12 Feb 2011, 14:51
ގއ. އަތޮޅު ކައުންސިލުގެ ދާންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ރަށު އޮފިޝިލުން އިއުލާން ކުރި ގޮތާއި އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ އިން އިއުލާން ކުރި ވަގުތީ ނަތީޖާ ޝީޓުގައި ބޮޑު ތަފާތެއް ހުރި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މައްސަލަޖެހިފައި ވަނީ ގއ. އަތޮޅު ކައުންސިލުގެ ދާންދޫ ދާއިރާގެ ވޯޓުލުމަށް އެ އަތޮޅު މާމެންދޫގައި ބެހެއްޓި ވޯޓު ފޮށިންނެވެ. މާމެންދޫގައި އެ ވޯޓު ފޮށި ކައިރީގައި ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތައްޔާރު ކުރި ވަގުތީ ނަތީޖާ ޝީޓުން ދައްކާ ގޮތުގައި އެ ދާއިރާ އަށް ކުރިމަތިލި ޑީއާރްޕީގެ ކެންޑިޑޭޓް މުހައްމަދު އާދިލަށް ލިބިފައި ވަނީ 297 ވޯޓެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ އިން އިއުލާންކޮށްފައިވާ އެ ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާދިލަށް ލިބިފައި ވަނީ 272 ވޯޓެވެ. އެހެންކަމުން 25 ވޯޓު މަދުވުމުން އާދިލަށް ލިބިފައި ވަނީ ދެ ކެންޑިޑޭޓުން ހޮވާ ދާންދޫ ދާއިރާ އިން ތިން ވަނަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ސާބިރާ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
މުޅި ދާންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އާދިލަށް ލިބެނީ 1002 ވޯޓެވެ. އަދި އެމްޑީޕީ ކެންޑިޑޭޓް ސާބިރަށް ލިބެނީ 1003 ވޯޓެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން އާދިލް މިއަދު ވިދާޅުވީ އިލެކްޝަންސް އިން ހުރީ ވޯޓުގެ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާގެ ހައްގު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު ވާނީ އެ މައްސަލަ އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައި. ދާންޖެހިއްޖެއްޔާ ކޯޓަށް ވެސް ދާން ތައްޔާރަށް މިހުރީ،" އާދިލް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން އެ މައްސަލައިގައި ވިދާޅުވީ ނަތީޖާ ޝީޓުތައް ކޮމިޝަނުގެ މައި އިދާރާއަށް ލިބުމުން ޗެކު ކުރާ ކަމަށާއި އެގޮތުން އެއްވެސް މައްސަލައެއް އުޅޭ ނަމަ އިސްލާހު ކުރާ ކަމަށެވެ. އަދި އެއްވެސް ނަތީޖާއެއްގައި ބަދަލު އުޅޭ ކަމަށްވާ ނަމަ އެއީ އިސްލާހުކޮށްފައި ހުރުމުންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ދާންދޫ ދާއިރާއިން ގއ. ކައުންސިލަށް ހޮވިފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސާބިރުގެ އިތުރުން އެ ޕާޓީގެ މުހައްމަދު ސިޔާމެވެ. ތިން ވަނަ ލިބިފައި ވަނީ ޑީއާރުޕީގެ އާދިލަށެވެ. އަދި ޑީއާރްޕީގެ މުހައްމަދު އަގީލަށް ލިބިފައި ވަނީ ހަތަރު ވަނަ އެވެ.