ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދޭން ގެނައި ނިއުރޭޑިއެންޓުގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯފްގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗް އަންނަ މަހު ތަޖިކިސްތާނާއި ދެކޮޅަށް ކުޅެން ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު ތަޖިކިސްތާނާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭނެކަން އެފްއޭއެމްގެ އޮފިޝަލަކު ވަނީ 'ސަން' އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

ގައުމީ ޓީމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ތަޖިކިސްތާނާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާއިރު، ގައުމީ ޓީމުގެ ކޯޗު ކަމާ މިދިޔަ މަހުގެ ތެރޭގައި ހަވާލުވި ޕޮޕޯފްގެ އިރުޝާދާއެކު ގައުމީ ޓީމުގެ ފަރިތަކުރުންތައް މިމަހުގެ ކުރީކޮޅު ވަނީ ފަށާފަ އެވެ.

ފީފާ ރޭންކިންގައި 136 ވަނައި ގައި އޮތް ތަޖިކިސްތާނާ ދެކޮޅަށް އަންނަ މަހު ރާއްޖެ ނުކުންނައިރު، ރާއްޖެ އާއި ތަޖިކިސްތާނާ އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕުގެ ކޮލިފައިންގަ އެވެ. އެ މެޗް ނިމިފައިވަނީ އެއްވެސް ޓީމަކަށް ކުރި ނުލިބި، އެއްވަރު ވެގެންނެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވުމަށްފަހު ކޯޗުކަމުގައި 20 އަހަރުގެ ތަޖުރިބާ ހުރި ކޯޗު ޕޮޕޯފް ބުނެފައިވަނީ މި އަހަރުތެރޭ ގައުމީ ޓީމަށް ވާދަވެރި ރަހުމަތްތެރި ކަމުގެ މެޗުތަކެއް ހޯދަދޭން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބަލިވިޔަސް، ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތައް ކުޅުވަން ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމް އިން ބުނާ ގޮތުން މިއަހަރު ރާއްޖެ ގިނަ މުބާރާތްތަކެއްގައި ވާދަކުރަން ޖެހޭނެ އެވެ. އެގޮތުން ސާފް ޗެމްޕިއަން ޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން 2018 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ކޮލިފައިން ފާހަގަކޮށްލަންޖެހެ އެވެ.