09 Feb 2015, 12:05
އަންނަ އޭޕްރީލް މަހުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް އިއްވަން ދައުލަތުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ދެކޮޅަށް ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން ނިންމުމާ އެކު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ކުރިން ހުކުމް އިއްވަން ދައުލަތުން އުޅޭ ކަމަށާއި އެއީ އާ ގާނޫނުލް އުގޫބާތުގެ ހިޔާވަހިކަން އެމަނިކުފާނަށް ލިބުނަ ނުދިނުމަށް ޓަކައި ކުރަންއުޅޭ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ދައުލަތުން އެ މަސައްކަތް ކުރަނީ އާ އުގޫބާތުގެ ގާނޫނުގެ ހިޔާވަހިކަން އަޅުގަނޑަށް ލިބުނަ ނުދިނުމަށް، އޭޕްރީލް މަހުގެ ކުރީގައި އަޅުގަނޑުގެ މައްޗަށް ހުކުމް އިއްވުމަށް އެބޭފުޅުން އެ މަސައްކަތް ކުރައްވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ކުރީގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށަކަށް ފަހުން ހެދޭ ގާނޫނެއްގައި ލުއިއަދަބެއް ކަނޑައަޅައިފި ނަމަ، ހުކުމް އިއްވާއިރު އެމީހަކަށް ދޭންޖެހޭނީ ލުއި އަދަބެވެ. އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށަނީ އަންނަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ހައިކޯޓުން މިއަދު އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމާ މެދު ވަކީލުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ވަކީލުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި އިންސާފުވެރި ޝަރީއަތެއް ހިނގާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާއި ޚާއްސަކޮށް އެމަނިކުފާނާ ގުޅޭ ގޮތުން އިންސާފު ލިބިދާނެ ކަމަށް އެއްވެސް ގޮތަކަށް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޝަރީއަތާ ކުރިމަތިލައްވަން ތައްޔާރަށް ހުންނެވިތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ޝަރީއަތަކީ ވަކި ހަމަތަކެއްގެމަތިން ވަކިގޮތަކަށް ހިނގާކަމެއް ކަމަށާއި އެކަމުގެ އެއްވެސް ސިފައެއް ނުވަތަ މަންޒަރެއް ނުފެންނަ ކަމަށެވެ.