ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ އުސޫލު ހައިކޯޓުން ބާތިލް ކޮށްފައިވާތީ ޖޭއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހައި ކޯޓުން އެ އުސޫލު ބާތިލުކޮށްފައި ވަނީ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި ހަސަން ފިޔާޒު އެ ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއް ބެއްލުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ޖޭއެސްސީގެ މެމްބަރަކު މިރޭ 'ސަން' އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފުކުރިތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އަޑުއެހުމެއް ބާއްވާފައިނުވާ ކަމަށެވެ.

އެ އުސޫލު ބާތިލު ކުރުމަށްފަހު ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމާ ބެހޭ އާ އުސޫލެއް އެކުލަވާލުމަށް ހައިކޯޓުން ވަނީ ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފައެވެ.

ހައި ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރަންޖެހިފައި ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ދާދިފަހުން ރިޓަޔާ ކުރެއްވުމުން އޭނާގެ ބަދަލުގައި ވެސް އެ ކޯޓަށް ފަނޑިޔާރަކު އައްޔަންކުރަންޖެހެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދާދި ފަހުން ޖޭއެސްސީން ވަނީ އިއުލާންކޮށްފަ އެވެ.