09 Feb 2015, 09:34
މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި އަޅުގަނޑުގެ ރިޕޯޓެއް ހަނދާނަށް ގެންނާނަމެވެ. އެއީ ނ. އަތޮޅު މާފަރުން ކިނބުލެއް ފެންނަ ކަމަށް ބުނެ އެ ބިރުވެރިކަމުގައި އެރަށު ރައްޔިތުން ހަމަ ނިދިނުނިދާ އުޅުނު ދުވަސްވަރެވެ. އެރަށު މީހުން މުޅި ސިނކުޑީގައި އޭރު މުޅިންވެސް އޮތީ ކިނބުލެވެ. ކޮންމެއަކަސް މިކަން މިހެން އޮއްވައި ހިނގި ހާދިސާއެއް ހަދާން އާކޮށްލާނަމެވެ.
ނ. މާފަރު، ކެނދިވަރުގޭ، މޫސާ ހަސަން، 55، އަކީ ދޯންޏެއްގެ ވެރިއެކެވެ. ދޯނި ސާފުކޮށްލަން ދޯންޏަށް އަރަން ގެންގުޅޭ ކަނދުގައި މޫސަ ދޯންޏާ ހިސާބަށް ދިޔަތަނާ މޫސަ އަށް ފެނުނު މަންޒަރަކުން މުޅި މީހާ ތުރުތުރުއަޅަންފެށި އެވެ. އާއެކެވެ. މޫސަ އަށް ފެނުނީ އެރަށު މީހުން އަބަދު އެވާހަކަ ދައްކާ، ބިރުން އުޅޭ "ކިނބު"ލެކެވެ.
"އަޅުގަނޑަށް ފެނުނީ ކިނބުލެއް. އޭތި އޮތީ މޫދުތެރޭގައި. ހީވަނީ ބޯ ހިތްލާލައިގެން އަޅުގަނޑާ ދިމާލަށް އަންނަން އުޅޭހެން. އެހެންވެ އަވަހަށް އެއްގަމަށް އެރީ،" މޫސަ އެ ދުވަހު ސަން އަށް އެ ވާހަކަ ކިޔައިދެމުން ބުންޏެވެ.
ބިރުން ހޭރެމުން މޫސަ ރަށަށް އަރައި ރަށު ރައްޔިތުން އެއްކުރި އެވެ. ރައްޔިތުން ބިރުން ފިއްކަނޑުވާލި އެވެ. އެއަށް ފަހު ކިނބޫ ބަލަން އެންމެން ދިޔައީ އެވެ. މޫސަ އެބުނި ސަރަހައްދަށް ދިޔަ އިރު މޫދުގެ ތެރެއިން ފާޑެއްގެ އެއްޗެއް އެޒުވާނުންނަށް ވެސް ފެނުނެވެ. އޭތި ފެންނަނީ އެއްވެސް ހަރަކާތެއް ނުކޮށް އޮތްތަނެވެ. އެއާ އެކު ޒުވާނުންތަކެއް މޫދަށް ފީނައިގަނެ މޫސަ އަށް ފެނުނު ކިނބޫ ނަގައި ގޮނޑުދޮށަށް އެއްވެ ތިބި އެރަށު ރައްޔިތުންނަށް ދައްކާލި އެވެ. އެއާއެކު އެއްވެ ތިބި މީހުން ފެށީ ހޭން ށެވެ. މޫސަ އަށް ފެނުނީ ކިނބުލެއްގެ ސިފައިގައި މޫދުގައި އޮޔާދިޔަ ފަން ގަނޑެކެވެ. އެއީ ހިތުތެރޭ މުޅިންވެސް ކިނބޫ އޮތުމުގެ ސަބަބުން ދިމާވިކަމެއްކަން މޫސައަށް ވެސް ޔަގީންވި އެވެ.
އެ ހާދިސާއަށް ފަހު ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އަނެއްކާ ވެސް މިވަނީ ކިނބުލުގެ ވާހަކަތައް އަޑުހިއްޕާލާފަ އެވެ. މިފަހަރު ދެކެވޭ ވާހަކަތަކުގައި ހަގީގަތްތަކެއް ވެސް އެބައެކުލެވެ އެވެ. ހެއްކަކީ ލ. އަތޮޅުން ކިނބުލެއް ހިފާފައިވާ އިރު ހޯރަފުށީ ކައިރިން ކިނބުލެއް ފެނި ސިފައިންނަށް ކިނބޫ އަތުނުވުމެވެ. އެދެ ސަރަހައްދުން ކިނބޫ ފެނުންކަން ޔަގީނެވެ. އަދި ތާރީހަށް ބަލާއިރު ރާއްޖެ އިން މަދުން ނަމަވެސް މިމޫސުމުގައި ކިނބޫ ފެނުމަކީ ވާނެ ކަންތައްތަކެވެ. ނަމަވެސް މިހާގިނައިން ކިނބޫ ފެންނަ ކަމަށް ދެކެވޭ ވާހަކަތަކާއި މެދު ވިސްނާލަންޖެހެ އެވެ.
