09 Feb 2015, 12:02
ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބާސްކެޓް މުބާރާތްތަކުގައި އަންހެން ބާސްކެޓް ކުޅުންތެރިންނަށް ބުރުގާ އަޅައިން ކުޅުމުގެ ހުއްދަ އިންޓަނޭޝަނަލް ބާސްކެޓް ފެޑަރޭޝަން (ފީބާ) ރާއްޖޭގެ ކުޅުންތެރިންނަށް ދީފި އެވެ.
ބުރުގާ އަޅައިން މުބާރާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ރާއްޖޭގެ ކުޅުންތެރިންނަށް ފީބާއިން ދިންކަން ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަން (އެމްބީއޭ) އިން ހާމަކޮށްފައި ވަނީ އިއްޔެ އެވެ. އެމްބީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފީބާ އިން ކަނޑައަޅާފައިވާ ޔުނީފޯމް ކޯޑަށް ލުޔެއްދީ، ރާއްޖޭގެ އަންހެން ކުޅުންތެރިންނަށް ބުރުގާ އަޅައިން މުބާރާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ފީބާ އިން އެމްބީއޭ އަށް އަންގާފައި ވާކަމަށެވެ.
ބާސްކެޓް މުބާރާތްތަކުގެ ޔުނީފޯމް ކޯޑަށް ލުޔެއްދީ، އަންހެން ކުޅުންތެރިންނަށް ބުރުގާ އަޅައިން މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތަށް ފީބާއިން ކަނޑައެޅީ މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ފީބާގެ ސެންޓްރަލް ބޯޑުގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށް ފީބާއިން ވަނީ ހާމަކޮށްފަ އެވެ.
ފީބާ އިން ބުނެފައި ވަނީ އެކަމަށް ހުއްދަ ދޭން ފީބާއިން ނިންމީ ބުރުގާ އަޅައިން ބާސްކެޓް ކުޅޭ ކުޅުންތެރިން އުޅޭ ގައުމުތަކުގެ ބާސްކެޓް އެސޯސިއޭޝަންތަކުން އެކި ފަހަރު މަތިން އެކަމުގެ ހުއްދައަށް އެދި ފީބާއަށް ހުށައަޅާފައިވަ ހުށައެޅުންތަކަށް ރިޔާއަތްކޮށް ކަމަށެވެ. އަދި އެކަމަށް އެދިފައިވާ ހުރިހާ ގައުމުތަކަށް ވެސް އެކަމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ފީބާ އިން ވަނީ ހާމަކޮށްފަ އެވެ.
އަންހެން ކުޅުންތެރިންނަށް ބުރުގާ އަޅައިން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދަދިނުމާ ބެހޭ ގޮތުން ވޭތުވެ ދިޔަ އަހަރު ބޭއްވި ފީބާ ކޮންގްރެސް އާއި ފީބާ އޭޝިއާ ކޮންގްރެސްގައި ކުރި މަޝްވަރާތަކުގައި ރާއްޖެއިން ބައިވެރިވެ، އެކަމަށް އަވަސް ހައްލެއް ހޯދަދިނުމަށް ރާއްޖޭގެ ފަރާތުން ވަނީ ފީބާގައި އެދިފަ އެވެ.
މުބާރާތްތަކުގައި ބުރުގާ އަޅައިން ކުޅުމުގެ ހުއްދަ މިހާރު ރާއްޖޭގެ ކުޅުންތެރިންނަށް ލިބިފައިވާ އިރު، އެކަމުގެ ސަބަބުން ފަހަކަށް އައިސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ އަންހެން ކުޅުންތެރިންނަށް ބައިވެރިވުމަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރާކަމަށް އެމްބީއޭއިން ވަނީ ބުނެފަ އެވެ.