12 Feb 2011, 14:02
ޙުސްނީ މުބާރަކު 30 އަހަރު ވަންދެން މިސުރުގެ 80 މިލިއަން ރައްޔިތުންގެ މިނިވަންކަން އޭނާ ބޭނުންފުޅު ގޮތަކަށް ބައްޓަންކުރައްވަމުން ގެންދެވި އެވެ. ރައްޔިތުންގެ ޙައްޤުތައް އޭނާގެ ފައިތިލަފުޅު ދަށަށް ލައްވައި މުގުރުއްވަވަމުން ގެންދެވި އެވެ. ޤައުމުގެ މުއްސަނދިކަމުގެ ތެރެއިން 70 ބިލިއަން ޑޮލަރާ ގާތްކުރާ ޢަދަދެއް އަމިއްލަފުޅު ތިޖޫރީތަކަށް ލައްވައި އެފަދަ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް އޭނާގެ އެކުވެރީންނާއި އައުވާނުންގެ ތިޖޫރީތަކަށް ވެސް ލައިދެއްވި އެވެ. އޭނާގެ އަނިޔާވެރިކަމާއި ނުބައިކަމާ ދެކޮޅަށް ޙަޤީޤީ ބިރަކަށް ވި ކޮންމެ މީހެއްގެ މުޅި ދިރިއުޅުން ނަރަކައަކަށް ހެއްދެވި އެވެ. ނަމަވެސް މިއަދު އޭނާގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރިއްޔަތުގައި ވަނީ ސިއްކަ ޖެހިފަ އެވެ. ހިތްވަރާއި އަޒުމާ އެކު އަށާރަ ދުވަސް ވަންދެން މިސުރުގެ ރައްޔިތުން ކުރި މިނިވަންކަމުގެ ޖިހާދުގެ ކުރިމަތީގައި ބަލިވެވަޑައިގެން، މުބާރަކު މިހާރު ވަނީ މިސުރުގެ ރައީސްކަން ދޫކޮށްލައްވާފަ އެވެ. ގަދަބަދަވިކަމާއި "ސިޔާސީ މަކަރުވެރިކަމުގެ" އެންމެހައި މަންތަރުތަކެއް ހައްދަވައިގެން ވެސް ނަތީޖާއެއް ނުނުކުތުމުން އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ. އިއްޔެއަކީ "ވަދާޢީ ހުކުރު ދުވަސް"ކަމަށާއި، އިއްޔެއަކީ މުބާރަކުގެ ވެރިކަން ނިމުމަކަށް ގެންނާނެ ދުވަސް ކަމަށް ރައްޔިތުން ބުނި ބުނުން އެ މީހުން ވަނީ ތެދުކޮށްފަ އެވެ.
މިސުރުގެ ސިޔާސީ މަސްރަޙަށް މި އައި ބޮޑު ބަދަލާ އެކު، ގައުމުގެ މުސްތަގުބަލަށް ވާނީ ކިހިނެއްތޯ މިއީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ސުވާލެވެ. ޤައުމުގެ ސިޔާސީ ދާއިރާގައި އެންމެ ނުފޫޒު ގަދަ ބަޔަކީ ނުވަތަ މީހަކީ ކޮބައިތޯ، ވެރިކަމަށް ފައިނަގައިގެން ތިބީ ކޮން ބައެއްތޯ، އެ މީހުންގެ ސިޔާސަތުތައް ހުންނާނީ ކޮން ކަހަލަ ގޮތަކަށްތޯ މިއީ އުފެދޭ އަދި ކުރެވޭ މުހިއްމު ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބު ދޭން ވާހަކަ ދައްކާ އިރު މައިގަނޑު ގޮތެއްގައި ފާހަގަކުރަން ޖެހެނީ ތިން ފަރާތެކެވެ. އެއީ އިޚްވާނުލް މުސްލިމޫން ޖަމާއަތާއި، މުޙައްމަދުލް މުސްޠަފާ އަލްބަރާދަޢީ އާއި ޢުމަރު ސުލައިމާނެވެ. ހަމައެއާ އެކު، ޢަމްރު މޫސާއާއި އަޙްމަދު ޙަސަން ޒުވައިލް ފަދަ ބޭފުޅުންނަކީ ވެސް މިސުރުގެ ވެރިކަމުގެ ލަގަނުގައި ހިއްޕަވައިފާނެ ބޭފުޅުންނެވެ.
