ސްރީލަންކާގެ އާ ސަރުކާރުގެ ފަރަތަމަ ޓެސްޓުން ޕާލަމެންޓްގައި އެ ސަރުކާރު ފާސްވެއްޖެ އެވެ. މިދިޔަ މަހު 29ގައި މަޖިލީހަށް ހުށަހެޅި އަދި 1.6 މިލިއަން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި އަދި އެ ނޫން ކަންކަމަށް ހުށަހެޅި އިންޓަރިމް ބަޖެޓް އިއްޔެ ފާސްވީ 164 ވޯޓުނުންނެވެ. އެ ބަޖެޓް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެމްބަރެވެ.

ލަންކާގެ ޕާލަމެންޓްގައި 225 ގޮނޑި ހިމެނެ އެވެ. އޭގެ ތެރެއިން ބޮޑުވަޒީރު ރަނިލް ވިކަރަމަ ސިންގްހާގެ ޔޫއެންޕީގެ މެންބަރުންގެ އަދަދަކީ 41 އެވެ.

ލަންކާގެ ޕާލެމެންޓް --

އެ ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން އަދި ސްރީލަންކާ ފްރީޑަމް ޕާޓީ ( އެސް އެލް އެފް ޕީ)ގެ މެންބަރު ނަމަލް ވެސް ހިމެނިވަޑައިގަނެވެ. އޭނާ ކަލަމްބޯ ގެޒެޓަށް މިއަދު ވިދާޅުވީ އޭނާ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވީ ޕާޓީގެ ވަހުދަތާއި ނަޒާހަތްތެރިކަން ހިފެހެއްޓުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޭނާ ވޯޓު ދެެއްވީ ވޯޓު ދެއްވާ ހިތުން ނޫން ކަމަށާއި އެއްގޮތަކަށް ވެސް ބަޖެޓާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޓަރިމް ބަޖެޓް ތައްޔާރު ކޮށްފައި ވަނީ ކައިރި މުސްތަގަބަލަށް ބަލައިގެން އަދި ކުރިއަށް އޮތް އިންތިހާބުތަކަށް ފޯކަސްކޮށްގެން ރައްޔިތުން ރުއްސަން ކަމަށެވެ. އޭނާ ވިދާޅުވީ އަހަރު ދުވަހަށް އަމާޒުކޮށްފައިވާ ކަންކަން ނެތް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ޕެޓްރޯލާއި ޑީސަލާއި ކަރާސިން އާއި އެލްޕީ ގޭސް އަގުހެޔޮ ކުރުމަކީ މީހުންނަށް އެކަމުން ހިތްހަމަޖެހުން ލިބޭނެ ކަންކަން ކަމަށާއި އެކަމަކުއެއީ ދެމެހެއްޓިނިވި ގޮތެއްގައި އިގްތިސާދަށް މާބޮޑު ފައިދާއެއް ކުރާނެ ކަންކަން ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އާ ސަރުކާރުން ތެލުގެ އަގު ދަށް ކުރި އިރަކީ ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު މައްޗަށް ހިފާފައި ހުރި ދުވަސްވަރެއް ކަމަށެވެ.

ނަމަލް ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އާ ސަރުކާރުން ބަޖެޓް ކުރުމަކީ ވެސް ޒިންމާދާރު ކަމެއް ނޫން ކަމަށާއި އެއީ ވެސް ދެެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އާ ސަރުކާރުން ދަނޑުވެރިންނަށް 50 ރުޕީސް އަށް ގަސްގާނާ ހޯދައިދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ވީޓާއި ޕާން ވިއްކޭ އަގު ކުޑަކަމާ އެކު އެ ވަރު ވެސް އެއީ ދަނޑުވެރިންނަނަށް ދެކޮޅު ޖެއްސޭ އަދަދަކަށް ނުވާނެ ކަމަށެވެ.