08 Feb 2015, 16:53
މަންދު ކޮލެޖުގެ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީ އިން ބާތިލުކޮށް އެތަން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް 15 ދުވަހުގެ ނޯޓިސްދީފައި ވަނިކޮށް އެ ކޮލެޖުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
މަންދު ކޮލެޖުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 1200 އަށް ވުރެ ގިނަ ދަރިވަރުންނާ އެކީ މަންދު މަންދު ކޮލެޖުގެ ތައުލީމީ އާ އަހަރު މިއަދު ފަށައިފަވާ ކަމަށެވެ. އަދި މިއަދަދަކީ މިދިޔަ އަހަރުގެ އިންޓޭކްއާ އަޅާ ބަލާއިރު 50 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ކޮލެޖުން ބުނީ މަންދު ކޮލެޖުގެ މާލެ ކެމްޕަސްގައި އާ ވާޗުއަލް ކެމްޕަސްގައި 13 ކޯހެއްގެ ކިޔެވުން ކުރިއަށް ދާނެ ކަމަށެވެ. އަދި ވާޗުއަލް ކެމްޕަސްގައި 130 ރަށަކުން ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި ކިޔަވާދިނުން އޮންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ދެމެދު ކަމަށް ވެސް އެކޮލެޖުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެކޮލެޖުން ހިންގާ ކޯސްތަކުގައި ދަރިވަރުންނަށް ކިޔަވާ ދެއްވާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރުން ކަމަށެވެ.
މަންދު ކޮލެޖުގެ އެއްބަސްވުން ބާތިކޮށް އެތަން އެޑިއުކޭޝަނާ ހަވާލުކުރުމަށް ދީފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
އެ މައްސަލާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ނަޒީރު މި މަހުގެ އެއް ވަނަ ދުވަހު ވިދާޅުވީ މަންދު ކޮލެޖުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީ އިން އަމަލު ކުރަމުންދަނީ ގާނޫނާއި ގަވާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މަންދު ކޮލެޖުން ބުނީ އެ ކޮލެޖުގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރަން އުޅެނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެގްރީމެންޓާ ހިލާފަށް ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ކަންތައް ކުރާނީ ގާނޫނާއި ގަވާއިދުތަކާއި ހެދިފައިވާ އެގްރީމެންޓުތަކާއި އެއްގޮތަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަންދު ކޮލެޖަށް ދީފައިވާ އެމްއީއެސް އިމާރާތަކީ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކިޔަވަމުން ދިޔަ މަޝްހޫރު ސުކޫލެކެވެ. އެ ސްކޫލް ކޮލެޖަކަށް ބަދަލުކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި އެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކޮށް 2012 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ މަންދު ކޮލެޖް ހިންގަން އެމްއީއެސް އިމާރާތް ހަވާލުކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގައި، ކޮލެޖް ހިންގާ ނަމަ އެތަން ބީލަމަކަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައި އެވެ.