ޏ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުވައްމުލަކު ކުޑަ ކުއްޖަކާއި އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިއަދު ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ އިރާކޮޅު ބުލެޓް ސައިޒްގެ 11 ޕެކެޓާ އެކު ދެ މީހަކު ހައްޔަރު ކުރި ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ސ. މީދޫ އަލީ ޖުނައިދު 21، އަދި ފުވައްމުލަކު އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނު 10:30 ހާކަންހާއިރު ކަނޑުމަގުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ދަފްތަރު ހަސަން އަހުމަދު 35 ކަމަށާއި އަދި އޭނާގެ ރަޖިސްޓްރީ ދަފްތަރުގައި އޮތް ނަމަވެސް އޭނާ އަކީ ފުވައްމުލަކު މީހެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އޭނާގެ ހަށިގަނޑު ޗެކްކޮށް ބެލިބެލުމުން އޭނާ ލައިގެން ހުރި ބޮކްސާގެ ޖީބުން ބުލެޓް ސައިޒްގެ ބޮޑު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

ފުވައްމުލަކަށް މަސްތުވާތަކެތި ކަނޑުމަގުން އެތެރެ ކުރުން އާންމު ވެފައިވާތީ ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައި ކަމަށާއި އެގޮތުން ކަނޑުމަގުން ފަސް ބޯޓަކުން ފުވައްމުލަކަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.