ކިނބުލުގެ ވާހަކަ އަޑު ހިއްޕާލާފަވާ އިރު ހިތްގައިމު މޫދުތަކަކީ އެތައް ބަޔަކަށް މިއަދު ބިރެކެވެ. އަނެއް ބަޔަކު ހުދުފަސް ފެންނަ ހިސާބަށް ވެސް ނުދަނީ އެވެ. ކިނބޫ ކާލަފާނެތީ ތޯޗެވެ. ކޮންމެ އަކަސް މިހާރު މިވަކީ ރަށްރަށުން ކިނބޫ ފެންނަ ވާހަކަ އިންތިހާއަށް ދެކެވެން ފަށާފަ އެވެ. ރައްޔިތުންގެ އެކަންބޮޑުވުންތައް ނޫސްތަކުގެ ފަލަ ސުރުހީއިން ވަނީ ޖާގަ ހޯދާފަ އެވެ. އުފެދޭ ސުވާލަކީ ރާއްޖެ އިން އެވަރަށް ކިނބޫ ފެންނަނީ ބާ އެވެ. ނުވަތަ މޫސައަށް ފެނުނު ކަހަލަ ކިނބޫ ފެންނަނީބާ އެވެ.
ހޯރަފުށީ ކައިރިން ކިނބޫ ފެނުންކަން ޔަގީންވިތާ މާގިނަ ދުވަހެއް ނުވެ އެވެ. އެ އަތޮޅު ފިއްލަދޫ ކައިރިން ކިނބުލެއް ފެނުން ކަމަށް ވެސް އެވަނީ ރިޕޯޓް ކޮށްފަ އެވެ. ފެނުނީ އެކަކަށެވެ. އޭނާ އެންމެންގެ ސަމާލުކަމަށް އެކަން ގެނައީ އެވެ. އެރަށު އެންމެން ހަމަ ތިބީ ބިރުން ފިއްކެނޑިފަ އެވެ. ވަގުތުން ސިފައިން އެރަށަށް ގޮސް އެކަން ވީގޮތެއްބެލި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު ވިދާޅުވީ، ފިއްލަދޫން ކިނބޫ ފެނުނު ކަމަށް ބުނާތީ ސިފައިން އެރަށަށް ގޮސް އެކަން ތަހުގީގުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެނގުނު ގޮތުގައި އެ ރަށުން ކިނބޫ ފެނުނުކަމުގެ ހެކި ފެނިފައިނުވާ ކަމަށެވެ.
"އެންމެ މީހަކަށް ސީދާ ފެނުނު ކަމަށް ބުނަނީ، އަޅުގަނޑުމެންގެ ބޭކަލުން ފޮނުވައި ބެލިބެލުމުން އަދި މީހުންނާއި ކުރެވުނު ސުވާލުތަކުން ކުރެޑިބަލް ކަމަށް ނުފެނޭ،" އަދުނާން ވިދާޅުވި އެވެ.
ދެން ށ. އަތޮޅުން ހިނގި ކަމަކަށް ބަލާލާނަމެވެ. ށ. އަތޮޅު ފުނަދޫ ބޭރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވި ބަޔަކަށް ކިނބުލެއް ފެނުނުކަމަށް ބުނެ އެރަށް ވެސް އެލާޓަށް ގެނައެވެ. އެރަށަށް ކިނބޫ އެރިކަމަށް ވެސް ވާހަކަ ދެކެވެން ފެށި އެވެ. ނަމަވެސް އެކަންވެސް ފަހުންވީ ނުވާ ކަމަކަށެވެ.
އެކަމާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ އެ ރަށުގެ ސަރަހައްދުތައް ބެލިބެލުމުން ކިނބުލުގެ ހިލަމެއް ވެސް ވެފައިނުވާ ކަމަށެވެ. އެއީ ހަގީގަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ހަގީގަތެއް ނޫން ކަމަށްވަނީ، މަހަށް ގޮސް އުޅުނު ބަޔަކަށް އެކަހަލަ [ކިނބުލެއް] އެއްޗެއް ފެނުން ކަމަށް ބުނަނީ، އެމީހުންނަށް ވެސް ޔަގީނެއް ނޫން، ދެ ފޫޓު ހަމަނުވާވަރުގެ އެއްޗެއް، ރަށްވެސް އެރިއޭ، އެއީ އެއްވެސް ކަމެއް ނޫން، ރަށަކަށް ނާދޭ ގައިމުވެސް،" އިބްރާހިމްފުޅު ވިދާޅުވި އެވެ.