މީގެ ތެރެއިން އަޙުމަދު ޙަސަން ޒުވައިލަކީ 1999 ވަނަ އަހަރު ކެމިސްޓްރީގެ ރޮނގުން ނޮބެލް އިނާމު ހާސިލުކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ސިޔާސީ ބޭފުޅަކަށް ނުވެފައި، މުޅި ޤައުމުގެ ލޯބި ޙާސިލުކުރައްވައިގެން ހުންނެވި ބޭފުޅަކަށް ވެވަޑައިގަންނަވާތީ، މި ދަނޑިވަޅުގައި އޭނާގެ ޒައާމަތުގައި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލައި، އިދިކޮޅު ހުރިހާ ޕާޓީތަކެއް އޭނާއާ ބައިވެރިވެގެން މަސައްކަތްކުރަން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެގޮތަށް އުފެދޭ ސަރުކާރެއްގެ މަސައްކަތަކަށް ވާނީ ގައުމުގެ ސިޔާސީ ހަލަނބޮލިކަން ނިމުމަކަށް ގެނެސް، އިންތިޚާބު ބާއްވައި ޕާރލަމެންޓަށް މެންބަރުން ހޮވުމާއި، ރިޔާސަތަށް ބޭފުޅަކު އިންތިޚާބުކުރުމެވެ.
ވެއަތުވެދިޔަ ތާނގައި މިސުރުގެ ވެރިކަމުގެ ކަންތައްތަކުގައި ޢަސްކަރިއްޔާގެ ދައުރު އޮތް ގޮތަށް ބަލާ އިރު، ވެރިކަމުގެ ބާރުތައް ޢަސްކަރިއްޔާގެ އަތްމައްޗަށް އައުމަކީ ވެސް ނުވާނެކަމެކޭ ބުނެވޭކަށް ނެތެވެ. މުބާރަކު އިސްތިއުފާ ދެއްވަމުން ގައުމުގެ ބާރުތައް ޙަވާލުކުރެއްވީ ވެސް ޢަސްކަރިއްޔާއާ އެވެ. ޢަސްކަރިއްޔާގެ ފަރާތުން އެ ބާރުތަކާ ހަވާލުވީ ހަތިޔާރު އެޅި ފައުޖުތަކުގެ "އެންމެ މަތީ މަޖިލީހެވެ". މި މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން، ގައުމުގެ ބާރުތަކުގެ ލަގަނުގައި ހިއްޕެވީ ދިފާޢީ ވަޒީރު މުޙައްމަދު ޙުސައިން ޠަންޠާވީ އެވެ. އެހެންކަމުން ޤައުމުގެ ސިޔާސީ ދާއިރާގައި ވަރަށް މުހިއްމު ބޭފުޅަކަށް ޠަންޠާވީ ވެސް މިހާރު ވަނީ ވެވަޑައިގެންފަ އެވެ. ވަގުތީ ސަރުކާރެއް އުފެދޭ އިރު އެ ސަރުކާރުގެ ލަގަނުގައި ހިއްޕަވާ ބޭފުޅަކީ ޠަންޠާވީ ކަމަށް ވުމަކީ ވެސް މުސްތަހީލު ކަމެއް ނޫނެވެ.
ދުރު މުސްތަގުބަލަކަށް ބަލާ އިރު، މިސުރުގެ ސިޔާސީ ބާރުތައް އިޚްވާނުލް މުސްލިމޫނަށް ވެސް ލިބިދާނެ އެވެ. ޤައުމުގެ ރިޔާސަތުގައި މުޙައްމަދުލް ބަރާދަޢީ ވެސް ހިއްޕަވައިފާނެ އެވެ. އިޚްވާނުލް މުސްލިމޫން ވެސް، އަދި އަލްބަރާދަޢީ ވެސް ވަނީ މުބާރަކުގެ ވެރިކަން ނިމުމަކަށް ގެންނަން ރައްޔިތުން ކުރި ޖިހާދުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މުބާރަކު އިސްތިއުފާ ދެއްވުމުން ބަރާދަޢީ ވިދާޅުވިގޮތުގައި "މިއީ ފޮނި ހުވަފެނެއް ޙަޤީޤަތަކަށް ވުން ފަދަ ކަމެކެވެ."
