08 Feb 2015, 18:53
އައު މަންހަޖުގެ ދަށުން ދަރިވަރުންނަށް ދޫކުރާ ބުކްލެޓްތައް އަލުން ޓެކްސްޓްފޮތްތަކަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގްރޭޑް އެކަކުން ތިނެއްގެ ދަރިވަރުންނަށް ތައްޔާރުކޮށްފައިވާ ބުކްލެޓްތަކުގެ ބަދަލުގައި ޓެކްސްޓް ފޮތްތައް އަލުން ބޭނުން ކުރެއްވުމަށް ނިންމާފައި ވަނީ އެކަމާ ބެހޭ ގޮތުން ގިނަ ކުދިންތަކެއްގެ ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވާތީ ކަމަށެވެ.
"އަޅުގަނޑުމެން އަލަށް ތައާރަފްކުރި ބުކްލެޓުތަކުގެ ބަދަލުގައި އަލުން ގްރޭޑް އެކެއް، ދެއެއް އަދި ތިނެއްގެ ދަރިވަރުންނަށް ވަރަށް އަވަހަށް މާއްދާތަކުގެ ޓެކްސްޓްފޮތްތައް ބަހަން ފަށާނެ. އަޅުގަނޑުމެންނަށް ވަނީ އަލަށް ތައްޔާރު ކުރި ބުކްލެޓްތަކާ ބެހޭ ގޮތުން ވަރަށް ގިނަ ބެލެނިވެރިންތަކެއްގެ ފާޑުކިޔުން ލިބިފައި. އެހެންކަމުން އަލުން ޓެކްސްޓް ފޮތް ނެރުމަށް ނިންމީ،" އޭނާ ވިދާޅުވިއެވެ.
ޓެކްސްޓްފޮތްތަކަށް ބަދަލުކޮށް މިމަހުގެ 16 ގައި ދަރިވަރުންނަށް ފޮތްތައް ބަހަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދިވެހި ފިޔަވާ ހުރިހާ މާއްދާއެއް އެއް ފޮތަކަށް ބަދަލު ކުރާއިރު ދިވެހި ފޮތް ބޮޑުވުމާ ގުޅިގެން އެ ފޮތް ބަހާލާފައި ވާނީ ދެބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުކްލެޓުގެ ގޮތުގައި ފޮތުގެ ޔުނިޓްތައް ދަރިވަރުންނަށް ދެމުން ދިޔައިރު އޭގައި ހިމެނޭ ވޯކްޝީޓްތައް، އަލަށް ތައްޔާރު ކުރާ ޓެކްސްޓް ފޮތުގައި ވެސް ހިމެނޭނެ ކަމަށެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުމަށް ފޮތްތަކުގެ ބަދަލުގައި ބުކްލެޓުތަކެއް ބޭނުން ކުރުމަށް ފުރަތަމަ އެޑިއުކޭޝަން މިނިސްޓްރީއިން ނިންމީ އޭގެ ސަބަބުން ދަރިވަރުންގެ އަތްތަކަށް ލުއި ކުރުމުގެ ބޭނުމުގައި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެފަދައިން މިއަހަރުގެ ކިޔެވުން ފެށުން އިރު ކެމްބްރިޖް އިންވެސް ފޮނުވާފައި ވަނީ ކޮންމެ މާއްދާއެއްގެ ޔުނިޓްތައް ވަކިންނެވެ.