ޗައިނާ އިން ދޫކުރާ 72 ގަޑި އިރުގެ ވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެން ބޭނުންވެވަޑައިގަންނަވާ ކަމަށް އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވެފައި ވަނީ އެގައުމުގެ އިތުރު ރަށްތަކާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށުމަކީ ވެސް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"... އަޅުގަނޑު ބޭނުން ރާއްޖޭގެ އުފެއްދުންތަކަށް، ހާއްސަކޮށް އަޅުގަނޑުމެންގެ މަހާއި މޫދުކާނާއަށް ޗައިނާގެ ބާޒާރު ހުޅުވިފައިވާތަން ދެކެން. ޗައިނާއިން 72 ގަޑިއިރުގެ އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާތަން ދެކެން ބޭނުންވޭ. ޗައިނާގެ އިތުރު ޝަހަރުތަކާ ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށުމަށް ގުޅިގެން މަސައްކަތް ކުރަން ވެސް ބޭނުން،" ފައިސަލް ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.

ޗައިނާ އިން ކުރިއަށް ގެންދާ މެރިޓައިމް ސިލްކް ރޯޑް މަޝްރޫއާއި ބެހޭ ގޮތުން ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އެއީ ދެގައުމަށް ވެސް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި އެ ދާއިރާ އިން އިތުރު ތަރައްގީ ދެކެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާއްވަވާފައިވާ ހަރަކާތްތައް ވެސް ފައިސަލްގެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ. އެކަންތައްތައް ވިދާޅުވެދެއްވާފައި ވަނީ އެކަމާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ކުރިއަށް ގެންދެވުމަށް ރާއްވަފައިވާ ހަރަކާތްތަކުގެ ތެރޭގައި ޖާފަތަކާއި ސަގާފީ ހަރަކާތްތަކާއި ޗައިނާގެ ޓޫރިސްޓުން ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް ހިމެނެއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1972 ވަނަ އަހަރުއެވެ. ނަމަވެސް އެގައުމާއި ރާއްޖެއާ ދެމެދު ބޮޑަށް ގުޅުން ބަދަހިވީ ފާއިތުވި ގާތްގަނޑަކަށް ފަސް އަހަރު ދުވަހުގެ ތެރޭގަ އެވެ. އެގޮތުން ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ ސިޔާސީ ގުޅުން ގާއިމްކުރިތާ 39 އަހަރު ފަހުން 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ އަށް ވަނަ ދުވަހު އެވެ. ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. ޗައިނާގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ފައިސަލް ވަޑައިގެންނެވިތާ އަދިވީ ތިން މަސްދުވަހެވެ.