މިހާރު މިސުރުގެ ސިޔާސީ ދާއިރާގައި އެންމެ ނުފޫޒު ގަދަ ޖަމާއަތަކީ "އޭޕްރިލް 6 ޙަރަކާތް"ގެ ނަން ދެވިފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުގެ ޙަރަކާތްތައް ފެށުނީ 2008 ވަނަ އަހަރުގަ އެވެ. މިސުރުގެ ސިނާއީ ޝަހަރެއް ކަމަށް ވާ އަލްމަޙައްލާ އަލްކުބްރާގައި މަސައްކަތްތެރީންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި "ސްޓްރައިކެއް" އިންތިޒާމުކުރަން ޒުވާނުންގެ ބަޔަކު ގޮވާލި ހިސާބުންނެވެ. މި ސްޓްރައިކް ބާއްވަން ހަމަޖެހުނު ތާރީޚަކީ އެ އަހަރުގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހެވެ. މި ޙަރަކާތަށް "އޭޕްރިލް 6 ޙަރަކާތް" މި ނަން ދެވުނީ އެހެންވެގެންނެވެ. އެއިރުއްސުރެ މި ޖަމާޢަތުގެ ޙަރަކާތްތަކުގެ މައިގަނޑު މަންސަތަކަށް ވެފައި އޮންނަނީ ފޭސްބުކާއި ޓްވިޓަރާއި ފްލިކަރ ފަދަ އޮންލައިން އިޖުތިމާއީ ވިޔުގަތަކެވެ.
ޓިޔުނީޝިއާގެ "ހުވަނދުމާ އިންޤިލާބާ" ގުޅިގެން މިސުރުގައި ސަރުކާރާ އިދިކޮޅު މުޒާހަރާތަކެއް އެންމެ ފުރަތަމަ ފެށީ އޭޕްރިލް 6 ޙަރަކާތުގެ މެންބަރުންނެވެ. "ޔައުމުލް ޣަޟަބް" ގެ ގޮތުގައި ޖެނުއަރީ 25 ވަނަ ދުވަސް ފާހަގަކޮށް، އެ ދުވަހު މުބާރަކުގެ ސަރުކާރާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާން ފެށީ މި މީހުންނެވެ. ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މި ފަހަރުގެ މުޒާހަރާތައް ފެށީ މިސުރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ކަމަށެވެ. ނަމަވެސް މިއީ މުޅީން ކުށް ހީއެކެވެ. ސިޔާސީ ލީޑަރުންނާއި ޕާޓީތައް ރައްޔިތުންގެ ސަފުތަކުގައި ބައިވެރި ވީ އޭޕްރިލް 6 ހަރަކާތުގެ މެންބަރުން މުޒާހަރާތައް ފެށި ފަހުންނެވެ. ސަރުކާރު ޙިމާޔަތްކުރާ ފަރާތްތަކާ ކުރިމަތިލައި، ރަޔަޓް ފުލުހުންގެ ހަރުކަށިކަމާ ދެކޮޅަށް އެންމެ ބޮޑަށް ހިތްވަރުކުރީ ވެސް މި ޙަރަކާތުގެ ޒުވާން މެންބަރުންނެވެ.
