ގާހިރާ (ފެބްރުއަރީ 9) : މިސްރުގެ ފުލުހުންނާއި އެގައުމުގެ ޒަމާލިކް ކުލަބުގެ ސަޕޯޓަރުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 40 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެ އެވެ.

އިއްޔެ ހިނގި ކުރިމަތިލުންތަކުގައި މިހާގިނަ އަދަދެއްގެ ބަޔަކު މަރުވީ ޒަމާލިކަށް ސަޕޯޓް ކުރުމަށް ޓަކައި ގާހިރާގެ ފުޓްބޯޅަ ދަނޑަކަށް ވަންނަން މަސައްކަތްކުރި އެތައް ސަތޭކަ ބަޔަކަށް މިސްރުގެ ފުލުހުން ހުރަސްއެޅުމުގެ ސަބަބުންނެވެ. ގާހިރާގެ ވައިގެ ދިފާޢާ ބެހޭ ފުޓްބޯޅަ ދަނޑުގެ ކުރިމަތީގައި މިޙާދިސާ ހިނގީ އެތަނަށް ވަނުމަށް ހުއްދަ އޮންނަ އަދަދުކަމަށްވާ 10 ހާސްމީހުންނަށް ވުރެ އިތުރަށް 500 މީހުން ވަންނަން އުޅުމުންކަމަށް މިސްރުގެ ދާޚިލިއްޔާއިން ބުނެ އެވެ. އެކަމަށް ހުރަސްއެޅި ނަމަވެސް ބާރުގެ ބޭނުންނުކުރާ ކަމަށާއި އަދި ބަޑިވެސް ބޭނުންނުކުރާކަމަށް މިސްރުގެ ދާޚިލީ ވުޒާރާ އިން ބުނެ އެވެ.
ނަމަވެސް ފުޓްބޯޅަ ދަނޑަށް ވަންނަން މަސައްކަތްކުރި ޒަމާލިކްގެ ބައެއް ސަޕޯޓަރުން ބުނާ ގޮތުން މީހުން މަރުވީ މިސްރުގެ ފުލުހުން ކަރުނަގޭހުގެ އިތުރުން ލަޓިބުރި ބޭނުންކޮށްގެން އާދަޔާ ޚިލާފަށް އަނިޔާކޮށް ހަރުކަށިވުމުންނެވެ. އަދި އެންމެ ފަހުވަގުތު މިސްރުގެ ފުލުހުން އުންޑަވެސް ބޭނުން ކުރިކަމަށް މިޙާދިސާ އިން ސަލާމަތްވި ޒަމާލިކްގެ ސަޕޯޓަރުން ވަނީ ބުނެފައެވެ. ޒަމާލިކް ކުލަބުން ވަނީ މިސްރުގެ ފުލުހުން އެކްލަބްގެ ސަޕޯޓަރުންނާ ދެކޮޅަށް ގަތްލުއާންމެއް ހިންގި ކަމަށް ތުހުމަތުކޮށްފަ އެވެ.

މަންޒަރުދުށްމީހުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިޙާދިސާގައި މިހާގިނަ ބަޔަކު މަރުވީ ފުލުހުން ބާރުގެ ބޭނުންކުރުމާއެކު އެތައް ސަތޭކަ ބަޔަކު ފިލަންދުއްވައި ގަތުމާ އެކު ގިނައަދަދެއްގެ ބަޔަކު ފިތިބާރުވެ ތާށިވުމާ ގުޅިގެންނެވެ. އަދި މަރުވި ގިނަމީހުންނަކީ ފިތި ބާރުވެ ހާސްވެގެންނާއި ބިންމައްޗަށް ވެއްޓި ފައިދަށުވުމާ ގުޅިގެން މަރުވިމީހުން ކަމަށްވެސް މަންޒަރުދުށްމީހުން ބުނެފައިވެ އެވެ.

މިސްރުގެ އިދިކޮޅު ފަރާތްތަކުން ވަނީ މި 30 މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ ރައީސް އަބްދުލްފައްތާޙް އައްސީސީ އާއި އޭނާގެ ސަރުކާރުން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މިއީ ގަލްފުގެ އަރަބި ގައުމުތަކުގެ ރަސްރަސްކަލުންނާއި އަމީރުންނަށް މަލާމާތް ކުރައްވައި ފޯނުން ސީސީ ދައްކަވާފައިވާ ވާހަކަތަކެއް ބޭޒާރުވުމާ ގުޅިގެން މިސްރު ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ ގޮތުން ސީސީގެ ސަރުކާރުން ކުރި ކަމެއްކަމަށް ހައެއް އެޕްރީލް މޫމެންޓްގެ ނަމުން ނަންދީފައިވާ މިސްރުގެ އިދިކޮޅު ކޯލިޝަނުން ބުނެފައިވެ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ވެސް މިސްރުގެ ފުޓްބޯޅަ ދަނޑެއްގެ ކައިރީގައި މިބާވަތުގެ ޙާދިސާއެއް ހިނގައި 72 މީހުން މަރުވެފައިވެ އެވެ. އެޙާދިސާ ހިނގާފައި ވަނީ މިސްރުގެ އިރުމަތީ ގެ ސިޓީއެއް ކަމަށްވާ ބޫރު ސައީދުގެ ފުޓްބޯޅަ ދަނޑެއްގަ އެވެ. (އަލްޖަޒީރާ)