނުލް މުސްލިމޫނަކީ މުޅި މުޖުތަމައުގެ ހުރިހާ ފަންތިތަކަކާ ގުޅިފައި އޮންނަ ޖަމާއަތެކެވެ. ބޮޑެތި ޝަހަރުތަކުގެ އިތުރުން ރަށްފުށުގެ އެންމެ ކުދިކުދި އަވަށްތަކުގައި ވެސް ޖަމާއަތުގެ ހަރަކާތްތައް ހިނގައެވެ. ޖަމާއަތަށް މެންބަރުން ގެނެސް، އެ މެންބަރުން އިލްމީ ގޮތުން ގާބިލު ބަޔަކަށް ހަދައި، އިޚްވާނުގެ ދީނީ ޖިހާދުގެ ވަރުގަދަ ރޫޙު އެ މީހުންގެ ކިބައިގައި އުފައްދަން ޖަމާއަތުގެ ޒައާމަތުން ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތްތަކެކެވެ. ދުނިޔޭގައި މިހާރު ބާރު ހިންގާ ލާދީނީ، އަދި ޢިލްމާނީ ޕްލުޓޯކްރަސީގެ ޙަޤީޤަތް މެންބަރުންނަށް ދައްކައިދީ، އިސްލާމް ދީނާއި އިސްލާމީ އުއްމަތަށް ކުރިމަތިވެފައި އޮތް ޗެލެންޖުތަކާ މެދު މެންބަރުން ހެއިލުންތެރިކުރުވުމަކީ ވެސް މި މަސައްކަތުގެ ބައެކެވެ. މި މަސައްކަތުގެ ކާމިޔާބުކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ އިޚްވާނުގެ އެތައް ހާސް މެންބަރަކު މިސުރުގެ ޖަލުތަކުގައި ތިބެގެން ވެސް ޔުނިވަރުސިޓީ ޑިގްރީ ހާސިލުކޮށްފައި ވާ ކަމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިޚްވާނުގެ މެންބަރުންގެ ކިބައިގައި އުފެދޭ އިލްމީ ޝަޚްސިއްޔަތާއި ދީނީ ރޫޙުގެ ސަބަބުން، ޖަމާއަތުގެ މެންބަރުންގެ ކިބައިން ސިޔާސީ ހަރަކާތްތަކުގައި އުޅޭ އެހެނިހެން ޕާޓީތަކުގެ މީހުންގެ ކިބައިން އާއްމުކޮށް ނުފެންނަފަދަ އިލްމީ އަދި އަޚްލާޤީ "އިންޓެގްރިޓީ" އެއް ފެނެއެވެ. މިސުރުގެ ލާދީނީ ސަރުކާރުތަކާ ކުރިމަތިލުމުގައި ވެއަތުވެ ދިޔަ އައްޑިހަ ވަރަކަށް އަހަރުގެ ތެރޭގައި އެހެން އެއްވެސް ބަޔަކަށް ދެއްކިފައި ނުވާ ފަދަ ހިތްވަރާއި، އަޒުމާއި، ކެތްތެރިކަމާއި، ސާބިތުކަން އިޚްވާނުގެ މެންބަރުން ދައްކާފައި ވަނީ މި ދެންނެވި "އިންޓެގްރިޓީ" ގެ ނަތީޖާއެއްގެ ގޮތުންނެވެ. ހަމަ އެހެންމެ އިޚްވާނުގެ ސަފުތަކުގައި އަންހެން މެންބަރުންގެ ހަރަކާތްތެރިކަން ވެސް ކުޑައެއް ނޫނެވެ. "އިންވެސްޓިގޭޓިވް ޖަރނަލިޒަމް" ނުވަތަ ތަހުގީގީ ނޫސްވެރިކަމުގައި ހަރަކާތްތެރިވާ އެތައް މުހައްލިލުންނެއްގެ ދިރާސާތަކުން ދައްކާގޮތުގައި، މިހާރުވެސް ޢަރަބި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ ސިޔާސީ ޕާޓީތަކުގެ އަންހެން މެންބަރުންގެ އަދަދަށް ވުރެ އިޚްވާނުގެ އަންހެން މެންބަރުންގެ އަދަދު ގިނައެވެ.
ފާހަގަކޮށްލަން ޖެހޭ ތިންވަނަ ކަމަކީ އިޚްވާންގެ ފިކުރު މުޅީން ބަދަލުވެގެން މެނުވީ އެއްވެސް ޙާލަތެއްގައި އިސްރާއީލުގެ އެކުވެރިއަކަށް އިޚްވާނު ނުވާނެ ކަމެވެ. އިޚްވާނުގެ ލީޑަރުން އަބަދު ވެސް 1979 ގައި މިސުރުގެ ސަރުކާރުން އިސްރާއީލާ އެކު ސޮއިކުރި އެއްބަސްވުމާ ދެކޮޅަށް ވާހަކަދައްކަވައެވެ. ގާތްގަނޑަކަށް ޔަގީންކުރެވޭ ގޮތުގައި، އިޚްވާނުލް މުސްލިމޫނަށް މިސުރުގެ ބާރުތައް ލިބިއްޖެ ނަމަ މިސުރުން އިސްރާއީލާ އޮތް ގުޅުންތައް ނިމުމަކަށް ގެންނާނެއެވެ. ނުވަތަ އެންމެ ކުޑަ މިނުން ވެސް، އެ ގުޅުންތަކުގެ މިންވަރު ވަރަށް ކުޑަކޮށް، އެ ގުޅުންތަކުގެ ދާއިރާ ވަރަށް ހަނިކޮށްލާނެއެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމުގެ ޖިހާދަށް ޤާނޫނީ އިމުގެ ތެރެއިން ދެވެން އޮތް ހުރިހައި މަދަދެއް ވެސް އިޚްވާނުން ދޭނެކަމަށް އޮތް ޔަގީންކަން ބޮޑެވެ.
އެމެރިކާއާއި އިސްރާއީލުގެ ދުޝްމަން
އިޚްވާނަށް މިސުރުގެ ވެރިކަން ލިބިދާނެތީ އެންމެ ބޮޑަށް ސިހޭ ޤައުމަކީ އިސްރާއީލެވެ. މުބާރަކުގެ ސަރުކާރާ ދެކޮޅަށް މި ފަހަރު މުޒާހަރާތައް ފެށުމާ ގުޅިގެން ވެސް އިސްރާއީލުން ވަނީ އެކި ފެންވަރުގެ ބައްދަލުވުންތައް ބާއްވައި، ސައްލާތައް ކޮށްފައެވެ. "ހާރެޓްޒް" ފަދަ އިސްރާއީލުގެ ބޮޑެތި ނޫސްތަކުން އިޚްވާނުލް މުސްލިމޫން ވެރިކަމަށް އައުމަކީ 1979 ގައި އީރާނުގައި ގެނެވުނު އިންޤިލާބުފަދަ އިންޤިލާބަކަށް ވާނެކަމުގެ އިންޒާރު ދީފައި ވެއެވެ. ޖަރުމަނުގެ ޚާރިޖީ ވަޒީރު ގައިޑޯ ވެސްޓަރވެލް ވިދާޅުވަނީ "އިޚްވާން ފަދަ ޙައްދުފަހަނައަޅާފައިވާ މީހުން ވެރިކަމަށް އައުމަކީ އަހަރެމެންގެ މަސްލަހަތަށް ހުރި ބިރެއް" ކަމަށެވެ. އެމެރިކާގެ ރިޕަބްލިކަން ޕާރޓީގެ ފަރާތުން ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވައިފާނެ ކަމަށް ބެލެވޭ މައިކް ހަކަބީ ދާދި ފަހުން ވިދާޅުވި ގޮތުގައި މިސުރުގެ ހަމަނުޖެހުންތަކުގެ އަސްލު އިޚްވާނުލް މުސްލިމޫނާ ގުޅިފައި ވާ ނަމަ އެއީ ދުނިޔޭގެ ހުރިހާ އިންސާނުންނަށް ހުރި ބިރެކެވެ.
މުބާރަކުގެ ސަރުކާރު ވެސް އިޚްވާނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގެ ދައުވާ ތަކުރާރުކޮށް ކުރިއެވެ. މި ފަހަރުގެ މުޒާހަރާތަކާ ގުޅިގެން މުބާރަކު އެންމެ ފުރަތަމަ ދެއްވި ތަޤުރީރުގައި ވެސް އޭނާ ވެރިކަން ދޫކޮށްލައްވައިފި ނަމަ "ޓެރަރިސްޓު އިޚްވާނުލް މުސްލިމޫން" ގައުމުގެ ބާރުތައް އަތުލައިފާނެ ކަމުގެ "އިންޒާރު" ދެއްވިއެވެ. މުޒާހަރާތަކާ ގުޅިގެން ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިއީ އިޚްވާނުލް މުސްލިމޫން ގެ ފަރާތުން އިންތިޒާމުކޮށްގެން ހިންގާ "ހަމަނުޖެހުންތަކެއް" ކަމަށެވެ. އިންޓީރިއަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި އޮތް ގޮތުން "ހަމަނުޖެހުންތައް އިންތިޒާމުކޮށް، ޢާއްމުންގެ މުދާތައް ހަލާކުކޮށް، ފުލުހުންނާ ދިމާޔަސް ގާ އުކައި ޓެރަރިޒަމް ހިންގަނީ އިޚްވާނުލް މުސްލިމޫން ޖަމާޢަތަށް ނިސްބަތް ވާ މީހުންނެވެ." މީގެ ތިން ހަތަރު ދުވަހެއް ކުރީން ވިކިލީކްސް އިން ރޮއިޓަރސް މެދުވެރިކޮށް ޢާއްމުކުރި ސިއްރު ރިކޯޑުތަކުން ހާމަވި ގޮތުގައި މިހާރު މިސުރުގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި، އަދި މުބާރަކުގެ ކަނާއަތް ކަމުގައި ބެލެވުނު ޢުމަރު ސުލައިމާނަކީ ވެސް އިޚްވާންގެ ބޮޑު އަދާވާތްތެރިއެކެވެ. މި ރިކޯޑުތަކުގައި ވާގޮތުން 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހު، މިސުރުގައި އެއިރު ހުންނެވި އެމެރިކާގެ އެމްބެސެޑަރ ފްރާންސިސް ރިޗިއާރޑޯންގެ އަރިއަހުގައި މިސުރުގެ "ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތައް ކަމުގައިވާ އިޖިޕްޝަން އިސްލާމިކް ޖިހާދާއި ޖަމާޢާ އިސްލާމިއްޔާ ފަދަ ބައިގަނޑުތަކަކީ އިޚްވާންގެ ކުޑައިގެ ދަށުގައި ތިބި ޖަމާޢަތްތަކެއް" ކަމަށާއި، އިޚްވާނާ ދެކޮޅަށް ވީ އެންމެ ހަރުކަށިކޮށް އަމަލުކުރަން ޖެހޭނެކަމަށް ވެސް ސުލައިމާން ވަނީ ވިދާޅުވެފައެވެ.