އޭޕްރިލް 6 ޙަރަކާތަކީ، ބެލެވޭ ގޮތުގައި ރައްޔިތުންގެ ޙަރަކާތެކެވެ. ވަކި ސިޔާސީ ލީޑަރަކަށް ތާއީދުކުރާ ބަޔަކު އިންތިޒާމުކޮށްގެން އުޅޭ ޙަރަކާތެއް ނޫނެވެ. ނަމަވެސް އެ މީހުންގެ ތާއީދު އެންމެ ބޮޑަށް އޮތީ މުޙައްމަދުލް މުސްޠަފާ އަލްބަރާދަޢީ އަށެވެ. އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގެ ތިންވަނަ ދައުރު ފުރިހަމަ ކުރައްވާފައި 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބަރާދަޢީ މިސުރަށް އެނބުރިވަޑައިގަތުމުން އޭނާއަށް މަރުޙަބާކިޔަން މި ޙަރަކާތުގެ މެންބަރުން ބޮޑު ހަފުލާއެއްވެެސް ޤާހިރާގެ ވައިގެ ބަނދަރުގައި އިންތިޒާމުކުރިއެވެ. އެ ޙަފުލާ އިންތިޒާމުކުރީ ވެސް އެފަދަ ކަމެއް ނުކުރަން މިސުރުގެ ސަލާމަތީ ބާރުތަކުން އިންޒާރުދީފައި އޮއްވަ އެވެ.
ކުރިމަގުގައި މިސުރުގެ ރިޔާސަތަށް ވަޑައިގެންފާނޭ އެއް ބޭފުޅަކީ ޢަމްރު މުޙައްމަދު މޫސާއެވެ. ޢުމުރުފުޅުން 74 އަހަރު ވީ ޢަމްރު މޫސާ އަކީ 2001 ވަނަ އަހަރުން ފެށިގެން 22 ޤައުމު ހިމެނޭ ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނާ އަކީ ޤާނޫނީ ރޮނގުން ތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެއަށް ފަހު ޑިޕްލޮމެޓިކް ދާއިރާއަށް ނިކުމެ ވަޑައިގަތެވެ. 1991 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތެއް ވަންދެން މިސުރުގެ ޚާރިޖީ ވަޒީރުކަން ވެސް އޭނާ ކުރެއްވި އެވެ. އެ ދުވަސްވަރު އޭނާގެ މަޤުބޫލުކަން މިސުރާއި ޢަރަބި ދުނިޔޭގައި ވަރަށް ބޮޑުވެ، ޙުސްނީ މުބާރަކުގެ މަޤާމަށް ހުރި ބިރަކަށް އޭނާ ވެވަޑައިގަތެވެ. ބެލެވޭ ގޮތުގައި ޙުސްނީގެ ބާރުގައި 2001 ވަނަ އަހަރު އޭނާ ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރެވުނީ ވެސް މުބާރަކުގެ ރޭއްވެވުމުގެ ދަށުން، މިސުރުގެ ދާޚިލީ ސިޔާސަތުގެ މަސްރަހުން އޭނާ ބޭރުކޮށްލަން ވެގެންނެވެ. އެއިރުއްސުރެ އެ މަޤާމުގައި ހުންނެވި ޢަމަރުގެ ހިތްޕުޅުގައި މިސުރުގެ ރިޔާސަތަށް ފައިނެންގެވުމުގެ ނިޔަތް އޮތްކަން އޭނާ ވަނީ ނުސީދާކޮށް ހާމަކުރައްވާފައެވެ. 2011 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފާނެތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ދާދިފަހުން ވިދާޅުވީ އެއީ "ޤައުމަށް ޚިދުމަތްކުރުމަށްޓަކައި އެ މަންސަތުގައި އެދެވޭގޮތެއްގައި ޙަރަކާތްތެރިވެވިދާނެކަމުގެ އިތުބާރު އޮތް ކޮންމެ ރައްޔިތަކަށް ވެސް އޮތް ޙައްޤެއް ކަމަށެވެ."
މިސުރުގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައި، ޢިރާޤާއި ފަލަސްޠީނުގެ މައްސަލައިގައި ޢަރަބި ދުނިޔޭގެ ލޯބި ލިބޭ ފަދަ ސިޔާސަތެއް ގެންގުޅުއްވި ނަމަވެސް، ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމުގައި ހުންނަވައިގެން ޢަމްރު މަސައްކަތްކުރެއްވި ގޮތާ މެދު ޝަކުވާތައް އުފުލިފައިވެ އެވެ. އެ ގޮތުން އޭނާގެ އަރިސް ބޭފުޅުންނަށް ޚާއްސަ ގޮތްތައް ހައްދަވައިދެއްވާ ކަމަށާއި އޭނާގެ އަމިއްލަފުޅު ފައިދާއަށް ވިސްނަވައިގެން ކަންތައްތައް ކުރައްވާ ކަމަށާއި، ލީގުގެ ތެރެއިން އޭނާގެ ސިޔާސަތަށް ފާޑު ކިޔާ ފަރާތްތަކަށް އުނދަގޫތައް ކުރިމަތިކުރައްވާ ކަމަށް ބުނެވެއެވެ. މިފަދަ ވާހަކަތަކެއް އެންމެ އަޑުހަރުކޮށް ދެއްކީ ދާދި ފަހަކާ ޖެހެންދެން ލީގުގައި މަސައްކަތްކުރި ޑިޕްލޮމެޓް އަދި ލިޔުންތެރިޔާ ޛާބިޔާ ޚާމިސެވެ. އޭނާ ވަނީ މިހާރު ލީގުގައި މަސައްކަތް ނުކުރެވިގެން ކަމަށް ބުނެ މަޤާމު ދޫކޮށްލާފައެވެ.
މިސުރުގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އިދިކޮޅު ޕާޓީތަކަށް ބަލާ އިރު، އެންމެ ފާހަގަކޮށްލެވެނީ އިޚްވާނުލް މުސްލިމޫނެވެ. އިޚްވާނުގެ އިތުރަށް ޙަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީއަކީ "ވަފްދު ޕާޓީ" އެވެ. ބައެއް މުހައްލިލުން ވިދާޅުވާ ގޮތުގައި "ވަފްދު ޕާޓީ" އަކީ މުބާރަކާ ގުޅުން އޮންނަ ޕާޓީއެކެވެ. އިދިކޮޅު ޕާޓީއެއްގެ ސިފައިގައި އޮވެ، މުބާރަކުގެ މަސްލަހަތުތަކަށް ފައިދާހުރި ގޮތްގޮތަށް ކަންތައް ކުރާ ޕާޓީއެކެވެ. މި ފަހަރު މުބާރަކުގެ ވެރިކަން ވައްޓާލަން ރައްޔިތުން ކުރި މަސައްކަތްތަކުގައި ވެސް "ވަފްދު ޕާޓީ" ގެ ފަރާތުން ބައިވެރިވެފައެއް ނުވެ އެވެ.
ރަސްމީ ގޮތުން ގަބޫލުކުރެވިފައިވާ އިދިކޮޅު ޕާޓީތަކުގެ ތެރެއިން މުބާރަކާ އިދިކޮޅަށް އެންމެ ބޮޑަށް ޙަރަކާތްތެރިވެފައި ވާ ޕާޓީއަކީ "ޣަދު ޕާޓީ" އެވެ. 2005 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މުބާރަކާ ވާދަކުރެއްވި އައިމަން ނޫރަކީ ކުރީން މި ޕާޓީގެ ލީޑަރެވެ. އެ އިންތިޚާބަށް ފަހު މުބާރަކު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ އޭނާއާ ވާދަކުރެއްވީތީ އައިމަން ނޫރަށް "އަދަބު" ދެއްވުމެވެ. އެގޮތުން މުބާރަކުގެ ސަރުކާރުން އޭނާއާ ދެކޮޅަށް ޚިޔާނާތާއި މަކަރުހެދުމުގެ ކުށުގެ ތުހުމަތުތަކެއް ފެންމަތިކޮށް އޭނާ ޖަލަށް ލި އެވެ. އެއަށް ފަހު ސަރުކާރުގެ އަމުރަށް ސަލާމަތީ ބާރުތައް "ޣަދު ޕާޓީ"ގެ އޮފީހަށް ވަދެ، އެ އޮފީހަށް އެތައް ގެއްލުންތަކެއް ދީފައިވެ އެވެ. އެ ކަންތައްގަނޑު ނިމިގެން ދިޔައީ ޕާޓީގެ އޮފީހުގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ވެސް ހިނގައިގެންނެވެ. ބެލެވޭގޮތުގައި އެއީ ވެސް މުބާރަކުގެ އައުވާނުން ގަސްތުގައި ކުރި ކަމެކެވެ. ޖަލުގައި ތިން އަހަރު ވުމަށް ފަހު އައިމަން މިނިވަން ވެވަޑައިގަތީ 2009 ގެ ފެބްރުއަރީ މަހު އެވެ. އެއިރުއްސުރެ އައިމަން ގެންދަވަނީ މުބާރަކާ ދެކޮޅު ޙަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ. މި ފަހަރުގެ މުޒާހަރާތަކުގައި ވެސް، އެންމެ ފުރަތަމަ ދުވަހުއްސުރެ އޭނާ ބައިވެރިވެވަޑައިގެންފައި ވެއެވެ. މުބާރަކުގެ ވެރިކަން ވެއްޓުމާ ގުޅިގެން އައިމަން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ނަމަ ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާނެ ކަމަށެވެ.
