09 Feb 2015, 10:37
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގެ ގާނޫނީ ސައްޚަ ކަމާމެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައި ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ރައީސް ނަޝީދު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ގަވާއިދުގެ ދަށުން ކަމުގައިވާ އިރު، އެ މައްސަލައަކީ އެ ގަވާއިދުގެ ދަށުން ހައިކޯޓަށް ބެލެނޭ މައްސަލައެއް ނޫންކަމަށެވެ. އެ ހުކުމްގައިވާގޮތުން ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އެ ކޯޓަށް ބެލޭނީ ކޯޓުތަކުން ނިންމާ ނިންމުންތައް އެކަންޏެވެ.
ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޖޭއެސްސީން ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެހެންނަމަވެސް އިޖުރާއީ ނުކުތާއެއް ނަގައި ޖޭއެސްސީ އިން ބުނެފައި ވަނީ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ހުއްދައާ އެކު ކަމަށާއި އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ބެންޗު އެކުލަވާލަން ހުއްދަދީ ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީއަކީ ޖުޑީޝަލް ކައުންސިލްގެ ފަރާތުން ނިންމި ނިންމުމެއް ކަމަށެވެ. ޖުޑީޝަލް ކައުންސިލްގެ މެމްބަރުންނަކީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
ހައިކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ނިންމަންދެން ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހުޅުމާލޭ ކޯޓުގެ މައްޗަށް މީގެކުރިން ހައިކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ހައިކޯޓުން މިއަދު އިއްވި ހުކުމާ އެކު ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް ބަންދުވެފައިވާ ދޮރުތައް މިހާރު މިވަނީ ހުޅުވިފަ އެވެ.