09 Feb 2015, 10:24
ހއ. އަތޮޅަށް މާޒިޔާ ކުރި ޓުއާގެ އެންމެ ފަހު މެޗުގައި އިއްޔެ ނޮޅިވަރަމު ޓީމަކާއި ވާދަކޮށް، ބޮދު ތަފާތަކުން މޮޅުވުމަށް ފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނާއި ކޯޗިންގް ސްޓާފް އަދި މެނޭޖްމަންޓް މާލެ އަތުވެއްޖެ އެވެ.
މާޒިޔާގެ ހުނަވެރި ޑިފެންޑަރު އަމްދާން އަލީ (އެންޑީ)ގެ އުފަން ރަށް ކަމަށްވާ ނޮޅިވަރަމުގެ ދަނޑުގައި އިއްޔެ ނޮޅިވަރަމް ޓީމަކާއި ބައްދަލުކޮށް މާޒިޔާ މެޗު ކާމިޔާބު ކުރީ 10-1ގެ ތަފާތުބޮޑު ނަތީޖާއަކުން ނެވެ. އެ މެޗު ފެށުމުގެ ކުރިން ނޮޅިވަރަމް ޓީމުން ވަނީ އެންޑީއަށް 'ގާޑް އޮފް އޮނަރ' އެއް އަރުވާފަ އެވެ.
މާޒިޔާގެ ދިއްދޫ ޓުއާގައި ހޮނިހިރު ދުވަހު ހއ. އަތޮޅުން ހޮވާލެވުނު ކުޅުންތެރިން އެކުލެވޭ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުވެސް އެ ޓީމް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ މެޗު މާޒިޔާ ކާމިޔާބުކުރީ 2-0ގެ ހަނި ނަތީޖާއަކުންނެވެ. ދިއްދޫ ދަނދުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސާއިފް އެވެ. އަދި މާޒިޔާގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހާއްމަދު އިރުފާން (އިރޭ) އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހުން އަށްވަނަ ދުވަހާ ހަމައަށް މާޒިޔާއިން ކުރިއަށް ގެންދިޔަ ދިއްދޫ ޓުއަރ ގައި އެ ޓީމް އިތުރު ދެ މެޗު ކުޅެފައިވާ އިރު، ދިއްދޫ ދަނޑުގައި އެ ރަށު ޓީމަކާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު މާޒިޔާ ކާމިޔާބު ކުރީ 4-0ގެ ނަތީޖާއަކުންނެވެ. އަދި ކުޅުދުއްފުށީ ދަނޑުގައި ކުޅުދުއްފުށި ޓީމަކާ ދެކޮޅަށް ވާދަކުރި މެޗު މާޒިޔާ ފަސޭހަ ކަމާ އެކު ކާމިޔާބު ކުރީ 7-0 ގެ ނަތީޖާއަކުންނެވެ.
ދިއްދޫ ޓުއާގައި މާޒިޔާ ހއ. އަތޮޅުގެ ތިން ރަށަކަށް ދަތުރުކޮށްފައިވާ އިރު، އެ ތިން ރަށުން ވެސް ވަނީ މާޒިޔާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ރައްޔިތުންގެ މަޖުލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ ސްޕޮންސާޝިޕްގެ ދަށުން މާޒިޔާ ހއ. އަތޮޅަށް ކުރާ އެ ދަތުރަކީ އެ ސަރަހައްދުގެ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށާއި ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ޝަރަފެއްކަން އެމްޕީ ލަތީފް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މާޒިޔާގެ ދިއްދޫ ޓުއަރގެ ބޭނުމަކީ އޭފްސީ ކަޕްގެ ކުރިން ޓީމު ކުޅުންތެރިންގެ ރޫހު ރަނގަޅުކޮށް، ޓީމްވޯކް އިތުރަށް ވަރުގަދަ ކުރުންކަމަށް އެ ޓީމްގެ ކޯޗް އަލީ ސުޒޭން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އޭގެ އިތުރުން އެ ދަތުރުން "މާޒިޔާއަށް ކޮންމެހެންވެސް ގެންނަން މަޖުބޫރު ތިން ހަތަރު ކުޅުންތެރިއަކު" ފެނިގެން ދާނެ ކަމަށާއި، އެ ކުޅުންތެރިންނަށް "މާޒިޔާ އޮތީ އޯޕަންކޮށް" ކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.
މާޒިޔާގެ ދިއްދޫ ޓުއާ ނިންމާލުމަށް ފަހު މިއަދު އެ ޓީމް މާލެ އަންނަ އިރު، ދެން އެ ޓީމް އެންމެ އަވަހަށް ކުޅޭނެ އޮފިޝަލް މެޗަކީ އޭއެފްސީ މުބާރާތުގެ ޕްލޭއޮފް މެޗެވެ. މި މަހުގެ 17 ވަނަ ދުވަހު މާލޭގެ ރަސްމީ ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ އެ މެޗުގައި މާޒިޔާއާ ދެކޮޅަށް ވާދަކުރާނީ ފިލިޕީންސްގެ ޓީމެއް ކަމަށްވާ ސެރެސް އެވެ.