މިސުރުގެ ރައްޔިތުންގެ މިނިވަންކަމުގެ ޖިހާދަށް ލިބުނު ނަސްރަކީ ދުނިޔޭގެ މި ޒަމާނުގެ ތާރީޚުގައި ހިނގާދިޔަ އެންމެ ޙައްސާސީ އަދި އެންމެ މުހިއްމު އެއް ހާދިސާ ކަމަށް މުހައްލިލުން ވިދާޅުވެ އެވެ. "ރައްޔިތުންގެ ބާރު" އެއީ ކިހައި ވަރުގަދަ އެއްޗެއް ކަން މި ޖިހާދުގެ ކާމިޔާބީގެ ސަބަބުން ސާބިތުވެގެން ގޮސްފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. ހަމަ އެފަދައިން، ޓިޔުނީޝިއާގެ "ހުވަނދުމާ އިންގިލާބާއި" މިސުރުގެ ރައްޔިތުންގެ އިންގިލާބަށް ފަހު، ޢަރަބި އިސްލާމީ ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް މިފަދަ ބަދަލުތައް އައުން ދެން މާ ދުރެއް ނޫން ކަމަށް ވެސް ބެލެވެ އެވެ. "ހުރިހާ ކަމެއް އެންމެ މޮޅަށް ދަންނަ ކަމަށް ހެދިގެން އުޅޭ ފެސިސްޓް ހުޅަނގު"ގެ ލީޑަރު، އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް އޭނާގެ އަޅު މުބާރަކުގެ ވެރިކަމަށް ތާއީދުކުރެއްވި އެވެ. މުބާރަކު ފިއްލެވީމާ އޭނާ ވިދާޅުވީ "މުބާރަކު ވެރިކަމުން ފައިބާވަޑައިގަތީ މިސުރުގެ ރައްޔިތުން ބަދަލަކަށް ފެންބޮވައިގަތުމާ ވިދިގެން ރައްޔިތުންގެ އެދުމަށް އިޖާބަދެއްވުމަށް ޓަކައި" ކަމަށެވެ. އޮބާމާ އެވެ! ތިޔަ ވިދާޅުވެވުނީ ރަނގަޅަކަށް ނޫނެވެ. ތިބާގެ އަޅު މުބާރަކުގެ ލާދީނީ، އަނިޔާވެރި، ނުބައި ވެރިކަމާ ހުރެ ދިރިއުޅުން ބުރައަކަށް ވުމުން، މިސުރުގެ ރައްޔިތުން އެ މީހުންގެ މިނިވަންކަމާއި ޙައްޤުތަކަށް ޓަކައި ޖިހާދުކޮށް، މުބާރަކު ވެރިކަމުގެ ގޮނޑިން ބޭލުވީއެވެ. އިންގިލާބު ގެނެސް، ރައްޔިތުންގެ ބާރުގައި މުބާރަކުގެ އަނިޔާއާއި ޚުދުމުޚުތާރިއްޔަތުގެ ކަޅު ބާބު ނިމުމަކަށް ގެނައީ އެވެ.