ހަ މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ހުޅުމާލެއިން ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި މަންމަގެ ބަނދުގެ މުއްދަތު ޖަހަން ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން އަންހެން މީހާ އަށް ނަސޭހަތް ދިނުމަށް ފަހު ޝަރުތުތަކެއްކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

އަންހެން މީހާ ދޫކޮށްލުމުގައި ކޯޓުން ޝަރުތު ކޮށްފައި ވަނީ ގޭތެރޭގައި ޒުވާބުކޮށް ހަމަނުޖެހުން ނުހިންގުމަށާއި ދަރިފުޅަށް އޯގާތެރިކޮށް ކަންތައް ކުރުމަށެވެ.

ހުޅުމާލޭ ޗައިނާ ޓައުން ސަރަހައްދުގައި ދިރިއުޅޭ އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

އޭނާ ބަންދުން ދޫކޮށްލަފައިވީ ނަމަވެސް އޭނާގެ ތަހުގީގު އަދި ނިމިފައިވާނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އުމުރުން 23 އަހަރުގެ އަންހެން މީހާ އޭނާގެ ހަ މަހުގެ ދަރިފުޅަށް އަޅާނުލި މައްސަލަ ފުލުހުންނާއި ޖެންޑާއިން ތަހުގީގު ކުރަމުން އަންނައިރު ހަ މަހުގެ ތުއްތު ދަރިފުޅު ޖެންޑާ މިނިސްޓްރީ މެދުވެރިވެގެން އެ ކުއްޖާގެ ބައްޕަ ފަރާތު އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ.