09 Feb 2015, 11:46
ދަމާސް ކޮމްޕެނީގެ ފަރާތުން މާލޭގައި އިމާރާތް ކުރާ އެޕާޓްމަންޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެކުންފުނިން މާލޭގައި ފުރަތަމަ ފަހަރަށް އިމާރާތްކުރާ ރިއަލްއެސްޓޭޓް ދިހަ ބުރީގެ އިމާރާތުގެ ތެރެއިން ހ.ކަރޯގޭގެ އިމާރާތުގެ ތިން ކޮޓަރީގެ ނުވަ އެޕާޓްމަންޓާއި ދެ ކޮޓަރީގެ ފަސް އެޕާޓުމަންޓް ވިއްކުމަށް ވަނީ ނިންމާފަ އެވެ. ތިން ރޫމްގެ އެޕާޓުމަންޓްތަކުގެ ބޮޑުމިނަކީ 914.36 އަކަފޫޓެވެ. ދެ ރޫމް އެޕާޓްމަންޓުތަކުގެ ބޮޑުމިނަކީ 724 އަކަފޫޓެވެ.
އެޕާޓްމަންޓުތަކުގެ އަގު އުޅެނީ 3.7 މިލިއަން ރުފިޔާ އާއި 2.8 މިލިއަން ރުފިޔާ ދެމެދުގެ އަގުތަކެއްގަ އެވެ.
އެއެޕާޓުމަންޓުތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ލޯނުގެ ދަށުން ހަމަޖެހޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ދަމާސް ރިއަލްއެސްޓޭޓުގެ އޮޕަރޭޝަންސް މެނޭޖަރު މޫސާ އަޝްފާގު މުހައްމަދު ސަން އަށް ވިދާޅުވީ އެކުންފުނިން ވިއްކާ އެޕާޓުމަންޓުތަކަކީ އަގު ދެއްކުމުން މިލްކުކުރެވޭ ގޮތަށް، އަދި ގަންނަ ފަރާތަށް ރަޖިސްޓްރީ ކޮށްދޭނެ ތަންތަން ކަމަށެވެ. އެއެޕާޓުމަންޓުތަކަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު ފައިސާ ދެއްކުމަށް އެއް އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެޕާޓްމަންޓުތައް ހަވާލުކުރެވޭވަރުވާނީ އަންނަ އަހަރު ޖުލައި މަހު ކަމަށެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3002488 އަށް ގުޅުމުންނާއި އެކުންފުނީގެ ވެބްސައިޓު www.dre.mv އިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިހަ ބުރީގެ އެ އިމާރާތަކީ އެންމެ މިޒަމާނުގެ ފެންވަރަށް ބޭނުންވާ ވަސީލަތްތަކާ އެކު ތަރައްގީ ކުރާ އިމާރާތެކެވެ. ހުޅުމާލޭގައި ވެސް ދަމާސް އިން އެފަދަ އިމާރާތްތަކެއް މީގެ ކުރިން ހަދާފައިވެ އެވެ.