08 Feb 2015, 19:02
ހަތަރު އަހަރަށް ވުރެއް ގިނަ ދުވަސްވެގެން ދިޔައިރު ވެސް ގުޅީފަޅުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ފުލެޓު ލިބިފައި ނުވާތީ އެ ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީނަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ސަތޭކަ ހަތް ފަރާތަކުން ސޮއިކޮށް މިއަދު ރައީސް ޔާމީނަށް ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައި ވަނީ ގުޅިފަޅުގައި މީހުން އާބާދު ކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ގުޅިފަޅު އިންވެސްޓުމަންޓު ލިމިޓެޑަށް ކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ގުޅިފަޅުގައި ބަޔަކު އާބާދުވެ ދިރިއުޅެވޭނެ ގޮތް ވެފައި ނުވާ ކަމަށެވެ. އަދި ގުޅިފަޅުން ފުލެޓު ގަނެފައިވާ ފަރާތްތަކުގެ ހައްގުތައް ގެއްލި ނިކަމެތި ހާލުގައި ޖެހިފައިވާއިރު އެތަން ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ގްލޯބަލް ޕްރޮޖެކްޓްސް ލިމިޓެޑް (ޖީޕީޑީ) އިންނާ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑު (ޖީއައިއެލް) އިން ނަގަންޖެހޭ ފުރިހަމަ ޒިންމާ އެ ފަރާރްތަކުން ނަގާފައި ނުވާ ކަމަށެވެ.
"މި މައްސަލައިގެ އެއްވެސް ހައްލެއް ނުލިބި އެތަކެއް އަހަރެއް ވުމުން އެ މައްސަލައަށް ހައްލެއް ލިބުން އެދި ގުޅިފަޅުން ފުލެޓު ގަނެފައިވާ ބަޔަކު ޖީއައިއެލްއާ ޖީޕީޑީއާ ތަކުރާރުކޮށް އެތަކެއް ފަހަރު ބައްދަލުކޮށް މިކަމަށް ހައްލެއް ލިބުން އެދި އެތަކެއް އާދޭހެއް ކުރެވުނު އިރުވެސް އެއްވެސް ނަތީޖާއެއް ނުލިބުމުން އަޅުގަނޑުމެންގެ ނިކަމެތި ހާލު ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށާއި މަނިކުފާނު [ރައީސް ޔާމީން]ގެ އޮފީހަށް ސިޓީ ފޮނުވައި މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބުން އެދި މިއަދާ ހަމައަށް ވެސް ކުރެވުނު މަސައްކަތުން މި މައްސަލައަށް އެއްވެސް ހައްލެއް އަދިވެސް ނިލިބެ އެވެ." ޕެޓިޝަންގައިވެ އެވެ.
ޕެޓީޝަންގައި ބުނެފައި ވަނީ ގުޅިފަޅުން އެފަރާތްތަކުން ފުލެޓު ގަނެފައި ވަނީ އެތަކެއް ގުރުބާނީތަކެއް ވެގެން ކަމަށާއި އެގޮތުން ރަށުގައި ދިރިއުޅެމުން އައިސްފައިވާ ގެ ވިއްކާލުމަށްފަހުއާ ބޭންކުން ލޯނު ނަގައިގެން ފުލެޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ފުލެޓު ނުލިބުންތާ އެ ފުލެޓު ގަތުމަށް ދިން ފައިސާ އަނބުރާ ލިބިފައިނުވާ ކަމަށް ގުޅިފަޅުން ފުލެޓު ގަނެފައިވާ ބައެއް ފަރާތްތަކުން ރައީސް ޔާމީނަށް ހުށަހެޅުއްވި ޕެޓިޝަނުގައިވެ އެވެ.
"ގުޅިފަޅުން ފުލެޓު ގަނެފައިވާ ބައެއް ފަރާތްތައް ޖީޕީޑީގެ ބޭފުޅުންނަށް އެތަކެއް އާދޭސްތަކެއް ކުރުމުން 24 ފުލެޓު ނިންމާ އެތަނުގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހި އަދި އެތަނުގައި ބަޔަކު ދިރިއުޅުމަށް ތައްޔާރުވަމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު ޖީއައިއެލްއިން އެރަށުގައި ބަލަންޖެހޭ ބައެއްކަންތައް ބެލުމަށް ކަމަށް ބުނެ އިތުރަށް ހަދަން ހުރި ފުލެޓުތައް ހެދުމަށް މަޑުޖައްސަވާ މިހާދުވަސްވެފައިވީ އިރުވެސް އެކަމަށް ހައްލެއް ލިބިފައިއެއްނުވެ އެވެ. އަދި މިކަމުގެ ސަބަބުން ގިނަބަޔަކަށް ހިތްދަތިކަން އިހުސާސްކުރަން ޖެހިފައިވެއެވެ." ޕެޓިޝަނުގައި ވެ އެވެ.
އެ ޕެޓިޝަންގައި ރައީސް ޔާމީނަށް އެފަރާތްތަކުން އެހާލުގައި އުޅޭކަން އެނގިވަޑައިގަންފައިނުވާ ކަން ވަނީ ފާހަގަކޮށްފައި އެވެ. އަދި ރައީސް ޔާމީނަކީ އެފަރާތްތަކުގެ ބަލަދުވެރިޔާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ގުޅިފަޅު ފުލެޓުތައް ނުނިމޭ ކަމަށްވާނަމަ މާލެ ސަރަހައްދުން ކޮންމެވެސް އެއް ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖައްސާދެއްވުމަށް އެފަރާތްތަކުން ވަނީ އެދިފައެވެ.