އަންމާން (ފެބްރުއަރީ 9) : އިރާގާއި ސީރިޔާގެ ބޮޑުބައެއް ކޮންޓްރޯލްކުރާ ހަރުކަށި ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުގެ އަސްކަރީ ބާރުގެ 20 ޕަސެންޓް ފުނޑުފުނޑު ކޮށްލައިފިކަމަށް އުރުދުން އިން ބުނެފި އެވެ.

އުރުދުންގެ ވައިގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް މަންސޫރުލްޖައްބޫރު ވިދާޅުވީ އެގައުމު ހިމެނޭގޮތަށް އައިއެސްއާ ދެކޮޅަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ކޯލިޝަނުން ފާއިތުވި ފަސްވަރަކަށް މަސްތެރޭގައި އައިއެސްގެ އަމާޒުތަކަށް ދީފައިވާ ޙަމަލާތަކުގައި އެޖަމާއަތުގެ އަސްކަރީ ބާރުތައް ބަލިކަށިވެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ ހަލާކުވެފައިވާކަން ޖާސޫސީ ރިޕޯޓްތަކުން ހާމަވާކަމުގަ އެވެ. އަދި ކޯލިޝަންގެ ޙަމަލާތަކުގައި އައިއެސްގެ 7000 ހަނގުރާމަވެރިން ފާއިތުވި ފަސް މަސްތެރޭގައި މަރުވެފައިވާ ކަމަށްވެސް ޖެނެރަލް މަންސޫރު ވިދާޅުވި އެވެ. ކޯލިޝަންގެ ވައިގެ ޙަމަލާތަކާ އެކު އިރާގުގެ ލަޝްކަރުތަކާއި އިރާގުގެ ކުރުދީންނާއި ސީރިޔާގެ ކުރުދީން އައިއެސްއާ ދެކޮޅަށް އެއްގަމުމަގުން ހަނގުރާމަ ކުރަމުންގެންދެ އެވެ.

މިހަނގުރާމައިގާ އައިއެސްގެ ހަނގުރާމަވަރިންގެ އެތައް ސަތޭކަ ބަޔަކު މަރުވެ އެޖަމާއަތުގެ އަތްދަށުގައި ކުރިންއޮތް އެތަށް ސަރަހައްދަކުން އެޖަމާއަތް ފައްސާލުމަށް ފަހު އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ވަނީ އަލުން އެތަންތަން މިނިވަންކޮށްފައިކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އައިއެސްއިން އެންމެ ބޮޑަށް ހަނގުރާމަކުރަމުން ގެންދިޔަ ސީރިޔާގެ ކުބާނީން ވެސް މިހާރު ވަނީ އައިއެސްގެ ހަނގުރާމަވެރިން އެއްކޮށް ބޭރުކޮށް ފައްސާލާފަ އެވެ. ނަމަވެސް މިކަމާބެހޭ ގޮތުން އައިއެސްގެ ލީޑަރޝިޕުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއްނުވެ އެވެ. އަދި އެއްގަމުމަގުން އިރާގާއި ސީރިޔާ އަށް ވަދެގެންމެނުވީ އައިއެސް ބަލިނުކުރެވޭނެކަމަށް އެމެރިކާގެ އިސްޖެނެރަލުން ވިދާޅުވަމުން ގެންދަވަ އެވެ. އަދި އެއްގަމުގެ ބާރެއް އައިއެސްއާ ކުރިމަތިލުމަށް ފޮނުވުމަށް ތައްޔާރުވަމުންދާކަމަށް ކޯލިޝަންގެ ވިލަރެސް ވެރިޔާ ދާދިފަހުން ވިދާޅުވެފައިވެ އެވެ. އައިއެސް ބަލިވާނަމަ އެއްގަމު މަގުން ބާރެއް ފޮނުވުމަށް ކޯލިޝަނުން ނުވިސްނާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އަނެއްކޮޅުން އުރުދުން އިން ބުނީ ސީރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ތިން ދުވަހުގެ ތެރޭގައި 56 ޙަމަލާ ވައިގެ މަގުން ދީފައިވާނެ ކަމުގަ އެވެ. އުރުދުންގެ ވައިގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ހަތަރުދުވަހުގެ ތެރޭގައި އެގައުމުގެ އަސްކަރީ މަތިންދާބޯޓްތަކުން ސޫރިޔާގެ އިރުއުތުރުގައިވާ އައިއެސްގެ ކޮމާންޑް ސެންޓަރުތަކާއި ހަތިޔާރު ގުދަންތަކާއި ހަނގުރާމަވެރިން ތަމްރީންކުރާ އެތަށް މަރުކަޒެއް ހަލާކުކޮށް ބިމާ ހަމަކޮށްލާފައިވާނެ ކަމުގައެވެ. އަދި މިޙަމަލާތަކުގައި އައިއެސްގެ ގިނައަދަދެއްގެ ހަނގުރާމަވެރިން ވެސް މަރާލާފައިވާނެ ކަމަށްވެސް މިބަޔާން ބުނެ އެވެ.

އައިއެސްއިން އަސީރުކުރި އުރުދުންގެ އަސްކަރީ ޕައިލެޓެއްކަމަށްވާ މުޢާޛުލްކަސާސިބާ ދިރިހުއްޓައި އަންދާލައިގެން އޭނާ މަރާލުމާ ގުޅިގެން އުރުދުންގައިވަނީ އައިއެސްއާ ދެކޮޅަށް ބަދަލުހިފުމުގެ ވަރުގަދަ ރޫހެއް އުފެދިފައެވެ. އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަވަނީ އައިއެސް ޖަމާއަތް ނައްތާލެވެންދެން އެޖަމާއަތުގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ދޭނެކަމަށް ވިދާޅުވެފަ އެވެ. އަދި އައިއެސް ނައްތާލުމަށް ކުރާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން ޔޫއޭއީ އިންވަނީ އުރުދުންއަށް އަސްކަރީ ފައިޓަރޖެޓްތަކެއްވެސް ފޮނުވާފައެވެ. (އަލްޖަޒީރާ)