ހދ. ނޮޅިވަރަންފަރު ކައިރިން ކިނބުލެއް ފެނިފައި ވާތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އަންގައިފި އެވެ.

ނޮޅިވަރަންފަރުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން މިއަދު "ސަން" އަށް ވިދާޅުވީ އިއްޔެ ހެނދުނު އެ ރަށުން ވަދާ ގޮސް އުޅުނު މީހަކަށް ކިނބުލެއް ފެނުނު ކަމަށް ބުނާ ކަމަށެވެ. އަދި އެ ކިނބޫ އޭނާއަށް ފެނުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ހދ. ހަނިމާދޫއާ ނޮޅިވަރަންފަރާއި ދޭތެރެއިން ކަމަށެވެ.

"އެ ކިނބުލަކީ ގާތްގަނޑަކަށް އަށެއްކަ ފޫޓުގެ ކިނބުލެއް ކަމަށް އޭނާ ބުނި. ދެން އަޅުގަނޑުމެން ހަމަ އެކަން އިނގުން ހިސާބުން ފަށައިގެން ވާނީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އަންގާފައި. ދެން އަޅުގަނޑުމެން މިއަދު ވާނީ އެމްއެންޑީއެފްއަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައި،"

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ ނޮޅިވަރަމްފަރު ކައިރިން އިއްޔެގެ ހެނދުނު 9:30 ހާއިރު ކިނބުލެއް ފެނުން ކަމަށް ބުނާ މީހާއާ ފުލުހުން ސުވާލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި އެކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށާއި ރަށަށް ކިނބޫ އަރާފައިހުރިތޯ މިހާރު ބަލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ބެލިން އެރަށަށް ކިނބޫ އަރާފައިވޭތޯ. އެކަހަލަ ނިޝާނެއް ފެނިފައިވޭތޯ. އެހެންނަމަވެސް އެކަހަލަ ނިޝާނެއް އަދި ފެނިފައެއްނުވެ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރަކަށް އައިސް ކިނބޫ ފެންނަމުންދާ ކަމަށް ރިޕޯޓް ކުރަމުންދާ އިރު، ދާދިފަހަކުން ވަނީ ލ. އިސްދޫ ފަޅުތެރެއިން 10 ފޫޓްގެ ކިނބުލެއް ހިފައިފަ އެވެ. އަދި ހއ. ހޯރަފުށީ ކައިރިންނާއި ފިއްލަދޫ ކައިރިން ކިނބުލެއް ފެނިގެން ސިފައިންނަށް ދަނީ އޭތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.