ބަންގްލަދޭޝްގެ ޕަބްލިކް ހޮސްޕިޓަލުގައި އަލަށް ވިހާ ކުދިން ވަގައްނެގުމަށް ފަހު ވިއްކާލާ މައްސަލަ ބޮޑުވެ އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބަންގްލަދޭޝްގެ މިނިވަން މުއައްސަސާތަކާއި ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލައި ވޭތުވެ ދިޔަ އަހަރު ވެސް 16 ކުދިން އަތުލުމަށް ފަހު ވިއްކާލާފައިވާ ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު ބަންގުލަދޭޝްގައި ސަރުކާރު ހޮސްޕިޓަލިގައި ވިހެއި ކުދިންގެ ތެރެއިން މައިންބަފައިންނަށް ލިބުނީ ފަސް ކުދިންނެވެ. ކޮންމެ ގައުމެއްގެ ވެސް ޕަބްލިކް ހޮސްޕިޓަލް ނުވަތަ ސަރުކާރުން ހިންގާ ހޮސްޕިޓަލުން ފަރުވާ ހޯދަނީ އާދައިގެ އާމްދަނީއެއް ލިބޭ މީހުން ކަމަށްވެފައި ބަންގްލަދޭޝްގައި ވެސް ކުޑަ ފީއެއް ދައްކައިގެން ނުވަތަ ހިލޭ ފަރުވާ ހޯދަން ޕަބްލިކް ހޮސްޕިޓަލަށް ދަނީ މަދުން އާމްދަނީ ލިބޭ މީހުނެނެވެ. އެހެންކަމުން އެގައުމުގައި އާދައިގެ އާމްދަނީ ލިބޭ މީހުންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.

ބަންގްލަދޭޝްގެ ރަޖްޝާހީ ޑިވިޝަންގައި ދިރިއުޅޭ ދަނޑުވެރިއެއް ކަމަށްވާ ޓޮރިކުލް އަލްޖަރީގައި ބުނެފައި ވަނީ 2014 ވަނަ އަހަރު ޑިސެމްބަރު 28 ވަނަ ދުވަހު އޭނާގެ އަންހެނުން ރުބީނާ ބަންގްލަދޭޝްގެ ރަޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި ވިހެއުމަށް އެޑްމިޓް ކުރިކަމަށާއި ރުބީނާ ވިހެއީ އަންހެން ކުއްޖެއް ކަމަށެވެ. އަދި އެއީ މުޅިއާއިލާއަށް ވެސް ލިބުނު ފުރަތަމަ ކުޑަކުއްޖާކަމުން އޭނާ ދެކިލުމަށް އާއިލާގެ މީހުން ހޮސްޕިޓަލަށް ޒިޔާރަތްކުރިކަމަށް ޓޮރިކުލް ބުންޏެވެ. އަދި އެމީހުންނާ އެކު މޫނު އެޅި އަންހެނަކު ހުރި ކަމަށެވެ.

"އަހަރެން ދިޔައީ، އާއިލާގެ މީހުން ދޮރާހަމައަށް ގެންގޮސްލަން ކުއްޖާއާ އެކު މައިދައިތަ ކޮޓަރީގެ ތެރޭގައި ބަހައްޓާފައި، ދެން އެ މޫނު އަޅައިގެން ހުރި އަންހެންމީހާ މައިދައިތަ ކުރެ ދަރިފުޅުގެ ހެދުން ބަދަލުކުރަން އައިސް ހުރި ހޮސްޕިޓަލުގެ ސްޓާފެއް ކަމަށްބުނުމުން، މައިދައިތަ ހެދުމެއް ހޯދުމަށް ދިޔަ ވަގުތު ކުއްޖާ ގޮވައިގެން ފިލީ،" ޓޮރިކުލް އަލްޖަޒީރާގައި ބުނެފައިވެ އެވެ.

ކުއްޖާ ގޮވައިގެން އޭނާ ފިލުމާ އެކު ހޮސްޕިޓަލުގެ ހުރިހާ ދޮރެއް ތަޅު އެޅުުވިކަން ފާހަވިކަމަށް އޭނާ ބުންޏެވެ. ރަޖްޝާހީގެ އާއިލާ އިން އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން މި އަހަރުގެ އެއް ވަނަ ދުވަހު ކުއްޖާ ހޯދައިދީފައިވާ ކަމަށާއި އެ މައްސަލާގައި ރަޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ހަތަރު ސްޓާފެއް ހައްޔަރު ކުރިކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓޮރިކުލްގެ އާއިލާއިން ކުރި މަސައްކަތުން ދަރިފުޅު އަނބުރާ ލިބި ހުވަފެން ހަގީގަތަކަށް ވެފައިވާއިރު ބަންގްލަދޭޝްގެ ފަގީރު ގިނަ ރައްޔިތުން ދަރިޔަކަށް ކުރާ އުންމީދުތަށް ވަނީ ބިރުވެރި ހުވަފެންތަކަކަށް ބަދަލުވެފަ އެވެ. ފަގީރުން ތިބެނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.

ބަންގްލަދޭޝްގެ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރާ ޖަމިއްޔާ ޝިޝޫ އަދިކާރުން ބުނެފައިވާ ގޮތުން ވޭތުވެ ދިޔަ އަހަރު 16 ކުދިން ވަގަށް ނަގާފައިވާ އިރު، މި އަހަރުގެ މިހާތަނަށް އެއަދަދު ވަނީ ދެގުނައަށް އަރާފަ އެވެ. އަދި އޭގެ ތެރެއިން ވެސް ރިޕޯޓުނުކުރާ މީހުން ތިބޭނެ ކަމަށާއި، އެހެންކަމުން އެއަދަދު އިތުރުވެގެން ދާނެކަމަށް ވެސް ޝިޝޫ އަދިކާރުން ބުންޏެވެ.

ބަންގްލަދޭޝްގެ ބާޒާރުގައި ކުއްޖެއްގެ އަގު އުޅެނީ 500 ޔޫއެސް ޑޮލަރަށް ކަމަށް އަލް ޖަޒީރާ އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ކުދިން ވިއްކުމުގައި މުއާމަލާތް ކުރާ ދޮގުހަދާ ކަމަށާއި އެގޮތުން ފަގީރުން އަލަށް ވިހާ ކުދިން ގެންގޮސް، ކުދިން ނުލިބޭ މީހުންނަށް ވިއްކާލާއިރު، "ތިމަންނަ ދެންމެ ވިހޭކުއްޖެއް" ކަމުގައި ބުނާކަމަށްވެ އެވެ.

އެހެންކަމުން ބަންގްލަދޭޝްގައި ވިހެއުމަށް މިހާރު ސަރުކާރުހޮސްޕިޓަލުތަކަށް ނުދާ ކަމަށާއި ބުރަ މަސައްކަތުން ލާރި ހޯދައިގެން އަމިއްލަ ކްލިނިކުތަކަށް މީހުން ވިހަންދާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

ރަޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ އޮފިޝަލް މުޝްފިގު ރަހުމާނު އަލް ޖަޒީރާގައި ބުނެފައި ވަނީ ކުދިން ވަގަށް ނެގުމާއި، އަލަށް ވިހާ ކުދިން ގެއްލޭ މައްސަލަ ބޮޑުވުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ވޯޑުތަކުގައި ގިނަ އަދަދެއްގެ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.