ޖޮހެނަސްބާގް (އޭއެފްޕީ) – ދެކުނު އެފްރިކާގެ ދެކުނުގައި އޮންނަ އެމްޓީ ހަތާގެ ގެއެއްގެ ފްރިޖަކަށް ތުއްތު ހަތަރު ކުދިން ލާފައި ހުއްޓައި އެގައުމުގެ ފުލުހުން ހޯދައިފި އެވެ.

އެގައުމުގެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެ ގެ ރެއިޑްކޮށް ފްރިޖު ތެރެއިން ފެނުނު ކުދިންނަކީ އުމުރުން އެއް މަހާއި ދެ މަހުގެ ކުދިން ކަމަށާއި އެވަގުތު އެއްވެސް މީހަކު އެގޭގައި ނޫޅޭ ކަމަށް ފުލުހުނާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވެ އެވެ.

"އެތުއްތު ކުދިންތައް ފެނިފައި ވަނީ ދެ ފްރިޖަކުން" އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ދެކުނު އެފްރިކާ ފުލުހުންގެ ތަރުޖަމާން މުޒުކުސީ ފަތްޔޭލާ ބުނެފައިވެ އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު އެ ތުއްތު ކުދިންގެ ހަށިތައް ވަނީ ޕޯސްޓް މޯޓަމްއަކަށް ގެންގޮސްފަ އެވެ. އަދި އެގޭގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ ގެ ކައިރީގެ އަވަށްޓެރިން ބުނާ ގޮތުން އެ ގޭގެ ވެރިމީހާ އެވަގުތު ގޮސްވީ ޖޮހެނެސްބާގުގައި އޮތް ޖަނާޒާ އަކަށެވެ.