ބ. އޭދަފުށީގައި ނުކުޅެދުންތެރިކަން ހުންނަ ދަރިޔަކު ހިލިހިލާ ޖަހައިގެން ގެންގުޅެމުން ދާތީ އޭނާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ "ސަން" އަށް މިރޭ ވިދާޅުވީ އުމުރުން 23 އަހަރުގެ ޒުވާނެއްގެ ފައިގައި ހިލިހިލާ ޖަހައިގެން ގެންގުޅޭ އޭނާގެ ބައްޕަ މިރޭ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެ މީހާގެ އުމުރަކީ 50 އަހަރު ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިޕޯޓު ކުރީ އޭދަފުށި ހޮސްޕިޓަލުން. ދެން އެކަން ރިޕޯޓު ކުރުމުން އަޅުގަނޑުމެންނަށް އިނގުނީ ނުކުޅެދޭ ކުއްޖާ ބަލަހައްޓަމުން އަންނަނީ އިންސާނީ ކަރާމާތައް އުނިކަން ލިބޭ ފަދަ ގޮތަކަށް ކަން،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކުށުގެ ވެށިން ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނުކުޅެދޭ މީހާގެ ބޯފަޅައިގެން ގޮސްގެން އޭނާއަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުން އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ނުކުޅެދުންތެރިކަން ހުންނަ މީހާ ދިރިއުޅޭ ގެއަށް ދިޔައިރު އޭނާގެ ފައިގައި ޗޭނުގަނޑެއް އައްސާފައި އޮށްވާ ފެނުން ކަމަށްވެ އެވެ.

ނުކުޅެދުންތެރި މީހެއްގެ ފައިގައި ހިލިހިލާ ޖަހައިގެން ގެންގުޅޭތީ އޭނާގެ ބައްޕަ ހައްޔަރު ކުރިއިރު ހަމަ އެރަށުން މިދިޔަ މަހުގެ ތެރޭގައި ވަނީ ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފައެވެ.