މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ތިން މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އެ މާރާމާރީ ހިންގާފައި ވަނީ މިރޭ 8:30 އެހާކަންހާއިރު މާފަންނު ސަބުދެލި މަގު މިންނާ ފިހާރަ ކައިރީގަ އެވެ. އެ މާރާމާރީގައި ޒަހަމްވި ތިން މީހުން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ މިރޭ މާރާމާރީގައި ކަނޑި ބޭނުން ކުރި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ކޮމެންޓެއް ނުކުރަ އެވެ.

އައިޖީއެމްއެޗުން ބުނީ އެ މާރާމާރީގައި ޒަހަމްވި މީހުންގެ ތެރެއިން 23 އަހަރުގެ ޒުވާނަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އެ ފަރުވާދެމުން ދަނީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގި ބަޔަކު އަދި ހައްޔަރު ނުކުރެވޭ ކަމަށެވެ. އަދި އެމާރާމާރީއާ ގުޅިގެން އެއްވެސް އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް އަދި ގެނެސްފައި ނުވާ ކަމަށެވެ.