ފަރެންސޭސިވިލާތުގެ ކުރެހުންތެރިއެއްގެ ކުރެހުމެއް 300 މިލިއަން ޑޮލަރަށް ވިކި، މިހާތަނަށް ދުނިޔޭގައި ވިކުނު އެންމެ އަގު ބޮޑު ކުރެހުމަށް އެ ކުރެހުން ވެއްޖެ އެވެ.

ފްރާންސްގެ ރަށެއް ކަމަށްވާ ޓަހީޝަންގެ ދެ އަންހެނުން ރަމްޒުކޮށްދޭ، "ނަފީ ފާ އިޕޮއިޕޮއި" ނުވަތަ "ވެން ވިލް ޔޫ މެރީ"ގެ ނަން ދީފައިވާ އެ ކުރެހުމަކީ 1892 ވަނަ އަހަރު ފަރެންސޭސިވިލާތުގެ ކުރެހުންތެރިއެއް ކަމަށްވާ ޕައުލް ގޯގެއިން ކުރެހި ކުރެހުމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކުރެހުން ވިއްކާލާފައި ވަނީ ގަތަރުގެ މީހަކަށެވެ. ނަމަވެސް އެ ކުރެހުމުގެ ވެރިފަރާތް ކަމަށްވާ ސުވިޒަލޭންޑުގެ ރައްޔިތެއް ކަމަށްވާ ރުޑޯލްފް ސްޓާޗެލިން އެކަމުގެ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ކުރެހުން ވިއްކާލުމުގެ ކުރިން ކުރެހުން ދައްކާލަން ބަހައްޓާފައި ވަނީ ލޯނެއްގެ ދަށުން ސްވިޒަލޭންޑުގެ ދާރުލްއާސާރެއް ކަމަށްވާ ކަންސްޓްމިއުޒިއަމް ބާސެލްގަ އެވެ.

މީގެ ކުރިން އެންމެ އަގުބޮޑު ކުރެހުމުގެ ރިކޯޑް ވެސް އޮތީ ފަރެންސޭސިވިލާތުގެ ކުރެހުންތެރިއަކު ކުރެހި ކުރެހެމެއްގެ އަތުގައެވެ. އެގައުމުގެ ޕައުލް ސޭޒާންގެ ކުރެހުމެއް ކަމަށްވާ "ދަ ކާޑް ޕްލޭޔާސް" ގެ ކުރެހުން 2011 ވަނަ އަހަރު ވިކިފައިވަނީ 250 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށެވެ. އެ ކުރެހުން ގަނެފައިވަނީ ގަތަރުގެ ޝާހީ އާއިލާއިނެވެ.