އިޚްވާނުލް މުސްލިމޫނަށް މިސުރުގެ ވެރިކަން ލިބުމަކީ އެމެރިކާގެ ލަގޮނޑިއަށް ވަރަށް ވޭންދެނިވި ކަމަކަށް ވާނެއެވެ. ލީބިޔާއަށް ބޮން އެޅި ގޮތާއި، އަލްޖީރިއާގެ އިންތިޚާބުގައި މުސްލިމް އެފް.އައި.އެސް. އަށް ކާމިޔާބު ލިބުމުން އެ ޤައުމު ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލި ގޮތާއި، އީރާނުގެ މަދަނީ މަތިންދާބޯޓެއް ވައްޓާލި ގޮތާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ހަދާ ގޮތަށް އެކަނި ބަލާލިޔަސް، އިސްލާމީ ޖަމާއަތެއްގެ ބާރު މިސުރުގައި ފެތުރިއްޖެ ނަމަ އެ ގައުމަށް ހަމަލަ ދޭން ފަސްޖެހޭ ވަރަށް ވުރެ އެމެރިކާގެ ހަޔާތްކުޑަކަމާއި ނުބައިކަން ބޮޑުކަން ސާބިތުވެއެވެ. އެ ކަމަށް ޓަކައި އެމެރިކާ ހަމައެކަނި ޖެހޭނީ އިޚްވާނުލް މުސްލިމޫނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގެ ސާބިތު ހެކިތައް ލިބިއްޖެޔޭ، އިޚްވާނާ އަލްޤާއިދާއާ ގުޅުން އޮވެޔޭ، ސެޓެލައިޓުން ނެގުނު ފޮޓޯއަކުން އިޚްވާނުގެ ލީޑަރުން އަލްޤާއިދާގެ ލީޑަރުންނާ އެކު ގަހުވަ ބޯން ތިއްބައި ފެނިއްޖެޔޭ، އިޚްވާނުގެ އަތުގައި އަލްޤާއިދާއަށް ދޭން އުޅޭ އެޓޮމިކް މިސައިލެއް ވެސް ވެއްޖެޔޭ، އޭގެ ފޮޓޯ ވެސް އަހަރެމެންނަށް ލިބިއްޖެޔޭ، މިކަހަލަ ވާހަކަތަކެއް ހަދަހަދައިގެން ދެއްކުމެވެ. މިއީ ވެސް އެމެރިކާ އަލަށް ކުރާ ކަމަކަށެއް ނުވާނެއެވެ.
ކޮންމެއަކަސް، ކުރިމަގުގައި މިސުރުގެ ސިޔާސީ ދާއިރާގައި އިޚްވާނުގެ އަޑު މިހާރަށް ވުރެ ގަދަ ވާނެ ކަމީ ގާތްގަނޑަކަށް ޔަގީންކަމެކެވެ. އޭގެ ސަބަބުން މިސުރުގެ ސިޔާސީ މަސްރަހަށް އަންނާނީ ކޮން ކަހަލަ ބަދަލުތަކެއްތޯ، އިސްރާއީލާއި އެމެރިކާއާއި ޔޫރަޕުގެ ރައްދު އަންނާނީ ކިހިނެއްތޯ، މިއީ އެ ސުވާލުތަކަކާ މެދު ވިސްނުން ހިންގަން ޖެހޭ ސުވާލުތަކެވެ. ގާތްގަނޑަކަށް ޔަގީންކުރެވޭ އެއް ކަމަކީ އިޚްވާނުގެ ވެރިކަމެއްގައި، އެމެރިކާއިން މުބާރަކުގެ ޒަމާނުގައި މިސުރަށް ހިލޭ އެހީގެ ގޮތުގައި އަހަރަކު ދިން 1.5 ބިލިއަން ޔޫ.އެސް. ޑޮލަރު ނުދޭނޭ ކަމެވެ.