ކޮންމެއަކަސް މިކަން މިވަނީ ވަރަށް އާންމުވެފަ އެވެ. ކިނބުލަށް އެލާޓް ނުވާ ރަށެއް ރާއްޖޭގައި މަދެވެ. އެންމެން ތިބީ ކިނބޫދެކެ ބިރުން ސަމާލުވެ އެވެ. ހިތް އުފާ ކުރާ މަންޒިލްތަކާއި ދުރަށްޖެހިފަ އެވެ. ބައެއް ރަށްރަށުގައި މުޅި ރަށް ބަލާފައި ވެސް އެބަހުއްޓެވެ. ނަމަވެސް ސިފައިންގެ މަސައްކަތުން ވެސް ކަލައިދޫއިން ފެނުނު ކިނބޫ އާއި ހޯރަފުށީ ކައިރިން ފެނުނު ކިނބޫ ނޫން ކިނބުލެއްގެ ހިލަމެއް އަދިނެތެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން ވިދާޅުވި ގޮތުގައި ކިނބޫ ފެންނަމުންދާކަމަށް ރިޕޯޓްތައް ލިބެމުންދާތީ އެސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ އަލާމާތެއް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.
"ސިފައިން އެބަހަރަކާތްތެރިވޭ ކުރެންދޫގައިވެސް ފުނަދޫ ސަރަހައްދުގައި ވެސް، އެކަމަކު އަދި ކިނބުލުގެ އިޝާރާތެއްވެސް ފެނިފައެއް ނުވޭ." އަދުނާން ވިދާޅުވި އެވެ.
ކިނބޫ ފެނުން ކަމަށް ބުނާ ފަރާތްތަކުން އެހެން އެބުނަނީ ކޮންމެހެން "ދޮގެއް" ހަދަން ކަމަށް ނުބެލެވެ އެވެ. ނަމަވެސް އެއީ ބިރުން ހުންނާތީ ފެންނަ އެއްޗެއް ކަމަށް ބެލެވޭނެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ގިނަ ފަހަރަށް ކިނބުލުގެ ހަރަކާތް ފެނިފައި ހުންނަނީ އެންމެ މީހަކަށް ކަމަށްވުމާއި ކިނބުލުގެ ބިރުވެރިކަން ހިތުގައި އޮންނަ ވަރުން އެފަދަ ގޮތްގޮތަށް ސިފަވުމަކީ ވެދާނެ ކަމަކަށްވާތީ އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ކިނބުލުގެ ބިރުވެރިކަން މީހުންގެ ހިތްތަކުގައި ބޮޑުކަމުން "ލަނކުޑި" ބުރިއެއް ފެނުނަސް ކިނބުލެއްގެ ގޮތުގައި ސިފަވުމަކީ ވެދާނެ ކަމަކަށެވެ. ނަމަވެސް ކިނބޫ ފެންނަ ކަމަށް މިވަރަށް ވާހަކަ ދެކެވޭ އިރު އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ކިނބޫ ފެންނާތީ މުޅި ރާއްޖެ އެކަމަށް އެލާޓުވެ އޮތްއިރު ކިނބޫ އެހާ އާންމު ނަމަ ފެންނާނެ އެހެނިހެން ހެކިތައްވެސް ހުންނާނެތާ އެވެ. ކިނބޫ އެހާ އާންމު ނަމަ ބަނޑުހައިވެގެން ކާ އެއްޗެއް ހޯދުމަށް އެއްގަމަށް އަރައި އުޅޭ އެތައް ކިނބުލެއް ވެސް ފެންނާނެތާ އެވެ. ދެން އޮތީ ކިނބޫ ބިސް އަޅައި ރާއްޖޭގައި އާލާވެދާނެ ކަމުގެ ވާހަކަ އެވެ.
ތިމާވެށިގެ ތަޖުރިބާ ކާރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވި ގޮތުގައި ރާއްޖޭގައި ކިނބޫ އާލާވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ކަހަލަ ނިޝާނެއް އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ އަކަސް މިވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ. ހަމަ އެހައި ބައިވަރު ކިނބޫ ރާއްޖެ އިން ފެންނަނީބާ އެވެ. އެކަން ދޮގުކުރާކަށް ނެތީމެވެ. ހަމަފެނުންވެސް އެކަށީގެންވެ އެވެ. ނަމަވެސް ކިނބޫފަދަ ޖަނަވާރަކީ އެހާ ގިނަ އެއްޗެއް ނަމަ ގިނަ ފަހަރަށް އެއްގަމުން ފެންނާނެ އެވެ. ހަމަ ކުއްލިއަކަށް ރާއްޖޭގައި ކިބޫ ގިނަވެދާނެ ބާއެވެ. ހަމައެހެންމެ ރަށްރަށުން ކިނބޫ އުޅޭ ކަމުގެ ބޮޑެތި އަލާމާތްތައް ފެންނާނެ އެވެ. ނަމަވެސް ކިނބުލަކީ ނުރައްކާތެރި ޖަނަވާރަކަށް ވާއިރު އެއަށް ރައްކާތެރުވެ ހުރުމަކީ އެންމެ ރަނގަޅު ފިޔަވަޅެވެ. މަދުން ނަމަވެސް އުޅުން އެކަށީގެންވެ އެވެ. ނަމަވެސް މިހާ ގިނައިން ކިނބޫ ފެންނަ ކަމަށް މިދެކެވޭ ވާހަކައަކީ ހޭލާހުއްޓާ ފެންނަ ހުވަފެނަކަށްވުން ގާތެވެ.