09 Feb 2015, 11:59
މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރުމަށް ފަހު، ފައިނަލްގައި ގާނާ އާ ދެކޮޅަށް ވާދަކޮށް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެންޕިއަންކަން އައިވަރީ ކޯސްޓް ހޯދައިފި އެވެ.
އައިވަރީ ކޯސްޓް އެފްކޮން މުބާރަތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އެއް މެޗު ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން ފަސް ޕޮއިންޓު ހޯދައިންނެވެ. އަދި އެ ޓީމް ވަނީ ކުއާޓާ ފައިނަލްގައި އަލްޖީރިއާއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން އެ ޓީމްގެ މައްޗަށް ކުރި ހޯދުމަށް ފަހު ސެމީގައި ޑީއާރް ކޮންގޯއާ ވާދަކޮށް އެ ޓީމްގެ މައްޗަށް ވަސް 3-1 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ.
މުބާރާތުގެ ފައިނަލްގައި އިއްޔެ ގާނާގެ މައްޗަށް އައިވަރީ ކޯސްޓް ކުރި ހޯދީ ޕެނަލްޓީ ޖެހުމަށްފަހު 9-8 ގެ ނަތީޖާއަކުން ނެވެ. މެޗުގެ 90 މިނެޓުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދީ ގާނާ އެވެ. އަދި އެ މެޗުގައި އައިވަރީ ކޯސްޓަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު، މެޗުގައި ގާނާގެ ކީޕަރުގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުންކުރެ އެއް ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފްގައި ވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަދި އިތުރު ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި ވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މި އަހަރު ބީޕީއެލްގައި ސްވޮންސޭ ސިޓީން މެންޗެސްޓާ ސިޓީއަށް ބަދަލުވި ސްޓްރައިކަރު ވިލްފްރެޑް ބޮނީ އާއި އިޓަލީ ލީގުގައި ރޯމާއަށް ކުޅެފައިވާ ޓަލޯ ގަޖީ ޖެހި އައިވަރީ ކޯސްޓުގެ ފުރަތަމަ ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އަދި އިޓަލީގެ ކްލަބް ޕާމާ އެފްސީއަށް ކުޅެމުން އަންނަ އަފްރިޔީ އަޚްވާ އާއި ބެލްޖިއަމްގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އެންޑަލެކްގެ ފޯވާޑް ފްރޭންކް ޖެހި ގާނާގެ ތިންވަނަ އަދި ހަތަރުވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުން، މެޗުގެ ނަތީޖާ އަނެއްކާވެސް ވަނީ ހަމަހަމަ ވެފަ އެވެ.
މެޗު އައިވަރީ ކޯސްޓަށް ލިބިގެން ދިޔައީ ސްޕެއިންގެ ކްލަބް ސީޑީ މިރަންޑޭޒްއަށް ކުޅެމުން އަންނަ ގާނާގެ ގޯލްކީޕަރު ބްރިމާ ރަޒަކް ޕެނަލްޓީ ޝޫޓްއައުޓްގައި ޖެހި 11 ވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. އެއާ އެކު އައިވަރީ ކޯސްޓުގެ 11 ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް މެޗު ހޯދަދިނީ ބެލްޖިއަމްގެ ކްލަބް ލޮކެރަންއަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ގޯލްކީޕަރު ބެރީ އެވެ.
އެފްކޮން މުބާރާތުގެ ތާރީހުގައި މިއީ އައިވަރީ ކޯސްޓު އެ މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމް އެފްކޮން ކާމިޔާބު ކޮށްފައި ވަނީ 1992 ވަނަ އަހަރު އެވެ. އަދި 2006 ކާއި 2012 ވަނަ އަހަރު އެ މުބާރާތުގެ ރަނަރަޕްކަން އެ ޓީމް ހޯދި އިރު، އޭގެ ކުރިން ހަތަރު ފަހަރަށް އައިވަރީ ކޯސްޓު ވަނީ މުބާރާތުގެ ތިންވަނަ ހޯދާފަ އެވެ.