ހއ. ކެލާގައި ރޭ ދާއަޅަން ގޮސް އުޅުނު ދެ މީހަކަށް ކިނބުލެއް ފެނުނު ކަމަށް ރިޕޯޓް ކުރުމާ ގުޅިގެން އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 11 ޖަހާ އެހާކަންހާއިރު ދާއަޅަން ގޮސް އުޅުން ދެ މީހަކަށް ކިނބުލެއް ފެނުނު ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރޭގައި އެ ރަށު ކައިރިން ކިނބޫ ފެނުނު ކަމަށް ބުނުމާ އެކު ފުލުހުންނާއި ރަށުގެ އިތުރު ރައްޔިތުންތަކަކާ އެކު ގޮސް އެ ސަރަހައްދު ބެލި އިރު ކިނބުލެއް ފެނިފައި ނުވާ ކަމަށެވެ.

އެ ކިނބުލުގައި ނުވަ ފޫޓާއި ދިހަ ފޫޓު ހުންނާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށް އިންފާޒް ވިދާޅުވި އެވެ.

ކެލައިން ކިނބުލެއް ފެނުނު ކަމަށް ބުނުމާ އެކު ރައްޔިތުންގެ ތެރޭގައި ބިރުވެރި ކަމެއް ފެތުރިފައިވާ އިރު ފުލުހުން ދަނީ އެކަންތައް އިތުރަށް ބަލަމުންނެވެ.